ވެން ޑައިކަށް ލިވަޕޫލުގެ ލެޖެންޑަކަށް ވެވިދާނެ: ކެރެގާ
ވެން ޑައިކަށް ލިވަޕޫލުގެ ލެޖެންޑަކަށް ވެވިދާނެ: ކެރެގާ

ލިވަޕޫލް (އޮގަސްޓް 22) – ލިވަޕޫލުގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އެ ކްލަބުގެ ލެޖެންޑެއްގެ ދަރަޖަ ހާސިލްކުރެވިދާނެ ކަމަށް މުޅި ކެރިއަރު ލިވަޕޫލުގައި ހޭދަކުރި ކުރީގެ ޑިފެންޑަރު ޖެމީ ކެރެގާ ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ލިވަޕޫލުން 75 މިލިއަން ޕައުންޑް ދީފައި ސައުތުހެމްޓަނުން ވެން ޑައިކް ގެނައުމުން ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކަމަކު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދީފަ އެވެ. މި ސީޒަނުގައި ލިވަޕޫލް ކުޅުނު ދެ މެޗުގައި ވެސް އުމުރުން 27 އަހަރުގެ ޑިފެންޑަރު ވަނީ އެ ކުޅުން ތަކުރާރުކޮށްފަ އެވެ.

"އަހަންނަށް އެނގޭ ވައިން ޑައިކަކީ މޮޅު ކުޅުންތެރިއެއްކަން. އެކަމަކު އަހަރެން ހީކުރި ވަރަށް ވުރެ އޭނާ މޮޅު،" ސްކައި ސްޕޯޓްސްގައި ވާހަކަދައްކަމުން ކެރެގާ ބުންޏެވެ. "އަހަރެމެން އަބަދުވެސް ބުނަން ލިވަޕޫލަށް ޕްރިމިއާ ލީގު ކާމިޔާބުނުކުރެވޭނެޔޭ ޑިފެންސް ދަށްކަމުން. އެކަމަކު މިހާރު އެ ޓީމުގައި އެހެރީ ވެން ޑައިކް، އަހަރެން ދެކޭ ގޮތުގައި ލީގުގައި ހުރި އެންމެ މޮޅު ސެންޓްރަލް ޑިފެންޑަރު."

ކެރެގާ ބުނީ ލީޑަރެއްގެ ގޮތުގައި އަދި ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައި މެންޗެސްޓާ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ މިދިޔަ ހަތަރު އަހަރު ހުރި މަގާމަށް ދާން ހުރި ކުޅުންތެރިޔަކީ ވެން ޑައިކް ކަމަށެވެ.

"އެއީ ވަރަށް އެއްގޮތް ދެ ކުޅުންތެރިން. އެ ދެ ކުޅުންތެރިންގެ ކިބައިގައި ނެތް ކަމެއް ނެތް. މީގެ ތިން އަހަރު ކުރިން ކޮމްޕެނީ އޭނާގެ އެންމެ މަތީ ފޯމުގައި ހުރިއިރު، އޭނާ އަށް ވުރެ މޮޅު ސެންޓްރަލް ޑިފެންޑަރެއް ހުރިހެން އަހަންނަށް ހީނުވޭ،" އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.

ކެރެގާ ބުނީ ޔާގެން ކްލޮޕްގެ ކޯޗުކަމުގެ ދަށުން ލިވަޕޫލުން ބޮޑު ކާމިޔާބެއް ހޯދައި އަދި އެ ކާމިޔާބީގެ މުގުލުގައި ވެން ޑައިކް ހުރެފި ނަމަ، ލިވަޕޫލުގެ ތާރީހު ދުށް އެންމެ މޮޅު ޑިފެންޑަރުންގެ ވާހަކަ ދައްކާއިރު އެލަން ހެންސަންގެ ނަމާ އެއްކޮށް ވެން ޑައިކްގެ ނަން ކިޔަން ޖެހޭނެ ކަމަށެވެ.

ކެރެގާ ބުނީ ދުވެއްޔާއި ވަރުގަދަ ކަމާއި ހުނަރަށް ބަލާއިރު އާއްމުކޮށް ޑިފެންޑަރުންގެ ކިބައިގައި ހުންނަނީ އެފަދަ ބައެއް ކަންކަން ކަމަށާއި ދެން ހުރި ބައެއް ބައިތައް ފޫބައްދައިދެނީ އޭނާގެ ޑިފެންސިވް ޕާޓްނަރު ކަމަށެވެ.

"މިވަގުތު ވެން ޑައިކްގެ ކިބައިގައި އެހުރިހާ ކަމެއް ފުރިހަމަ،" ކެރެގާ ބުންޏެވެ.