22 އޯގަސްޓް 2018 - 09:05

މޮންޓެ ކާލޯ (އޮގަސްޓް 22) – މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ފާޑުކީ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޕައުލް ސްކޯލްސް އަށް ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ބަހުގެ ހަމަލާތަކެއް ފޮނުވާލައިފި އެވެ.
ޕޮގްބާ އަށް ސްކޯލްސް ފާޑުކިޔާފައިވަނީ ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ބްރައިޓަން އަތުން 3-2 އިން ޔުނައިޓެޑް ބަލިވި މެޗަށް ފަހު އެވެ. މި ސީޒަނުގައި ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް އަޅަމުން އަންނަ ޕޮގްބާ އަށް އެ ދުވަހު އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެކަން އޭނާ ވެސް ގަބޫލުކުރި އެވެ.
ޓީވީ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ކުރީގެ އެއް ވަނަ މިޑްފީލްޑަރު ސްކޯލްސް ބުނީ ޔުނައިޓެޑުގައި ލީޑަރުން މަދު ކަމަށާއި އޭނާ ހީކޮށްގެން ހުރީ ޓީމަށް ބޭނުންވާ ފުރިހަމަ ލީޑަރަށް ވާނެ މީހަކީ ޕޮގްބާ ކަމަށެވެ. އެކަމަކު ޕޮގްބާގެ ފަރާތުން އެކަމެއް ނުފެނުނު ކަމަށާއި އޭނާގެ ފަރާތުން ފެނިގެން ދިޔައީ ދަށް ކުޅުމެއް ކަމަށް ސްކޯލްސް ބުންޏެވެ.
އެކަމަކު އޭޖެންޓް ރައިއޯލާ އެވާހަކާ ދެކޮޅެވެ. އޭނާ ވަނީ ބައެއް މީހުން، އެ މީހުން މަތިން އާއްމުން ހަނދާން ނައްތާލަފާނެ ކަމުގެ ބިރަށްޓަކައި އަނގަތަޅަން ޖެހޭ ކަމަށް ބުނެ ސްކޯލްސް އަށް ހަމަލައެއް ފޮނުވާލައިފަ އެވެ. އަދި ޕޮގްބާގެ ކިބައިގައި ލީޑާޝިޕް ނެތް ކަމަށް ބުނުމުން، ރައިއޯލާ ވަނީ ސްކޯލްސް އަށް ލީޑަރުން ވަކިނުވާނެ ކަމަށް ބުނެފަ އެވެ.
"ސަރ ވިންސްޓަން ޗާޗިލްގެ ކުރިމަތީގައި ހުއްޓަސް، ޕައުލް ސްކޯލްސް އަށް ލީޑަރެއް ފާހަގައެއް ނުކުރެވޭނެ،" ދެ ވަނަ ބޮޑު ހަނގުރާމައިން އިނގިރޭސިންނަށް ކާމިޔާބު ހޯދައިދެއްވި ކުރީގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ރައިއޯލާ ބުންޏެވެ.
ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ މިޑްފީލްޑަރަކަށްވި އިރު، އޭނާ ދުނިޔޭގެ ރެކޯޑް އަގަކަށް 2016 ވަނަ އަނބުރާ ޔުނައިޓެޑަށް ގެންދިޔައީ ރައިއޯލާ އެވެ. އެކަމަކު ޕޮގްބާ އަށް ޔުނައިޓެޑުގައި އަދިވެސް ހަމަޔަކަށް ނޭޅެ އެވެ. އެންމެ ބޮޑު ސަބަބަކީ ކޯޗު ހޯސޭ މޮރީނިއޯއާ މައްސަލަތަކެއް އުފެދިފައިވުމެވެ. ޕޮގްބާ ގެންދަން ބާސެލޯނާ އިން މަސައްކަތްކުރަމުން އަންނައިރު ރައިއޯލާ ވަނީ އެކަމަށް ބާރު ލިބޭ ގޮތަށް އަދި އެކަން އޮތީ ނިމިފައިވަ ކަމަށް އިޝާރާތްކޮށް ޓްވީޓެއްކޮށްފަ އެވެ.
"ޕައުލް ސްކޯލްސް އެބަޖެހޭ ސްޕޯޓްސް ޑިރެކްޓަރަށްވެ އެޑް ވުޑްވަޑް (އެގްޒެކެޓިވް ވައިސް ޗެއާމަން) އަށް ލަފާދޭން ޕޮގްބާ ވިއްކާލަން. އޭނާ އަށް އާ ކްލަބެއް ހޯދަން އަހަރެމެން ޖެހޭނެ އެތައް ރެޔެއްގެ ނިދި ނަގާލަން."
ވަރަށް ގިނަ ފުޓްބޯޅަ ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާ ރައިއޯލާ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒު ގަދަ އެއް އޭޖެންޓެވެ. ޒަލަޓާން އިބްރަހިމޮވިޗާއި މާރިއޯ ބަލޮޓެލީ ފަދަ ކުޅުންތެރިންނަށް އޭނާ ވަނީ ފައިދާ ހުރި އެތައް ޑީލްތަކެއް ހޯދައިދީފަ އެވެ. އަދި އެ ޑީލްތަކުން އޭނާ ވެސް ބޮޑު ފައިދާއެއް ނަގަ އެވެ. އެގޮތުން ޔުވެންޓަސް އިން ޕޮގްބާ ޔުނައިޓެޑަށް ވިއްކާލި ޑީލުގެ ދަށުން ރައިއޯލާ އަށް 27 މިލިއަން ޔޫރޯ ލިބުނު ކަމަށް ޔުވެންޓަސްގެ ޖެނެރަލް ޑިރެކްޓަރު ބެއްޕޭ މަރޯޓާ ވަނީ ވިދާޅުވެފަ އެވެ.