ވެންގާ އަށް ލައިބީރިއާގެ އެންމެ މަތީ ޝަރަފް ދެނީ
ވެންގާ އަށް ލައިބީރިއާގެ އެންމެ މަތީ ޝަރަފް ދެނީ

މޮންރޮވިއާ (އޮގަސްޓް 22) – ލައިބީރިއާގެ އެންމެ މަތީ ޝަރަފް، އެ ގައުމުގެ ރައީސް ޖޯޖް ވެއާގެ ކުރީގެ ކޯޗު އާސެން ވެންގާ އަށް ދޭން ނިންމައިފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެފްރިކާ އަށް ނިސްބަތްވާ ހަމައެކަނި ފުޓްބޯޅަ ތަރި ވެއާ 1988 ވަނަ އަހަރު ޔޫރަޕަށް ގެންދިޔައީ ވެންގާ ކޯޗުކޮށްދޭ ފްރާންސްގެ މޮނާކޯ އިންނެވެ. އެ ކްލަބުގައި ވިދާލައި ފަހުން ޕީއެސްޖީ، އޭސީ މިލާން އަދި ޗެލްސީ އަށް ވެސް ކުޅުނެވެ.

އޭގެ ފަހުން 2003 ގައި ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަވައި މިދިޔަ އަހަރު ލައިބީރިއާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އެވެ.

ރައީސްގެ އަމިއްލަ ހައިސިއްޔަތަށް، މީހަކު ކޮށްދިން ކަމެއްގެ މައްޗަށް މި ޝަރަފް ނުދެވޭނެ ކަމަށް ލައިބީރިއާގެ އެއް ބަޔަކު ބުނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މި ޝަރަފް ވެންގާ އަށް ދެނީ ހަމައެކަނި ވެއާ އަށް ކޮށްދިން ހިދުމަތަކަށް ނޫނެވެ. ޖުމްލަކޮށް އެފްރިކާގެ ވަރަށް ގިނަ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ އެފްރިކާގެ ކުޅިވަރަށް ވެސް ކޮށްދިން ހިދުމަތަށް ކަމަށް އެ ގައުމުގެ އޮފިޝަލަކު ބުންޏެވެ.

އާސެނަލްގައި 22 އަހަރު ހޭދަކުރުމަށް ފަހު މިދިޔަ ސީޒަނުގައި ވަކިވި ވެންގާ ވަނީ އެފްރިކާގެ 16 ކުޅުންތެރިޔަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި އައިވަރީ ކޯސްޓުގެ ކޯލޯ ޓޫރޭ އާއި ނައިޖީރިއާގެ އެންވަންކޯ ކާނޫ ހިމެނެ އެވެ.

ވެއާ ވިދާޅުވެފައިވާ ގޮތުގައި މޮނާކޯ އަށް އޭނާ ދިއުމުން ވެންގާ ކަންތައްތަކޮށްދިނީ އަމިއްލަ ދަރިއަކަށް ކޮށްދޭ ފަދައިން ކަމަށެވެ. ވެންގާ ބުނެފައިވާ ގޮތުގައި ވެއާގެ ހަޔާތުގެ ވާހަކައަކީ އަޖައިބުކުރުވަނި ވާހަކައެއް ކަމަށެވެ.

"އަހަރެން ހަނދާންވޭ މޮނާކޯގައި އޭނާ އެންމެ ފުރަތަމަ ފެނުނު ދުވަސް. ވާނުވާ ނޭގިފައި ހުރީ ކޮންމެވެސް ވަރަކަށް. އޭނާ ދަންނަ މީހަކު ނެތް. ކުޅުންތެރިއެއްގެ ގޮތުގައި އެއްވެސް މީހަކު އޭނާ ރޭޓެއް ނުކުރޭ. އެއަށް ފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް 1995 ގައި ވެ މިއަދު ގައުމުގެ ރައީސަށް އެވީ،" ވެންގާ ބުންޏެވެ.

ހުކުރު ދުވަހު ބާއްވާ ރަސްމިއްޔާތުގައި ޓޯގޯގެ ކޯޗު ފްރާންސްގެ ކްލައުޑް ލެ ރޯއީ އަށް ވެސް ލައިބީރިއާގެ ޝަރަފްވެރި އިނާމެއް ދޭނެ އެވެ. ކެމަރޫން ޓީމަކަށް ވެއާ ކުޅެނިކޮށް އޭނާ މޮނާކޯ އަށް ގެންދަން ވެންގާ އަށް ލަފާ ދިނީ އޭރު ކެމަރޫން ގައުމީ ޓީމަށް ކޯޗުކޮށްދެމުން ދިޔަ ލެ ރޯއީ އެވެ.