24 އޯގަސްޓް 2018 - 08:55

މައްކާ (އޮގަސްޓް 24) - ޖަޕާނުގެ މަޝްހޫރު ކެޕްސޫލް ހޮޓަލްގެ މިސާލުން، މި އަހަރުގެ ހައްޖުގައި ސައުދީން "ނިދަން ބޭނުންކުރާ ކެޕްސޫލް" ތަކެއް ޓެސްޓްކޮށްފި އެވެ.

ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރި އިރު "ނިދާ ޕޮޑް" ތައް ޓެސްޓްކޮށްފައި ވަނީ މިނާގަ އެވެ. މިއީ ހައްޖުގެ އަޅުކަމުގައި ޒަމާނީ ފަސޭހަތައް ތައާރަފް ކުރަން ސައުދީ ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ. ސައުދީން މި ފަހަރު ވަނީ އިމަޖެންސީ ސިއްހީ ފަރުވާ ހޯދުމަށާއި ތަފާތު ބަސްތަކަށް ވަގުތުން ތަރުޖަމާ ގެނެސްދޭ އެޕްތަކެއް ވެސް ތައާރަފްކޮށްފަ އެވެ.

ނިދަން ބޭނުންކުރާ ކެޕްސޫލްގެ ޚިދުމަތް ދީފައި ވަނީ ސައުދީ ޗެރިޓީއެއް ކަމަށްވާ މުތައައްމިރާ ގިފްޓް ޗެރިޓެބަލް އެސޯސިއޭޝަނުންނެވެ. އެ ޖަމާއަތުން ވަނީ 18-24 އާ ދެމެދުގެ އަދަދެއްގެ ކެޕްސޫލް މިނާގައި ބޭނުންކޮށްފަ އެވެ.

ފައިބާގްލާސް މި ޕޮޑްތަކުގެ ދިގު މިނުގައި ތިން މީޓަރު އަދި އުސް މިނުގައި މީޓަރެއް ހުރެ އެވެ. ކޮންމެ ކެޕްސޫލެއްގައި ގޮދަނޑިއަކާއި ބެޓް ޝީޓް އަދި ބޮޑު ލޯގަނޑެއް ހުރެ އެވެ. ކެޕްސޫލްތައް ހުންނަނީ އެއާ-ކަންޑިޝަން ކޮށްފަ އެވެ. މިއީ ހައްޖުގެ އަޅުކަމުގައި ހޮޓާތައް ބުކްކުރުމުގެ ތަނަވަސްކަން ނެތް މީހުން އަޅުކަމުގެ ތެރޭގައި ނިދާލައި، އަރާމްކޮށްލަން ތައާރަފް ކުރި ޚިދުމަތެކެވެ. ކޮންމެ މީހަކަށް ވެސް ކެޕްސޫލްގައި ނިދާލަން ތިން ގަޑިއިރު ލިބުނެވެ. ކެޕްސޫލްތަކުގެ ޚިދުމަތް ދިނީ ހިލެ އެވެ.
ހައްޖުވެރިން ނަމާދު ވަގުތަށް ތެދުވުމުން، ކެޕްސޫލްތައް ސްޓެރިލައިޒް ކުރެ އެވެ. އޭގެ ފަހުން އަނެއްކާ ވެސް އެހެން މީހަކު ބޭނުން ކުރަން ކެޕްސޫލް ދެ އެވެ.
ކެޕްސޫލްތައް އެތެރެކޮށްފައި ވަނީ ޖަޕާނުންނެވެ. ކޮންމެ އެއްޗެއްގެ އަގަކީ 1،114 ޑޮލަރެވެ. މިއީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ބޭނުން ކުރާ އެއްޗެކެވެ.
ސައުދީ ޗެރިޓީ ހިންގަވާ މަންސޫރު އަލް އަމީރު ވިދާޅުވީ މިއީ މިނާ ފަދަ ތޮއްޖެހިފައިވާ ތަންތަނުގައި ޖާގަ ސަލާމަތް ކުރުމުގެ ގޮތުން ބޭނުން ކުރަން އެކަށީގެންވާ އެއްޗެއް ކަމަށެވެ. އެ ޗެރިޓީން ވަނީ މީގެ 12 ކެޕްސޫލް ރޯދަ މަހު ވެސް ބޭނުންކޮށްފަ އެވެ. އަމީރު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ކޮންމެ ކެޕްސޫލެއް 60 ވަރަކަށް މީހުން ރޯދަ މަހު ބޭނުންކުރި ކަމަށެވެ.