23 އޯގަސްޓް 2018 - 08:06

އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ އެންގޭޖްވެފައިވާ އެމެރިކާގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އާ ސިންގަލް މާދަމާ ނެރެން ނިންމައިފި އެވެ.
އަންނަ މަހުގެ 16 ގައި 26 އަހަރު ފުރޭ ލަވަކިޔުންތެރިޔާގެ އާ ލަވައިގެ ނަމަކީ "ރައިޓް ނައު" އެވެ. މި ލަވައިގައި އޭނާ އެކު ޖަރުމަންގެ މިއުޒިޝަން ރޮބިން ޝުލްޒް ހިއްސާވެފައިވެ އެވެ.
ލަވައިގެ ޅެން ހަދާފައި ވަނީ ނިކް އާއި ސްކައިލާ ގްރޭ އެވެ. "ރައިޓް ނައު" ގެ މަސައްކަތުގެ ތެރެއިން ނަގާފައިވާ ވީޑިއޯކޮޅަކާއި އެ ލަވައިގެ ޕޯސްޓަރެއް ވެސް ނިކް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އޭނާގެ އާ ލަވައެއް ބެލުންތެރިންނަށް އިއްވައިލަން ތައްޔާރުވަމުން އަންނަ އިރު، އިންޑިއާގެ މުމްބާއީގައި މިދިޔަ ހޮނިހިރު ދުވަހު ޕްރިޔަންކާއާ އެކު އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކުރުމަށް ފަހު، ނިކް ވަނީ އާދީއްތަ ދުވަހު އެނބުރި އެމެރިކާ އަށް ގޮސްފަ އެވެ.
ނަމަވެސް ވާން އުޅޭ އަނބިމީހާ އަދި ބޮލީވުޑާއި ހޮލީވުޑްގައި ވެސް މަޝްހޫރު ބަތަލާ މި ވަގުތު އަންނަނީ "ދަ ސްކައި އިޒް ޕިންކް" ކިޔާ ހިންދީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ސޮނާލީ ބޯސް ޑައިރެކްޓް ކުރާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ފަރްހާން އަހްތަރާއި ޒާއިރާ ވަސީމް ހިމެނެ އެވެ.
އެންގޭޖްމަންޓް ރަސްމީ ކުރުމަށް ފަހު، ޕްރިޔަންކާ ފިލްމްގެ ސެޓަށް ދިއުމުން އެކަން ވަނީ ވަރަށް ކުލަގަދަކޮށް ސެޓްގައި ވެސް ފާހަގަކޮށްފަ އެވެ.
އެގޮތުން ނިކް އާއި ޕްރިޔަންކާ ސިފައގައި ހުރު ދެ ބުދު އެކުލެވޭ ބޮޑު ކޭކެއް ފަޅައި، ޕްރިޔަންކާގެ އިނގިލީގައި ބޮޑު ސިންގާ އަނގޮޓިއެއް ވެސް އެޅުވި އެވެ.