ޑެނީ ބޮއެލް "ޖޭމްސް ބޮންޑް 25" ދޫކޮށްލައިފި
ޑެނީ ބޮއެލް "ޖޭމްސް ބޮންޑް 25" ދޫކޮށްލައިފި

ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމްގެ ޑައިރެކްޝަނާ ހަވާލުވި ޑެނީ ބޮއެލް އެ ފިލްމް ދޫކޮށްލައިފި އެވެ.

ޖޭމްސް ބޮންޑްގެ ރަސްމީ ޓްވިޓާއިން ބުނީ ޑެނީ ފިލްމް ދޫކޮށްލީ، އޭގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ބާބަރާ ބްރޮކޮލީ އާއި މައިކަލް ޖީ ވިލްސަން މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށެވެ.

ޑެނީ ފިލްމް ދޫކޮށްލިކަން ކަށަވަރުކޮށް ދިނުން ފިޔަވައި އެ ޓްވީޓްގައި އިތުރު އެއްވެސް ވާހަކައެއް ބުނެފައެއް ނުވެ އެވެ.

ދެހާސް ނުވަ ވަނަ އަހަރު "ސްލަމްޑޯގް މިލިއަނާ" ޑައިރެކްޓްކޮށްގެން އޮސްކާ ވެސް ހޯދި ޑެނީއާ ބޮންޑްގެ 25 ވަނަ ފިލްމް ޑައިރެކްޝަން ހަވާލު ކުރިކަން އިއުލާން ކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނިކޮށް ޑެނީ ފިލްމް ދޫކޮށްލުމާ އެކު، ދެން ޑައިރެކްޓަރަކަށް އަންނާނެ މީހަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ދެ ފިލްމް ކަމަށްވާ ސްޕެކްޓްރާ (2015) އާއި ސްކައި ފޯލް (2012) ޑައިރެކްޓް ކުރި ސޭމް މެންޑޭޒްއާ ފިލްމް ހަވާލުކޮށްފާނެ އެވެ.

ބޮންޑްގެ ފިލްމެއް ޑައިރެކްޓް ކުރަން މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަން ވެސް މީގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ބައެއް ފޭނުން ވަނީ އޭނާއާ ފިލްމް ހަވާލު ކުރަން ގޮވާލައިފަ އެވެ.

އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ ބޮންޑްގެ 25 ވަނަ ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ނޮވެމްބަރު، 8، 2019 ގަ އެވެ. މި ފިލްމްގައި ވެސް ބޮންޑްގެ ރޯލް ކުޅޭނީ އެންމެ ފަހުގެ ހަތަރު ފިލްމްގައި ވެސް ޓައިޓްލް ކެރެކްޓާ ކުޅުނު ޑެނިއެލް ކްރެއިގް އެވެ.

އޭނާ ބޮންޑްގެ ރޯލް ފަސް ވަނަ ފިލްމެއްގައި ކުޅެން އެއްބަސްވީ އެ ރޯލް ދެން ނުކުޅެން ނިންމާފައި ވަނިކޮށް ޕްރޮޑިއުސަރުންގެ ވަރަށް ބޮޑަށް އާދޭސްކޮށްގެންނެވެ. ޑެނިއަލް ބުނި ގޮތުގައި ބޮންޑްގެ 25 ވަނަ ފިލްމަކީ އޭނާ ކުޅޭނެ އެ ސީރީޒްގެ ފަހު ފިލްމެވެ.