22 އޯގަސްޓް 2018 - 07:56

ކަލަންޑަރަކީ އިރެއްގައި ކޮންމެ ގެއެއްގައިވެސް ފާރުގައި ބަހައްޓަންޖެހޭ އެއްޗެކެވެ. ނަމަވެސް ސްމާޓްފޯނު ތައާރަފްވީ ފަހުން މީހުން އަތުން އާދައިގެ ކެމެރާއާއި ސޯނާ ގަޑި ގެއްލުނު ގޮތަށް ގޭގޭގެ ފާރުން ކަލަންޑަރުވެސް ގެއްލެން ފަށައިފިއެވެ.
ފޯނުގައި އޮންނަ ކަލަންޑަރަކީ ހަމައެކަނި ދުވަސް އަންގައިދޭ ވަސީލަތެއް ނޫނެވެ. ބޭނުން މަންޒަރުތަކަކާއެކު މުހިއްމު ބައްދަލުވުންތަކާއި ޚާއްސަ މުނާސަބާތައް އަންގައިދީ، ހަނދާންކޮށްދޭ އެއްޗަކަށްވެސް ފޯނުގައި އޮންނަ ކަލަންޑަރު ފުދެއެވެ. އެކަމަކު އަދިވެސް ފާރުގައި ކަލަންޑަރު ބަހައްޓަން ބޭނުން މީހުން އުޅެއެވެ. އެފަދަ މީހުންނަށް ޒަމާނީ، ޑިޖިޓަލް ކަލަންޑަރެއް ހަދިޔާކުރަން ބޭނުން ނަމަ ޑެކްބޯޑް ވޯލް ޑިސްޕްލޭ ވީ2 އަކީ އެންމެ ރަގަޅު ހަދިޔާއެވެ.
ޑެކްބޯޑް ވޯލް ޑިސްޕްލޭއަކީ ދިގަށް ބަހައްޓާ މޮނީޓަރެކެވެ. ކުޑަ ކޮމްޕިޔުޓަރަކާ ގުޅާފަ ހުންނަ ޓީވީ ސްކްރީނަކުންވެސް މިކަން ކުރެވިދާނެއެވެ. އެކަމަކު ޑެކްބޯޑް ވީ2 ފަރުމާކޮށްފައިވަނީ 24 އިންޗީގެ ޑިސްޕްލޭއަކާ އެކު 1080ޕީ ގެ ރިޒޮލިޔުޝަންގައެވެ. މީގައި އަޅުވާފައިވަނީ ރާސްޕްބެރީ ޕައި 3ބީގެ ޕްރޮސެސަރެކެވެ. މީގައި އަޅުވާފައިވާ ސްޕީކަރުތަކުގެ އެހީގައި ސޯނާ ކުރެވެއެވެ. މުހިއްމު ބައްދަލުވުމެއް އޮތްކަން ދުރާލާ އެންގުމުގެ ގޮތުން ރަނގަބީލެއް ޖަހާލަން ބޭނުންވިޔަސް އެކަން ކުރެވޭނެއެވެ. ވައިފައި އާއި އެތަނެޓުން ކަނެކްޝަން ހޯދޭތީ އޮންލައިން ކަލަންޑަރުތަކާ މި މޮނީޓަރު ވަގުތުން ގުޅުވައިދެއެވެ. އޭގެ ތެރޭގައި ގޫގްލް ކަލަންޑަރާއި، އައިކްލައުޑް ކަލަންޑަރާއި، ފޭސްބުކް އިވެންޓްސްއާއި، މައިކްރޮސޮފްޓް އޮފިސް 365 ހިމެނެއެވެ.
ޑެކްބޯޑް ވޯލް ޑިސްޕްލޭ ފަރުމާކޮށްފައިވަނީ ބޭނުން ލޭއައުޓެއް އިޚްތިޔާރުކުރެވޭ ގޮތަށެވެ. ބޭނުން ކުލައެއް އެރުވިދާނެއެވެ. މުހިއްމު ދުވަސްތައް ފާހަގަކުރުމަށް އެކި ކުލަ ބޭނުންކުރެވޭނެއެވެ. އެކި މަންޒަރު ފަހަތަށް އެރުވޭނެއެވެ.
މި ބޯޑަކީ ތަފާތު އެކި މުހުތާދުތައް ފުއްދޭނެ ބޯޑެކެވެ. އޮފީސްތަކާއި ގޭގޭގައާއި ފިހާރަތަކާއި، ހޮޓާ ރެސްޓޯރަންޓްތަކަށްވެސް މީގެ ބޭނުން ފުދެއެވެ. ރެސްޓޯރަންޓްތަކުގައި ދުވަހުގެ މެނޫގެ އިޝްތިހާރެވެ. އޮފީހުގައި އެދުވަހެއްގެ މުހިއްމު އިވެންޓްތަކެވެ. ފިހާރައެއްގައި ނަމަ އަގު ލިސްޓެވެ. ގޭގައި ނަމަ އެދުވަހަކު ކުރަން ހުރި މުހިއްމު ކަންކަމުގެ ތަރުތީބެވެ. އަދި ދުވަހުގެ މުހިއްމު ޚަބަރުތަކުގެ ސުރުޚީތައް، އާރްއެސްއެސް ފީޑުން މި މޮނީޓަރަށް ފޮނުވާލެވޭނެއެވެ. މީގެ އަގަކީ 350 އެމެރިކާ ޑޮލަރެވެ.