ނަފްސާނީ ހާލު ދެނެގަތުމަށް ކަމަރެއް
ނަފްސާނީ ހާލު ދެނެގަތުމަށް ކަމަރެއް

އުޅޭ އުޅުމުން އެކަން އިހުސާސްނުވިޔަސް ރަގަޅަށް ބަލައި ދިރާސާކުރާ ނަމަ ގިނަ މީހުންނަކީ ކޮންމެވެސް ނަފްސާނީ މައްސަލަތަކެއްގެ ޝިކާރައަށްވެފައިވާ މީހެކެވެ. އާންމުކޮށް މިފަދަ މައްސަލަތައް ދެނެގަނެވޭނީ ސިއްހީ ތަޖުރިބާކާރެއް ނުވަތަ ޑޮކްޓަރެއްގެ ލަފާ ހޯދުމުންނެވެ. އޭގެ ކުރިން ތިމާގެ ނަފްސާނީ ހާލަތު އަމިއްލައަށް ހޯދޭނެ އެއް ގޮތަކީ އަތުގައި އަޅާ "އަޕްމޫޑް" ކަމަރެވެ.

ނަފްސާނީ ހާލު ދެނެގަތުމަށް ކަމަރެއް
ނަފްސާނީ ހާލު ދެނެގަތުމަށް ކަމަރެއް

ސެންސްބޭންޑާ ދާދި އެއްގޮތް ސިފަތަކެއް ހުންނަ އަޕްމޫޑް ކަމަރުގެ ބޭނުމަކީ ވަގުތުން ވަގުތަށް އެމީހެއްގެ އިހުސާސްތައް ހޯދާ ދެނެގަތުމެވެ. އަދި ތިމާގެ މޫޑަށް އަންނަ ބަދަލުތައް ގާތްތިމާގެ މީހުންނާ ހިއްސާކުރުމާއި އެކުގައި އުޅޭ އެހެން މީހުންގެ ހާލަތުވެސް ދެނެގަނެ، އެކަކު އަނެކަކަށް ހިތްވަރުދިނުމެވެ.

އަޕްމޫޑް ކަމަރުން ތިމާ އާއި ގާތް އެކުވެރިންނާއި އާއިލާގެ ނަފްސާނީ ހާލަތު އަންގައިދެނީ ހިތުގެ ހިނގުން ބަލާ ސެންސަރެއްގެ އެހީގައި ހިތުގެ އިހުސާސްތަކަށް އަންނަ ބަދަލުތައް ދެނެގަނެގެންނެވެ. ހޮންކޮންގު ކުންފުންޏެއްގެ މި އުފެއްދުމަކީ އެކުންފުނިން ބުނާ ގޮތުގައި އާދަޔާ ޚިލާފަށް ސީދާ މައުލޫމާތު ހިއްސާކޮށްދޭނެ އާލާތެކެވެ. މޫޑަށް އަންނަ 11 ބަދަލެއް އިމޯޖީ އާއި ސްޓިކާގެ އެހީގައި މި ކަމަރުން އަންގައިދެއެވެ. އޭގެތެރޭގައި، ހަމަޖެހުމާއި އުފާވެރިކަމާއި ނުތަނަވަސްކަމާއި ދެރަވުމާއި އުފާވެރިކަމާއި ކަމަކަށް އެދިއެދި ހުރުމާއި ހިތަށް ދަތިވުމާއި އޮޅުންއަރާ ވާނުވާ ނޭނގުން ފަދަ އިހުސާސްތައް ހިމެނެއެވެ.

އަޕްމޫޑްގެ އެޕްގެ އެހީގައި ތިމާގެ އިހުސާސްތައް އެހެން މީހުންނާ ބަދަލުކުރެވެއެވެ. އެކުގައި އުޅޭ އެހެން މީހުންގެ ހާލަތު އަމިއްލައަށް ވަޒަންކުރެވެއެވެ. އަދި މި އެޕްގެ ތެރޭން އެހެން މީހުންނާ ވަގުތުން ވަގުތަށް މުއާމަލާތު ކުރެވި، ވަކި ވަކި ގްރޫޕްތައް އުފައްދާ، ގުޅުން ބަދަހިކުރެވޭނެ ފުރުސަތުތައް ފަހިކޮށްދީފައިވެއެވެ. ތިމާގެ މޫޑަށް ކޮންމެ ދުވަހަކުވެސް ބަދަލުތައް އަންނަ ގޮތާއި ބަދަލު އަންނަ ހާލަތްތަކާއި އެބަދަލުގެ ސަބަބުން ސިއްހަތަށް ކުރާ އަސަރު، އަޕްމޫޑް ކަމަރުން ހޯދައި، މިނެކިރާލައެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ ނަފްސާނީ ހާލަތާ މެދު ދުރާލާ ސަމާލުވެ، ރައްކާތެރިވުމަށް އެހީއަކަށް ފުދެއެވެ.

މިވަގުތު ބާޒާރުގައި އަޕްމޫޑް ކަމަރު ވިއްކަން ނެތަސް މިއަހަރު ނިމުމުގެ ކުރިން އާންމުކޮށް ވިއްކޭނެ ކަމަށް މި އުފެއްދި ކުންފުނިން އުއްމީދުކުރެއެވެ. އަޕްމޫޑް ކަމަރު ލިބެން ހުންނާނީ ތިން ކުލައަކުންނެވެ. އެއީ ރަންރީނދުލާއި، ވިލުނޫކުލަ އާއި ކަޅުކުލައެވެ. މިހާރު މީގެ ކަމަރަށް ޕްރީއޯޑަރުކުރެވެއެވެ. އަޕްމޫޑް ކަމަރަކަށް މިހާރު އޯޑަރުކުރެވޭ އެންމެ ދަށް އަގަކީ 69 އެމެރިކާ ޑޮލަރެވެ.