21 އޯގަސްޓް 2018 - 21:49

ތެހެރާން (އޮގަސްޓް 21) - އީރާނުން އުފެއްދި ހަނގުރާމަ މަތީ އާ މަތިންދާ ބޯޓު މިއަދު ދައްކާލައިފި އެވެ.

ރައީސް ހަސަން ރޫހާނީ ވަނީ އެ ބޯޓަށް އަރައިވަޑައިގެން ކޮކްޕިޓްގައި އިންނަވައި ފޮޓޯ ނަންގަވައިފަ އެވެ. ރޫހާނީ ވިދާޅުވީ އީރާނުގެ އަސްކަރީ ގާބިލްކަން އިތުރު ކުރަނީ ދުޝްމަނުންގެ ކިބައިން ރައްކާތެރިވާން ކަމަށެވެ.
"ބައެއް މީހުން ހީކުރަނީ އީރާނުން އަސްކަރީ ގާބިލްކަން އިތުރު ކުރަނީ ހަނގުރާމަ ކުރަން ކަމަށް. އެކަމަކު މިއީ ސުލްހަ ހޯދަން ކުރާ ކަމެއް. އީރާނުން ހަނގުރާމައެއް ބޭނުމެއް ނުވޭ،" ގައުމާ މުޚާތަބް ކުރައްވާ ރޫހާނީ ވިދާޅުވި އެވެ. "އީރާނުގައި ދިފާއީ ބާރެއް ނެތިއްޔާ އެއީ އެހެން ގައުމުތަކުން އީރާނަށް އަރައިގަންނަން ދެވޭ ފެހި ސިގްނަލެއް."
އީރާނުގެ ޑިފެންސް މިނިސްޓަރު އާމިރު ހާތަމީ ވިދާޅުވީ އީރާނުގެ ޑިފެންސް ޕްރޮގްރާމް ވަރުގަދަ ކުރަން ޖެހެނީ 1980 ގެ އަހަރުތަކުގައި ކުރި އީރާން-އިރާގު ހަނގުރާމައިގައި އީރާނަށް ދިން މިސައިލް ހަމަލާތަކުގެ ހަނދާންތައް އާވާތީ ކަމަށެވެ.
"އީރާން-އިރާގު ހަނގުރާމަ އިން ލިބުނު ފިލާވަޅަކީ އެހެން ބަޔަކަށް ބަރޯސާ ނުވެވޭނެކަން. އީރާނުގައި ނެތް ގާބިލް ކަމަކަށް އެހެން ބަޔަކު ހަމްދަރުދީއެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އީރާނުން ބުނީ އެ ގައުމާ ވާދަވެރި ގައުމުތަކަށް އެމެރިކާ އިން ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކާ އިރު އީރާނުގެ ޑިފެންސް ޕްރޮގްރާމް ހުއްޓާލަން ގޮވާލުމަކީ އިންސާފް ނޫން ކަމަށެވެ.