ކަންގަނާ ރަނާވަތު ދެން ކުޅޭނީ "ޕަންގާ"
ކަންގަނާ ރަނާވަތު ދެން ކުޅޭނީ "ޕަންގާ"

ކަންގަނާ ރަނާވަތު ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނެ ފިލްމަކީ ޖެނުއަރީ، 25، 2019 ގައި ރިލީޒް ކުރާ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ.

މީގެ އިތުރުން އޭނާގެ "މެންޓަލް ހޭ ކިޔާ" އޭގެ އެއް މަސް ފަހުން ފެބްރުއަރީ 22 ގައި ސިނަމާތަކަށް އަންނާނެ އެވެ.

މި ފިލްމްތަކުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ އިރު، ކަންގަނާ މިހާރު ވަނީ އަނެއްކާވެސް އާ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ "ޕަންގާ" އެވެ.

މި ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ބެރިލީ ކީ ބަރްފީ" ގެނެސް ދިން އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓް ކުރާ އާއިލީ ފިލްމެކެވެ.

އަޝްވިނީއަކީ "ޑަންގަލް" ގެނެސް ދިން ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުންނެވެ.

"ޕަންގާ" ގެ ފަސްޓްލުކް ވެސް މިހާރު ވަނީ ތަފާތު ގޮތަކަށް ދައްކާލައިފަ އެވެ. އެއީ އަޝްވިނީ އާއި ކަންގަނާގެ އިތުރުން ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ޖައްސީ ގިލް އާއި ނީނާ ގުޕްތާގެ އާއިލާގެ ފޮޓޯތަކަކާ އެކުގަ އެވެ.

"ޕަންގާ" އަކީ އާއިލީ ގުޅުމުގެ ތެރެއިން ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއް އަދި ކުރިމަތިވާ ކޮންމެ ކަމެއް އެކީގައި ހިއްސާ ކުރާ ބައެއްގެ ވާހަކަ ކިޔައި ދޭނެ ފިލްމެކެވެ.

އަންނަ އަހަރު މި ފިލްމް ވެސް ސިނަމާތަކަށް ގެނެސް ދޭން ނިންމި ނަމަވެސް ފޮކްސް ސްޓާ ސްޓޫޑިއޯ އިން ޕްރޮޑިއުސް ކުރާ ފިލްމް ރިލީޒް ކުރާ ވަކި ތާރީހެއް ކަނޑައެއްނާޅަ އެވެ.

"ޕަންގާ" އާ ބެހޭ ގޮތުން ކަންގަނާ ބުނީ އޭނާ ފިލްމަށް އެއްބަސްވީ މީގެ ސްކްރިޕްޓް ކަމުދިޔަލެއް ބޮޑުކަމުން ކަމަށެވެ.

"އެންމެ ގަޔާވީ އާއިލީ ގުޅުންތަކެއް ކިޔައިދޭ އެއްޗަކަށްވާތީ،" ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުންޏެވެ. "އަހަންނަކީ އަބަދު ވެސް އާއިލާއާ ވަރަށް ގާތް ގުޅުމެއް ބާއްވާ މީހެއް. އަދި އަހަރެންގެ ހުރިހާ ވެސް ބާރަކީ އެއީ."