"މުސްލިމް ކިޑްސް ޓީވީ" ރާއްޖޭގައި އުރީދޫން ތައާރަފްކޮށްފި
"މުސްލިމް ކިޑްސް ޓީވީ" ރާއްޖޭގައި އުރީދޫން ތައާރަފްކޮށްފި

ފުރަތަމަ ފަހަރަށް އިސްލާމީ ރިވެތި އުސޫލުތައް އުނގަނައިދޭ ކުޑަކުދިންނަށް ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ހަދައި، ބޮޑު އީދުގެ އުފަލުގައި ”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި އެވެ.

ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން މިއަދު ބުނީ ކެނެޑާގެ ކުންފުންޏަކުން އިސްނަގައިގެން ކުރިއަށްގެންދާ "މުސްލިމް ކިޑްސް ޓީވީ" އަކީ ކުޑަކުދިންނަށް ހާއްސަ އިސްލާމީ ކޮންޓެންޓް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްލެޓްފޯމް ކަމަށެވެ.

އެ ކުންފުނިން ބުނީ މުސްލިމް ކިޑްސް ޓީވީ މެދުވެރިކޮށް ކުޑަކުދިންނާ ގުޅޭ، އިންޓަރެކްޓިވް ތަޖުރިބާތަކެއް ކުރެވިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ކީރިތި ގުރުއާން ކިޔަވައި، ހިތުދަސްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ގުރުއާން ރިސައިޓޭޝަން ބަޑީ އާއި އެތައް ސަތޭކަ އިސްލާމީ ވީޑިއޯތަކާއި އެނިމޭޝަންތަކާއި ކުޑަކުދިންގެ ހުނަރުތައް ހަރުދަނާކޮށްދޭ މަޖާ ގޭމްތަކާއި ކުދިންގެ ތަފާތު އަމިއްލަ އުފެއްދުންތައް އެކި ގައުމުތަކުގެ ކުދިންނާ ހިއްސާ ކުރެވޭ ކްރިއޭޓް އެންޑް ޝެއާ ޕްލެޓްފޯމާއި ކުލަޖައްސާ ޕޭޖުތައް، އެކްޓިވިޓީ ފޮތްތައް އަދި ގޭތެރޭގައި ހަރުކުރެވޭ ޕޯސްޓަރު ފަދަ ޕްރިންޓް ކުރެވޭ ރިސޯސްތަކާއި، ވާކްޝީޓް ވެސް އެ ޕްލެޓްފޯމްގައި ހިމެނޭ ކަމަށެވެ.

އުރީދޫން ބުނީ އެ ޕްލެޓްފޯމު މެދުވެރިކޮށް އިސްލާމީ ތައުލީމު ހޯދުމުގައި ކުޑަކުދިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭ އެތައް ހާސް ޑިޖިޓަލް ރިސޯސްތަކެއް ބެލެނިވެރިންނަށާއި ޓީޗަރުންނަށް ލިބޭނެ ކަމަށެވެ.

"އުރީދޫގެ ޓީމްގެ ފަރާތުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޟްހާ އީދުގެ ތަހުނިޔާ އާއި މުބާރިކްބާދު ދަންނަވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުންތެރި އަދި އާންމު ދިރިއުޅުމުގައި ފައިދާކުރާނެ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް، އުރީދޫ އިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ. މިގޮތުން، މިއަދު ދިވެހީންނާ ހަމައަށް މި ގެނެސްދެނީ ވަރަށް ހާއްސަ، އަދި އަޅުގަނޑުމެންގެ ހިތްތަކާ ނުހަނު ގާތް ހިދުމަތެއް. މުސްލިމް ކިޑްސް ޓީވީއަކީ ގިނަ ތަޖުރިބާކާރުންގެ ރުހުން ލިބިފައިވާ، ބައިނަލްއަގުވާމީ އެޑިއުކޭޝަނަލް ރިސޯސްއެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްލެޓްފޯމަކީ ބޭނުންތެރި އަދި އިސްލާމީ އުސޫލުތައް އުނގެނުމަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ހިދުމަތަކަށްވުން،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.

މުސްލިމް ކިޑްސް ޓީވީ ބޭނުންކުރުމަށް ތިން ޕެކޭޖެއް އުރީދޫން ވަނީ ތައާރަފްކޮށްފަ އެވެ. ޕެކޭޖް ބޭނުންވާ ކީވޯޑް ޖެހުމަށްފަހު 5858 އަށް އެސްއެމްއެސް ކުރުމުން، ފަސޭހަމާ އެކު އުރީދޫގެ ކަސްޓަމަރުންނަށް މި ޕްލެޓްފޯމްގެ ހިދުމަތް ހޯދޭނެ އެވެ.

މުސްލިމް ކިޑްސް ޓީވީ 1 ދުވަހުގެ ޕެކޭޖް ލިބެނީ ތިން ރުފިޔާ އަށެވެ. އެ ޕެކޭޖް ހޯދުމަށް ޖަހަން ޖެހޭ ކީވޯޑަކީ "GO MKTVD" އެވެ. މުސްލިމް ކިޑް ޓީވީ އެއް ހަފުތާގެ ޕެކޭޖެއް ވިއްކަނީ 15ރ. އަށެވެ. އެ ޕެކޭޖް ހޯދުމަށް ޖަހަން ޖެހޭ ކީވޯޑަކީ "GO MKTVW" އެވެ. އަދި މުސްލިމް ކިޑްސް ޓީވީ އެއް މަހުގެ ޕެކޭޖެއް ވިއްކަނީ 60ރ. އަށެވެ. އެ ޕެކޭޖް ހޯދުމަށް ޖަހަން ޖެހޭ ކީވޯޑަކީ "GO MKTVM" އެވެ

މީގެ އިތުރުން www.muslimkidstv.com މެދުވެރިކޮށް ނުވަތަ އެޕް ސްޓޯރު އަދި ގޫގުލް ޕްލޭސްޓޯރުން މުސްލިމް ކިޑްސް ޓީވީ އެޕް ޑައުންލޯޑްކޮށް، އެ ޕްލެޓްފޯމް ފަސޭހަކަމާއި އެކު ބޭނުން ކުރެވޭނެ އެވެ.