ޔުއެފާ އެވޯޑަށް މޮޑްރިޗް، ސަލާ އަދި ރޮނާލްޑޯ ވާދަކުރަނީ
ޔުއެފާ އެވޯޑަށް މޮޑްރިޗް، ސަލާ އަދި ރޮނާލްޑޯ ވާދަކުރަނީ

ނިޔޯން (އޮގަސްޓް 21) – ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލޫކާ މޮޑްރިޗް އަދި ލިވަޕޫލުގެ މުހައްމަދު ސަލާހު ނޮމިނޭޓްވެއްޖެ އެވެ.

އޮގަސްޓް 30 ގައި އޮންނަ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ގުރުނެގުމުގެ ރަސްމިއްޔާތުގައި ހޮވާ މި އެވޯޑަށް ކުޅުންތެރިން ޝޯޓްލިސްޓްކުރީ 80 ކޯޗުންނާއި 55 ނޫސްވެރިންގެ ޕެނަލަކުންނެވެ.

ޔުވެންޓަސް އަށް 100 މިލިއަން ޔޫރޯގެ އަގަކަށް މި ސީޒަނުގައި ބަދަލުވި ރޮނާލްޑޯ ވަނީ މެޑްރިޑަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި މޮޑްރިޗް ވަނީ އެ ކާމިޔާބީ ހާސިލްކޮށް އަދި ވޯލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ވޯލްޑް ކަޕުގެ ރަންބޯޅަ ވެސް ހާސިލްކުރީ އޭނާ އެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލާ ގުޅި 44 ލަނޑު ޖެހި ސަލާ ވަނީ އެ ޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ. އެކަމަކު ފައިނަލް މެޗުގެ ކުރީކޮޅު އަނިޔާވެ ކުޅުމާ ވަކިވާން ޖެހުނުއިރު އެކަމުގެ އަސަރު ވޯލްޑް ކަޕުގައި ވެސް ކުރި އެވެ.

ޔުއެފާ އިން 2011 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ ކޮންމެ އަހަރަކު ވެސް ގަދަ ތިނެއްގައި ހިމެނިފަ އެވެ. ބާސެލޯނާގެ ލިއޮނަލް މެސީ ދެ ފަހަރު އެވޯޑް ހޯދިއިރު ދެން ކާމިޔާބުކުރި ފްރާންސްގެ ފްރޭންކް ރިބެރީ އަދި ސްޕެއިނުގެ އަންދްރޭ އިނިއެސްޓާ އެވެ.