އަސަދުﷲ ފައިނަލް ސްކޮޑުގެ ޖާގައެއްގެ އުއްމީދުގައި
އަސަދުﷲ ފައިނަލް ސްކޮޑުގެ ޖާގައެއްގެ އުއްމީދުގައި

މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ، މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ކުޅުމަށް އެނބުރި އައީ މިދިޔަ މޭ މަހު އެވެ. ގައުމީ ޓީމުގެ ކޯޗުކަމާ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ހަވާލުވުމަށް ފަހު ކުޅުނު ފުރަތަމަ ދެ މެޗުގައި އަސަދުﷲ ހުރީ ކުޅި ބަލާށެވެ. އޭރު އޭނާ ދިޔައީ ރިކަވަރީ ކުރިއަށްގެންދަމުންނެވެ. ކުޅުމަށް އެނބުރި އައިސް އަސަދުﷲ އަށް ކުރީގެ ފޯމަށް އެންމެ ރަނގަޅަށް ނޭޅެނީސް ކޯޗު ސެގާޓް މިވަނީ ރިސްކެއް ނަގައި ފަހު އަސަދުﷲ ސާފްގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމަނައިފަ އެވެ.

އަސަދުﷲ ފައިނަލް ސްކޮޑުގެ ޖާގައެއްގެ އުއްމީދުގައި
އަސަދުﷲ ފައިނަލް ސްކޮޑުގެ ޖާގައެއްގެ އުއްމީދުގައި

"އަސަދުﷲ އަހަރެން ނެގީ ރިސްކަކާ އެކު. އެއީ ސަބަބުތަކެއް ވެސް ހުރީމަ. އެއީ ސްޓްރައިކަރެއް ނޫނީ ނަމްބަރު 9 ގެ ޕޮޒިޝަނަށް ކުޅެވޭ އޭނާ އެކަނި ހުރީ. ފިޒިކަލީ އެހާ ވަރުގަަދަ ފޯވާޑަކަށް. އަހަންނަށް އެނގޭ އަސަދުﷲގެ ކުޑަ މައްސަލަތަކެއް އެބަހުރިކަން. އެކަމަކު އޭނާގެ މުހިއްމުކަން ޓީމަށް ހުރީމަ އަހަރެން ނެގީ،" ސާފްގެ ސްކޮޑު އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުންޏެވެ.

އޭނާ ބުނީ ގަތަރުގައި ކުރިއަށްދާ ޓްރެއިނިން ކޭމްޕްގައި އަސަދުﷲ އަށް ވެސް ހާއްސަ ޕްރޮގްރާމްތަކެއް ގެންދާނެ ކަމަށެވެ.

"އަަހަރެމެން ބަލާނަން. ސެޕްޓެމްބަރު 2 ގައި ފަހު ލިސްޓު ހުށަހަޅަނީ. އަސަދުﷲ ވެސް އޭރަށް އަހަރެން ބޭނުންވާ ސިސްޓަމަށް ހޭނިއްޖިއްޔާ އެއީ ޓީމަށް ވެސް ރަނގަޅެއް. އެ މަގާމަށް އޭނާ ވަރަށް މޮޅު،" ސެގާޓް ބުންޏެވެ.

ގައުމީ ޓީމުގައި މިދިޔަ އަހަރުތަކުގައި ކުޅުނު ގިނަ މެޗުތަކުގައި ޓީމުގެ އެންމެ ކުރިއަށް ކުޅެމުން ދިޔައީ އަސަދުﷲ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު މާލޭގައި ބަންގްލަދޭޝް އަތުން ރާއްޖެ 5-0 އިން މޮޅުވިއިރު ހެޓްރިކެއް ހަދައިފަ އެވެ.

ސާފަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ގަތަރުގައި އެ ގައުމުގެ ދެ ވަނަ ޑިވިޝަނުގެ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބް އަތުން 4-3 އިން މޮޅުވި މެޗުގައި އަސަދުﷲ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ. އެ މެޗުގައި ޖުމްލަ ގޮތެއްގައި ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމަށް ކޯޗު ވަނީ ތައުރީފް ކޮށްފަ އެވެ.

އަސަދުﷲ "މިހާރަ"ށް ބުނީ ޓްރެއިނިން ކޭމްޕްގެ އެހީގައި އޭނާ ކުރީގެ ފޯމަށް އަންނަން ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޓްރެއިނިން ކޭމްޕަށް އައި ފަހުން ވަރަށް ބޮޑުތަން މިހާރު ރަނގަޅުވެއްޖެ. އިންޝާﷲ ސާފްގެ ފައިނަލް ސްކޮޑުން ޖާގަ ހޯދަން ވަރަށް މަސައްކަތް ކުރާނަން،" މާޒިޔާގެ ކެޕްޓަން ބުންޏެވެ.

ގައުމީ ސްކޮޑުގައި އަސަދުﷲ އާއި އަލީ ފާސިރު (ސެންޓޭ) ފިޔަވައި ދެން ތިބީ ބައިނަލްއަގްވާމީ ތަޖުރިބާ މަދު ފޯވާޑުންނެވެ.

"ގައުމީ ސްކޮޑުގައި ދަގަނޑޭ ނެތީމާ، ދެން ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ބަލާއިރު ސީދާ ސްޓްރައިކަރަކަށް ކުޅެން ތަޖުރިބާހުރި ކުޅުންތެރިޔަކަށް ހުރީ އަސަދުﷲ. ތެދެއް، އޭނާ އަނިޔާ އަށް ފަހު އަދި އެންމެ ރަނގަޅަށް ނުކުޅޭ. އެކަމަކު ރަނގަޅު ޓްރެއިނިންތަަކަކަށް ފަހު އޭނާ ފޯމަަކަށް އެޅިދާނެ (ފައިނަލް ސްކޮޑު ނެގުމުގެ ކުރިން). އެއީ ނަގަން ރަނގަޅު ރިސްކެއް،" ތަޖުރިބާކާރު ކޯޗަކު ބުންޏެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީ ވަނީ އަސަދުﷲ ފިޓްކޮށް ހުރެފިނަމަ މި ސަރަހައްދުގެ ކޮންމެ ލީގެއްގައި ވެސް އޭނާ އަށް މޮޅަށް ކުޅެވޭނެ ކަމަށް ބުނެފަ އެވެ. އެއީ ފިޒިކަލީ ވެސް އޭނާ ވަރުގަދަވުމާއި ޕްރޮފެޝަނަލީ އޭނާގެ ޑިސިޕްލިން އާއި ޓީމްވޯކް ވެސް ރަނގަޅުވުމުން ކަމަށެވެ.

އަސަދުﷲ މުޅިން ފިޓްނުވަނީސް އޭނާ ސްކޮޑުގައި ހިމަނައި ކޯޗު ރިސްކެއް ނެގިއިރު ރާއްޖޭގެ އެންމެ މޮޅު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ކޯޗު ފުރުސަތެއް ނުދެ އެވެ. މި ސީޒަނުގައި 25 ގޯލް ޖަހާފައިވާ ދަގަނޑޭ އަށް ފުރުސަތު ނުދިނުމުން ކޯޗަށް ފާޑުކިޔުން އަމާޒުވި އެވެ. ހާއްސަކޮށް ފޯވާޑުންގެ ދަތިކަން އިންތިހާ އަށް ބޮޑު ދަނޑިވަޅެއްގައި އެގޮތަށް ނިންމުމުންނެވެ. ސެގާޓް ބުނީ ދަގަނޑޭ ނުނެގި އެއް ސަބަބަކީ އޭނާގެ އުމުރު ކަމަށެވެ. އެކަމަކު އޭނާއާ އެއް އުމުރެއްގެ އަދި ދާދި އެއް އުމުރެއްގެ ކުޅުންތެރިންތަކަށް ވަނީ ފުރުސަތު ދީފަ އެވެ.

ގައުމީ ސްކޮޑު ސްޕްޓެމްބަރު 2 ގައި ފައިނަލްކޮށް ބަންގްލަދޭޝަށް ޓީމު ދާނީ ގަތަރު މަގުންނެވެ. އަންނަ މަހު 4-15 އަށް ބަންގްލަދޭޝްގެ ޑާކާގައި އޮންނަ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނެނީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. ސާފްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާ އެވެ. ދެ ވަނަ މެޗުގައި އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ.