21 އޯގަސްޓް 2018 - 11:35

މެންޗެސްޓާ (އޮގަސްޓް 21) – މެންޗެސްޓާ ޔުނައިޓެޑުގެ ބޯޑް މެމްބަރުންގެ ތާއީދު ކޯޗު ހޯސޭ މޮރީނިއޯ އަށް އެބައޮތް ކަމަށާއި އެ މަގާމަށް ޒައިނުއްދީން ޒިދާން ގެނައުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެކަށީގެންވާ ކުޅުންތެރިން ނުގެންނާތީ ޔުނައިޓެޑަށް މި ފަހަރު އެދެވޭ ކާމިޔާބެއް ނުލިބޭނެ ކަމަށް ބެލެވިފައި އޮއްވާ އެ ޓީމު ވަނީ ޕްރިމިއާ ލީގުގައި ކުޅުނު ދެ ވަނަ މެޗުން ބްރައިޓަން އަތުން 3-2 އިން ބަލިވެފަ އެވެ.
އެ ނަތީޖާގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ޔުނައިޓެޑުން ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒިދާން ނުވަތަ ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން މަސައްކަތްކުރާ ކަމަށް ވާހަކަދެކެވެ އެވެ.
އެކަމަކު ޔުނައިޓެޑާ ގުޅުން ހުރި ފަރާތްތަކުން ވަނީ މޮރީނިއޯ އަށް ބޯޑުގެ އިތުބާރު އޮތް ކަމަށާއި އެހެން ކޯޗަކު ގެންނަން މަޝްވަރާނުކުރާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
މޮރީނިއޯ އެންމެ ބޮޑަށް ބޭނުންވީ ސެންޓްރަލް ޑިފެންޑަރަކާއި ވިންގެކެވެ. އެކަމަކު ބޯޑުން ވަނީ އެ މަގާމްތަކަށް ގެންނަވަރުގެ ކުޅުންތެރިންތަކެއް ބާޒާރުގައި ނެތް ކަމަށެވެ. މޮރީނިއޯ ވަނީ އެކަށީގެންވާ ކުޅުންތެރިންތަކެއް ނުގެނެސްފި ނަމަ ސީޒަނުގައި މައްސަލަތަކެއް ދިމާވާނެ ކަމަށް ކުރިން ބުނެފަ އެވެ.
ފައިސާ ހުރި ނަމަވެސް ޔުނައިޓެޑަށް ފަހަކަށް އައިސް ކުޅުންތެރިން ހޯދުމުގައި މައްސަލަތައް ދިމާވާތީ ކްލަބުން ސްޕޯޓިން ޑިރެކްޓަރެއް ހޯދަން މަސައްކަތްކުރަ ކަމަށް ވެސް އެވެ. އެ ޓީމުން ލެސްޓާ ސިޓީގެ ހެރީ މެގުއާ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ޓޮބީ އެލްޑަވައިލްޑް އަދި ބަޔާން މިއުނިކުގެ ޖެރޯމް ބޯޓެން ހޯދަން ކުރި މަސައްކަތް ދިޔައީ ފެނަށެވެ. އެއީ ކްލަބުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވަޑް ފެއިލްވުން ކަމަށް ވެސް އެއް ބަޔަކު ދެކެ އެވެ.