21 އޯގަސްޓް 2018 - 11:20

ލަންޑަން (އޮގަސްޓް 21) - އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ލިވަޕޫލް ވާދަކުރާ ކަމަށް މީޑިއާގައި ދައްކާ ވާހަަކަތަކަށް ޝައުގުވެރިނުވާ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ރަށުންބޭރުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލް މޮޅުވީ 2-0 އިންނެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޖޭމްސް މިލްނާ ލިވަޕޫލަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުންނެވެ. ކްރިސްޓަލް ޕެލަސްގެ ޒުވާން ފުލްބެކް އާރޮން ވަން ބިސާކާ އަށް މެޗުގެ 75 ވަނަ މިނިޓްގައި ރަތް ކާޑު ދައްކާފައި ވަނިކޮށް މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ސަޑިއޯ މާނޭ އެވެ.
ލިވަޕޫލުން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވަނީ ބައިކޮޅަށް ލަނޑެއް ނުވަދެ އެވެ. ކްލޮޕް ބުނީ އެއީ މި ވަގުތަށް ރަނގަޅު ކަމެއް ނަމަވެސް މާ ދުރަށް ވިސްނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ތެދެއް މި ވަގުތަށް އަހަރެމެން ދެ މެޗުން މޮޅުވެފައި މި އޮތީ. އެކަމަކު މިއީ ބަޔަކަށް އަހަރެމެން އެއްޗެއް ސާބިތުކޮށްދޭން ކުރާ ކަމެއް ނޫން. އަހަރެން ޝައުގުވެރިވާ ވާހަކަތަކެއް ނޫން ލީގު ތަށްޓަށް ވާދަކުރާ ވާހަކަތަކަކީ. އަހަރެން ބޭނުންވަނީ މި ވަގުތު ފުޓްބޯޅަ މެޗުތަކުން މޮޅުވާން،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ ހާއްސަ ނަޒަރަކުން މެންޗެސްޓާ ސިޓީއާ ވާދަކުރަން ނުވިސްނާ ކަމަށެވެ.
"އަދި ވަރަށް އަވަސް ލީގުގެ ވާހަކަ ދައްކަން. އަހަރެމެން ކޮންމެ ހަފްތާ އަކު މި އުޅެނީ ވަކި ޓީމަކަށް ވުރެ ކުރީގައި އޮންނާކަށް ނޫން. ދެ މެޗަށް ފަހު ވަކި ވާހަކަތަކެއް ދައްކަން ބަލާއިރު ޕްރިމިއާ ލީގުގެ ޓީމުތައް ވަރަށް ގަދަ. ލީގުގެ ވާހަަކަ ދައްކާއިރު މީޑިއާ އިން ބޭނުން ގޮތަކަށް އެ ވާހަކަ ދައްކަންވީ. އެކަމަކު އަހަރެން އެކަމަށް އަދި ބުނާނެ އެއްޗެއް ނެތް،" ކްލޮޕް ބުންޏެވެ.
ލިވަޕޫލް ކޮޅަށް މިހާތަނަށް ގޯލެއް ވަދެފައިނުވާއިރު، ރޭގެ މެޗުގައި އެ ޓީމުގެ ކީޕަރު އެލިސަން ބެކާ ދެއްކި ކުޅުމަށް ކްލޮޕް ވަނީ ތައުރީފް ކޮށްފަ އެވެ.
ރޭގެ މެޗުގައި ލިވަޕޫލަށް ޕެނަލްޓީ ލިބުނީ ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު މަމަދޫ ސަކޯ އޭރިއާ ތެރެއިން ލިވަޕޫލްގެ މުހައްމަދު ސަލާހަށް ފައުލްކުރުމުންނެވެ. އެއީ ޑައިވެއް ކަމަށް ވެސް ވާހަކަދެކެވެ އެވެ. އެކަމަކު ކްލޮޕް ބުނީ އޭނާ އަށް ފެނުނު ގޮތަށް ބަލާއިރު އެއީ ޕެނަލްޓީ އެއް ކަަމަށެވެ.
ކްރިސްޓަލް ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަން ބުނީ މުޅި މެޗުގެ ހުރިހާ ކަމެއް ބަދަލުވީ ބޭ އިންސާފުން ލިވަޕޫލަށް ޕެނަލްޓީއެއް ދިނުމުން ކަމަށާއި ފުޓްބޯޅައިގައި އޭނާގެ ތަޖުރިބާ އަށް ބަލާއިރު ލިވަޕޫލަށް ލިބުނީ ދޭން ނުޖެހޭ ޕެނަލްޓީއެއް ކަމަށެވެ.