އެހެން ޕާޓީތަކުން ސިޔާސީ ކަންކަމަށް ފިޔާތޮށި ކުލަ ބޭނުން ކުރުން ހުއްޓާލަން ޕީޕީއެމުން ގޮވާލައިފި
އެހެން ޕާޓީތަކުން ސިޔާސީ ކަންކަމަށް ފިޔާތޮށި ކުލަ ބޭނުން ކުރުން ހުއްޓާލަން ޕީޕީއެމުން ގޮވާލައިފި

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، ޕީޕީއެމުން ހިންގާ ކެމްޕެއިން ފިޔަވައި އެހެން ސިޔާސީ ކެމްޕެއިންތަކުގައި މެޖެންޓާ ނުވަތަ ފިޔާތޮށި ކުލަ ބޭނުން ނުކުރަން އެ ޕާޓީން އެދިއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރުތަކާއި އެކިއެކި ޖަލްސާތަކާއި އެހެން ކެމްޕެއިން ހަރަކާތްތަކުގައި ވެސް ޕާޓީގެ ކުލަ ބޭނުން ކުރަމުންދާ ކަމަށެވެ. މެޖެންޓާ ނުވަތަ ފިޔާތޮށި ކުލަ އަކީ ސިޔާސީ ހަރަކާތްތައް ހިންގުމަށްޓަކައި ޕީޕީއެމަށް ރަޖިސްޓަރީ ކޮށްދީފައިވާ ކުލައެއް ކަމަށް އެ ޕާޓީން ބުންޏެވެ.

"ޕާޓީގެ މައްޗަށް މި ކުލަ ރަޖިސްޓްރީ ވުމުގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ މައިދާނުގައި މި ކުލަ ބޭނުން ކުރެވޭނީ ހަމައެކަނި މި ޕާޓީ އަށެވެ،" ޕީޕީއެމުން ނެރުނު ބަޔާނުގައި ވެ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި ރިޔާސީ އެހެން ކެންޑިޑޭޓުންގެ ކެމްޕެއިންގައި އެ ޕާޓީގެ ކުލަ ބޭނުން ކުރުމަކީ އެއްވެސް ފަރާތަކަށް ގާނޫނީ ގޮތުން ލިބިފައިވާ ހައްގެއް ނޫނެވެ. އަދި އެއީ ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށް ޕީޕީއެމުން ބުނެ އެވެ.

"ވީމާ، މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ފިޔަވައި އެހެން ކެމްޕެއިންތަކުގައި ކެމްޕެއިން ޕޯސްޓަރުތަކުގައި އާއި ޖަލްސާތަކުގައި އަދި ކެމްޕެއިންގެ އެހެނިހެން ހަރަކާތްތަކުގައި މި ޕާޓީ އަށް ރަޖިސްޓްރީ ކޮށްދީފައިވާ ކުލަ ބޭނުން ކުރުން ހުއްޓާލަން ދަންނަވަން،" ޕީޕީއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ޕީޕީއެމްގެ ބަޔާން މިގޮތަށް އައީ، އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ ސަޕޯޓަރުން މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ނަމުގައި ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނާ ގުޅިގެން ހަރަކާތްތެރިވަމުން ދަނިކޮށެވެ. ރިޔާސީ އިންތިޚާބުގައި މައުމޫންގެ ސަޕޯޓަރުން މަސައްކަތް ކުރަނީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ އެކުގަ އެވެ. އަދި އެމްއާރުއެމުން ބޭނުން ކުރަނީ ފިޔާތޮށި ކުލަ އެވެ.

ނަމަވެސް، ޕީޕީއެމުން ނެރުނު ބަޔާނާ ގުޅިގެން، މައުމޫންގެ ބައެއް ސަޕޯޓަރުން ބުނީ ޕީޕީއެމްގެ ކުލައިގެ ގޮތުގައި، އެ ޕާޓީގެ ގައުމީ ޖަލްސާ އިން ފާސްކޮށްފައި ވަނީ އަސުރުމާ ކުލަ ކަމަށެވެ. ފިޔާތޮށި ކުލަ އަކީ ޕީޕީއެމްގެ ކުލައެއް ނޫން ކަމަށާއި ރައްޔިތުންނަށް އޮޅުވާލަން ނޫޅުމަށް ވެސް އެމީހުން ވަނީ ބުނެފަ އެވެ.

"އަސުރުމާ އަދި ފިޔާތޮށީ ކުލަ އަކީ ތަފާތު ދެ ކުލަ. [ޕީޕީއެމްގެ] ބަޔާނުގައި ލިޔެފައި ވަނީ އަސާސީ ގަވައިދުގައި ބަޔާން ކޮށްފައިވާ ގޮތަކަށް ނޫން،" ޕީޕީއެމްގެ ސަޕޯޓަރަކު ބުންޏެވެ.