21 އޯގަސްޓް 2018 - 08:57

މައްކާ (އޮގަސްޓް 21) - މާތްވެގެންވާ މައްކާގެ ބިމުގައި ވެވޭ ހައްޖަކީ އިސްލާމް ދީނުގެ އެންމެ މަތިވެރި އެއް އަޅުކަމެވެ.
ތިރީގައި މި ވަނީ ހައްޖާ ގުޅޭ ބައެއް އަދަދުތަކެވެ.
* ރަސްމީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވޭ. ދެހާސް ސޯޅަ ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައި ވަނީ 1.86 މިލިއަން މީހުން. އަދި 1941 ވަނަ އަހަރުގެ ހައްޖުގެ ފަރްޟް އަދާކޮށްފައި ވަނީ 24،000 މީހުން.
* ހައްޖުވެރިންނަށް އެހީވުމުގައި ދަނީ 18،000 އަށް ވުރެ ގިނަ ސިވިލް ޑިފެންސް އޮފިޝަލުން ހަރަކާތްތެރިވަމުން. އޭގެ ތެރޭގައި ސެކިއުރިޓީ އޮފިސަރުން ވެސް ހިމެނޭ. ހައްޖުވެރިން އުޅޭ ސަރަހައްދުތަކުގައި ވަނީ އެތައް ހާސް ސެކިއުރިޓީ ކެމެރާއެއް ހަރުކޮށްފައި.
* ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް 25 ހޮސްޕިޓަލާއި 155 ހެލްތު ސެންޓަރު އަދި 180 އެމްބިއުލަންސް ވަނީ ތައްޔާރުކޮށްފައި. ހައްޖު މިނިސްޓްރީން ބުނި ގޮތުގައި ހައްޖުވެރިންނަށް އެހީވުމުގައި 30،000 ސިއްހީ އޮފިޝަލުން ހަރަކާތްތެރިވާނެ.
* ހައްޖުވެރިން ތިބުމަށް ވަނީ އެއާ ކޮންޑިޝަން އެތައް ހާސް ޓެންޓެއް ތައްޔާރުކޮށްފައި.
* ހައްޖުވެރިން އުފުލުމަށް އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް 14،000 ފްލައިޓް ބާއްވާފައިވޭ. އަދި ގާތްގަނޑަކަށް 21،000 ބަސް ބޭނުންކޮށްފައިވޭ.
* ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ވަނީ 16،000 ކޮމިއުނިކޭޝަން ޓަވަރާއި 3،000 ވައިފައި ޕޮއިންޓް ގާއިމްކޮށްފައި.
* ކީރިތި ގުރުއާން އާއި ގުރުއާނުގެ ތަރުޖަމާ އަދި ދީނީ ފޮތްތަކުގެ 8 މިލިއަން ކޮޕީ ހައްޖުވެރިންނަށް ބަހާނެ.
* ސައުދީ ރަސްގެފާންގެ "ގެސްޓް ޕްރޮގްރާމް"ގެ ދަށުން 94 ގައުމެއްގެ 5،300 މީހުން މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރާ ކަމަށް ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފައިވޭ.
* ހައްޖުގެ އަޅުކަމުގެ ދުވަސްވަރު މައްކާގެ މުގައްދަސް ތަންތަނުގެ ސާފުތާހިރުކަން ބަލަހައްޓަން 13،373 މަސައްކަތު މީހުން ހަމަޖައްސާފައިވާ ކަމަށް މައްކާ މުނިސިޕަލްޓީން ބުނެފައިވޭ.
* ވޭތުވެދިޔަ 25 އަހަރު ތެރޭ ސައުދީން ވަނީ ހައްޖާއި އުމްރާ އަށް ދިޔަ 54 މިލިއަން މީހުންނަށް ޚިދުމަތް ދީފައި.
* ސައުދީން އުއްމީދު ކުރަނީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު އަހަރަކު 30 މިލިއަން ހައްޖު އަދި އުމްރާވެރިންނަށް ޚިދުމަތް ދެވޭނެ ކަމަށް.