20 އޯގަސްޓް 2018 - 23:30

ރައީސް އަބްދުﷲ ޔާމީން މި މަހު ގދ. ގައްދޫއަށް ވަޑައިގެންނެވި އިރު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ހެދި މަރިޔާދު ގޭގައި މިރޭ ރޯވެ އަނދައި ހުލިވެއްޖެ އެވެ.
ގައްދޫ ކައުންސިލްގައި ހިމެނޭ ޕީޕީއެމްގެ ހަމަ އެކަނި ކައުންސިލަރު މުހައްމަދު ލަބީބް ވިދާޅުވީ ލަކުޑި އާއި ފަނުން، އުނދޯއްޔަކާ އެކު ޕީޕީއެމްގެ ސަޕޯޓަރުން ހަދާފައިވާ ގޭގައި ރޯވެފައި ހުއްޓާ ފެނުނީ މިރޭ 10:30 ހާއިރު ކަމަށެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާއެއްނުވެ އެވެ. ނަމަވެސް 13 ފޫޓު ދިގު އަދި ފުޅާ މިނުގައި އަށް ފޫޓް ހުރި މަރިޔާދުގެ ވަނީ އަޅިއަށް ވެފަ އެވެ.
މުހައްމަދު ވިދާޅުވީ މަރިޔާދުގޭގައި ރޯވީ ކީއްވެގެން ކަމެއް އަދި ނޭނގޭ ކަމަށެވެ.
"އެތަން ނުނަގާ އަޅުގަނޑުމެން ބެހެއްޓީ އެއީ ރައްޔިތުންނަށް ފަސޭހަވާނެ ތަނަކަށްވާތީ. އެތަން ނުނަގައިގެން އެއްވެސް މައްސަލައެއް ވެސް ޖެހިފައެއްނުވޭ،" ލަބީބް ވިދާޅުވި އެވެ.
އާބާދީގައި 3،150 އުޅޭ ގައްދުއަށް ރައީސް ޔާމީން ވަޑައިގަތީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.