އޭޝިއަން ގޭމްސްގައި ހުސެން ރެފްރީކަންކޮށްފި
އޭޝިއަން ގޭމްސްގައި ހުސެން ރެފްރީކަންކޮށްފި

ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އެކްޓިވް ބީޗް ވޮލީބޯޅަ އިންޓަނޭޝަނަލް ރެފްރީ ހުސެއިން މުހައްމަދު (ހުސެން) އޭޝިއަން ގޭމްސްގެ ގިނަ މެޗުތަކެއްގައި ރެފްރީކަންކޮށް އާ ހަރުފަތަކަށް ޖެހިލައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރާފައިވާ ހުސެއިން ވަނީ 2014 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ވެސް ރެފްރީކަންކޮށްފަ އެވެ. އޭނާ އަށް މީގެ ކުރިން ފުރުސަތު ނުލިބި އޮތް ހަމައެކަނި ބޮޑު މުބާރާތަކީ އޭޝިއަން ގޭމްސް އެވެ. އެކަމަކު މި ފަހަރުގެ އޭޝިއަން ގޭމްސްގައި އޭނާ ވަނީ މިހާތަނަށް ހަ މެޗެއްގައި ރެފްރީކަން ކޮށްފަ އެވެ. އޭނާ މިއަދު އިންސާފުކުރީ އޭޝިއަން ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓުގެ އަންހެން ބައިގައި އިންޑޮނީޝިއާ އާއި ވިއެޓްނާމް ކުޅުނު މެޗުގަ އެވެ.

ހުސެއިން ވަނީ މިދިޔަ ދެ އަހަރު ވެސް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ މުބާރާތްތަކަށް ވެސް އިންސާފުކޮށްފަ އެވެ. އޭނާ އަށް ބައިނަލްއަގްވާމީ އިވެންޓްތަކުން ފަހަކަށް އައިސް ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. ހަތަރު އަހަރުގެ ތެރޭ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނުގެ ތިން މުބާރާތުން ވެސް ވަނީ ފުރުސަތު ހޯދައިފަ އެވެ.

ޖަޕާނުގައި މި އަހަރުގެ ޖުލައި މަހު ބޭއްވި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ވޮލީބޯލް (އެފްއައިވީބީ) ގެ ވޯލްޑް ޓުއާގެ ދެ ވަނަ އަށް އެންމެ މަތީ ދަރަޖައިގެ މުބާރާތެއްގައި ހުސެއިން ރެފްރީންކަން ކުރި އެވެ. އޮލިމްޕިކްސް ފަދަ މުބާރާތްތަކަށް ޓީމުތައް ސީޑްކުރަނީ ވޯލްޑް ޓުއާތަކުގައި ނެރޭ ނަތީޖާއިންނެވެ. އެހެންކަމުން މިއީ ދުނިޔޭގެ ފެންވަރުގެ ވޮލީބޯޅައިގެ މުހިއްމު ސީރީސް އެކެވެ.

އޭނާ ވަނީ 2015 ވަނަ އަހަރު ގަތަރުގައި ބޭއްވި ސްޓާ ތިނެއްގެ ވޯލްޑް ޓުއާ މުބާރާތެއްގައި ވެސް ރެފްރީކަންކޮށްފަ އެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ ޗައިނާގެ ނަންޖިންގައި ބޭއްވި 23 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި އިންސާފުކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ ރެފްރީ ފާސް ނަގާފައިވަނީ ހުސެއިންގެ އިތުރުން އިބްރާހިމް ނަޒީމެވެ. އެކަމަކު އޭނާ މިހާރު ރެފްރީކަމެއް ނުކުރެ އެވެ.

މި ފަަހަރުގެ އޭޝިއަން ގޭމްސްގައި އިންސާފު ކުރުމުގެ ފުރުސަތު ރާއްޖޭގެ އިންޑޯ ރެފްރީ އަހުމަދު ނަޝީދު (ތުއްތުކޯ) އަށް ވެސް ވަނީ ލިބިފަ އެވެ.

މީގެ ކުރިން ވެސް ބައެއް ދިވެހި ރެފްރީންނަށް ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ލިބިފަ އެވެ. އެގޮތުން 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ރާއްޖޭގެ މުހައްމަދު ސައީދު ވަނީ ލައިންސްމަންކަން ކޮށްފަ އެވެ. މިދިޔަ އަހަރު އޮތް އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި އޮފިޝަލްކަން ކޮށްފައިވަނީ ރާއްޖޭގެ ރެފްރީ ރިލްވާން އާދަމް އެވެ. އަދި މި އަހަރު އޮތް އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި އޮފިޝަލްކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ ޝާމިން އިބްރާހިމް އަށް ވެސް ލިބުނެވެ.

މިދިޔަ އަހަރު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބޭއްވި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ރެފްރީ އަހުމަދު ޝިހާމް (ޕުޗު) ވަނީ ރެފްރީކަންކޮށްފަ އެވެ. އަދި މި އަހަރުގެ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ސްޓާޓް ރެފްރީކަންކޮށް އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވެސް ވަނީ ވެފަ އެވެ.