20 އޯގަސްޓް 2018 - 19:01

އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ ޓީމް އިވެންޓް ބައިގައި ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޓީމު ކުއާޓާ ފައިނަލުގައި މިއަދު ވަރުގަދަ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެ އެވެ.

ދުނިޔޭގެ ރޭންކިންގައި ކުރީގައި އޮތް ކުޅުންތެރިން ގިނަ ޗައިނާ ޓީމު އަތުން ރާއްޖޭގެ ޓީމު ބަލިވީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމްގައި ފާތިމަތު ނަބާހާ ބަލިވީ ޝެން ޔުފޭއި އާ ކުޅެގެން 2-21، 3-21 އިންނެވެ. ދެ ވަނަ ގޭމްގައި ރާއްޖޭގެ އައިމިނަތު ޝަހުރުނާޒް ބަލިވީ ޗައިނާގެ ހީ ބިންޖިއާއޯއާ ކުޅެގެން 6-21، 3-21 އިންނެވެ. ތިން ވަނަ ގޭމްގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިއާ ނީލާ ނަޖީބު ބަލިވީ ޗައިނާގެ ގާއޯ ފަންޖީ އަތުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 5-21، 9-21 އިންނެވެ.
ޓީމް އިވެންޓް ބައިން ރާއްޖޭގެ އަންހެން ޓީމު ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދީ ފަހަތުން އަރައި ނޭޕާލް ބަލިކުރުމަށް ފަހު އެވެ. ފިރިހެން ޓީމު ކެޓީ ރޭންކިންގެ އެންމެ މޮޅު ކުޅުންތެރިންނާ އެކު ރަން މެޑެއްޔަށް ޓާގެޓްކޮށްގެން އައި އިންޑިއާއާ ވާދަކޮށެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ ޗައިނާ އަކީ އެހެން ލެވެލެއްގެ ޓީމެއް ކަމަށާއި ސްކޯގެ ފަރަގު ބޮޑުވި ނަމަވެސް މި މެޗުގައި ކުޅުންތެރިން ހިތްވަރާ އެކު މަސައްކަތްކޮށް ރަނގަޅަށް މަސައްކަތްކުރި ކަމަށެވެ.
"ޗައިނާ އަކީ އެހެން ލެވެލެއް. ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި. އުއްމީދަކީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިއުމުގެ ކުރިން ސާފް ގޭމްސްގައި ދެ މެޑެއްޔެއް ވަރު ހޯދުން،" އިއްޕަ ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމް އިވެންޓް ބައިން މެޑަލް ހާސިލްކޮށްފަ އެވެ. ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.
ރާއްޖޭގެ ކުޅުންތެރިންނަށް އޭޝިއަން ގޭމްސްގައި ޓީމް އިވެންޓް ބައި ނިމިފައިވާއިރު، ދެން ކުޅުންތެރިން ނުކުންނާނީ އޯޕަން ޑްރޯ އިވެންޓްތަކުގަ އެވެ. އެގޮތުން ރާއްޖޭގެ ކުޅުންތެރިން ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ބައިގައި ވާދަކުރަން ހަމަޖެހިފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.
އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ ދެ ޕެއާ ވެސް ވަނީ މުބާރާތުގައި ކުޅުނު މެޗުތަކުން ބަލިވެފަ އެވެ. ރާއްޖޭގެ އަޝްފާގު އާދަމް (އައްކަޅޭ) އާއި އަހުމަދު މުހައްމަދުގެ ޕެއާ ބަލިވީ ތައިލެންޑުގެ އިންކޫ ނުތަނޮން އާއި ސެދުޓަވަޓް ޕަދުސަވަތުގެ ޕެއާއާ ދެކޮޅަށް ކުޅެގެންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-7، 21-15 އިންނެވެ.
ރާއްޖޭގެ ދެ ވަނަ ޕެއާ ކަމަށްވާ ޝިއުނާޒް އަބްދުލް ވާހިދު އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ޕެއާ ވަނީ ވާދަވެރި ކުޅުމަކަށް ފަހު މިއަދު ގަތަރުގެ ޕެއާ އެއް ކަމަށްވާ ތާމެރު އަބްދުލް ރަސޫލް އާއި މަހުދީ ސަމޫދު އަތުން 2-1 ސެޓުން ބަލިވެފަ އެވެ. ފުރަތަމަ ސެޓު ގަތަރުގެ ޕެއާ އިން 21-18 އިން ގެންގޮސްފައި ވަނިކޮށް ރާއްޖޭގެ ޕެއާ އިން ދެ ވަނަ ސެޓު ގެންދިޔައީ 15-21 އިންނެވެ. އެކަމަކު ތިން ވަނަ ސެޓު 8-15 އިން ގެންގޮސްގެން ގަތަރުގެ ޕެއާ މެޗުން މޮޅުވީ އެވެ.
ރާއްޖޭގެ އިންޑޯ ވޮލީ ޓީމު ވެސް އޭޝިއަން ގޭމްސްގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ސީދާ ތިން ސެޓުން ގަތަރު އަތުން ބަލިވެފަ އެވެ. ގަތަރު ސެޓުތައް ގެންދިޔައީ 25-11، 25-08 އަދި 25-13 އިންނެވެ. ގްރޫޕުގައި ރާއްޖެ ދެން ކުޅޭ ދެ މެޗުގައި ނުކުންނާނީ ހޮންކޮން އާއި އިންޑިއާއާ ދެކޮޅަށެވެ. އެ އަށް ފަހު ދެން އޮންނާނީ ރޭންކިން މެޗުތަކެވެ.