20 އޯގަސްޓް 2018 - 16:38

މެކްސިކޯގައި ބޭއްވި ރޮބޮޓް އޮލިމްޕިކްސް "ފަސްޓް ގްލޯބަލް" ޗެލަންޖްގައި ރާއްޖޭގެ ޓީމު އައިސްލޭންޑާއި ކޮލަމްބިއާއާ އެކު ދެވަނަ އަށް ހޮވިއްޖެ އެވެ.

އުމުރުން 14 އާއި 18 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖްގައި 190 ގައުމަކުން ވާދަކުރިއެވެ.

މި މުބާރާތުގައު ރާއްޖެއިން ވާދަ ކުރި ޓީމުގައި ހިމެނެނީ މަޖީދިއްޔާ ސްކޫލްގެ ޔަމީން ޔޫޝާއު ،15، އާއި ޖަމާލުުއްދީން ސްކޫލްގެ ރިދާ އަނީސް، 15، އަދި ސީއެޗްއެސްއީގެ 17 އަހަރުގެ ހަސަން ނާސިހެވެ.
"އަޅުގަނޑުމެން އަލަށް ބައިވެރިވުމުން ފަސްޓް ގްލޯބަލް އިން ފޮނުވި ރޮބޮޓް ކިޓެއް. ކަސްޓަމްސްގާ އޭތި ތާށިވުމެ، ލިބުން ލަސްވުމުން އަޅުގަނޑުމެންނަށް އެ ރޮބޮޓު ހަދަން ލިބުނީ ދެ ހަފުތާ،" ޓީމުގެ މެމްބަރު ޔަމީން ޔުޝާއު ބުންޏެވެ.
މިއީ ދެ ބުރެއް ހިމެނޭ ގޮތަށް ބޭއްވި މުބާރާތެކެވެ. ފުރަތަމަ ބުރުގައި ހަވާލުކުރާ އެކި މަސައްކަތުގެ ނަތީޖާއަށް ބަލާފައި ދެ ވަނަ ބުރަށް ކޮލިފައިވަނީ 48 ގައުމެވެ.
"އެ 48 ގައުމު ދެ ވަނަ ބުރަށް ކޮލިފައިވީ އިރު، އޭގެ ތެރެއިން އަޅުގަނޑުމެން ދިޔައީ ފަސް ވަނަ އަށް،" ޓީމްގެ މެންބަރު ހަސަން ނާސިހް ބުންޏެވެ.
ނާސިހް ބުނި ގޮތުގައި ދެވަނަ ބުރު ކުރިއަށް ދިޔައީ އެ ބުރުގައި ހިމެނޭ 48 ގައުމު، 16 ޓީމަކަށް ބަހާލައިގެން، ކޮންމެ ޓީމެއްގައި ތިން ގައުމު ހިމެނޭ ގޮތަށެވެ. ރާއްޖޭއަށް ލިބުނީ އައިސްލެންޑާއި ކޮލަމްބިއާއާ އެކު ހެދި ގްރޫޕެވެ.
"މި ޓީމާއެކު އެންމެ ރަނގަޅު ސްޓްރެޓެޖީއެށް ބިނާ ކޮށްގެން ދެންހުރި ބުރުތަކުގައި އެހެން ގައުމުތަކާ ވާދަކުރަން ޖެހުނީ،" ނާސިހު ބުންޏެވެ.
ރާއްޖެ ވާދަކުރި ޓީމު ހުރިހާ ބުރަކުން ކާމިޔާބު ހޯދި ނަމަވެސް މުޅި މުބާރާތުން ދެވަނައަށް ދިޔައީ ފައިނަލް މެޗުގައި ރޮމޭނިއާ، ސިންގަޕޯ، އަދި ޖާމަނީގެ ޓީމާ ވާދަކޮށް ކާމިޔާބު ނުވުމުންނެވެ.
ރޮބޮޓިކްސްގެ އެއްވެސް ކަމެއްގައި މީގެ ކުރިން މަސައްކަތްކޮށްފައި ނުވާ ތިން މެމްބަރުންގެ ޓީމުން ބުނީ މުބާރާތުގައި މި ހިސާބަށް ދާން ވަރަށް ހިތްވަރުކުރަން ޖެހުނު ކަމަށެވެ.
"އަޅުގަނޑުމެން މީގެ ކުރިން މި މަސައްކަތުގައި ނޫޅުނަކަސް، ވަރަށް ހިތްވަރު ކުރިން. ނޭނގެޔޭ ބުނެފަ ނުތިބެން...އަޅުގަނޑުމެން ކުރިއަށް ދިޔައީ ހިތްވަރު ކުރުމުން،" ނާސިހު ބުންޏެވެ.