ފަސޭހަ ފޫޓުފީތާ
ފަސޭހަ ފޫޓުފީތާ

އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހުންނާއި ފަހާމީހުންނާއި ވަޑިންނާއި ގޭތެރެ ފަރުމާކުރާ މީހުންނަށް ފޫޓުފީތާއަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ބޭނުންވާ ގޮތްގޮތަށް މިން އަޅައި، އެ މިނަށް އެކި ފާޑުގެ ތަކެތި އުފައްދަން މަސައްކަތްކުރާއިރު ލުއިފަސޭހަ ގޮތަކަށް އެކަން ކުރެވޭތޯ އެވެރިން ބަލާނެއެވެ. އެފަދަ އުފެއްދުމެއް ބާޒާރަށް ނުކުމެއްޖެނަމަ އެއީ އެމީހުންނަށް ރަނެއް މަލެއް ފަދަ އެއްޗެކެވެ. ފޫޓުފީތާގެ ދުނިޔެއަށް މިފަހަރު މި ނުކުންނަނީ ލޭޒާ ބޭނުންކޮށްގެން މިން އެޅުމުގައިވެސް އަރާ ހުރި ވައްތަރެއްގެ ފީތާއެކެވެ. މި ފީތާގެ ނަމަކީ "ޕަރާ"އެވެ.

ޕަރާ އުފައްދާފައިވަނީ ދެ ގޮތަކަށް މިންނެގޭނެހެންނެވެ. އެއީ ހުރި ތާކު ހުރެގެން، މިން ނަގަން ބޭނުންވާ ތަނަށް އަޅުވާލާ ލޭޒާ އަލިރޮނގަކުން މިން ނެގޭ ގޮތަށާއި، މިން ނަގަން ކުޑަ ފުރޮޅެއް ދުއްވާލައިގެންނެވެ.

ލޭޒާ އަލިރޮނގުން މިން ނެގުމަށްޓަކައި ފީތާ ހުޅުވާލުމަށްފަހު މީގެ ކޮޅުން ނުކުންނަ އަލިރޮނގު، ބޭނުންވާ ދެ ނުކުތާއަކަށް އަމާޒުކުރަންވީއެވެ. އޭރުން އެދެ ނުކުތާގެ ދުރުމިން ބަލައިދޭނެއެވެ. މި މައުލޫމާތު ފޯނުގައި ރައްކާކުރުމަށް މީގެ އެޕްގެ ބޭނުންކުރެވޭނެއެވެ.

ފުރޮޅު އަނބުރައިގެން މިން ނެގޭނީ މިން ނަގަން ބޭނުންވާ ތަނެއްގެ މަތީ، ފީތާގައި ހިމެނޭ ރަތްކުލައިގެ ފުރޮޅު ދުއްވާލައިގެންނެވެ. ގިނަ ބަނޑިބަނޑި ހުންނަ ތަންތަނާއި ތަކެތީގެ މިން ނަގަން މިއީ ވަރަށް ފަސޭހަ އާލާތެކެވެ. މި ފީތާއިން، މީޓަރާއި ފޫޓާއި އިންޗިން މިން ނެގޭނެއެވެ. މިން ނެގުމަށްފަހު މީގެ އެލްސީޑީ ސްކްރީނަށް އަރާ މައުލޫމާތު، ޕަރާގެ އެޕަށް ފޮނުވާލާނީ ބްލޫޓޫތުންނެވެ. ބޭނުން ނަމަ މިން ނެގި ތަނުގެ ފޮޓޯވެސް މި އެޕްގައި ރައްކާކުރެވޭނެއެވެ. އަދި ނެގި މިނުގެ އަދަދު، ފޮޓޯގައި ލިޔެ، ފަހުން ބަލައިލުމަށް ފޮރުވޭނެއެވެ.

ޕަރާ ފަރުމާކޮށްފައިވަނީ ގެންގުޅެން ފަސޭހަކޮށް ކުޑަކޮށްނެވެ. އާންމުކޮށް ތަކެތި ރައްކާކުރާ ތަންތަނުގައި ޕަރާވެސް ރައްކާކުރެވޭނެއެވެ. ދަބަހަށްލާކަށް،އަތުން ހިފައިގެން ގެންގުޅޭކަން ބުރައެއް ނޫނެވެ. ބޭނުންނަމަ އެއް އަތުންވެސް މިން ނެގޭހާ ލުޔެވެ. މީގެ ދިގުމިނުގައި ހުންނަނީ 15 ސެންޓިމީޓަރެވެ. ފުޅާމިނުގައި ފަސް ސެންޓިމީޓަރެވެ. ބަރުދަނުގައި 182 ގްރާމެވެ. ޕަރާގެ ބެޓެރީ، މައިކްރޯ ޔޫއެސްބީ ސީ ޕޯޓަކަށް ޖަހައިގެން ފަސޭހައިން ޗާޖުކުރެވޭނެއެވެ.