21 އޯގަސްޓް 2018 - 05:54

ހައްޓަށް ފަސޭހަ، ގެންގުޅެން ލުއި ދަބަހަކީ ބާޒާރުގައި ވަރަށް މަދު އެއްޗެކެވެ. މި ސިފަތައް ހުރެއްޖެ ނަމަ އެއީ ބޭނުންވާހާ ސާމާނެއް އަޅާނެ ޖާގައެއް އޮންނަ އެއްޗަކަށް ނުވެ އެވެ. ގެންގުޅެން ލުއި ނަމަ، ތަކެތި އަޅާ ފުރާލުމުން ހީކުރިހާ ލުއި ނުވެދާނެއެވެ.

މިކަމަށް ހައްލެއް ހޯދައިދިނީ ލިބޭ ހުސްވަގުތުގައި ދަތުރުކުރުމަށް ޝައުގު ހުންނަ ބަޔަކު އުފެއްދި އެމެރިކާގެ ކުންފުންޏަކުންނެވެ. ޓްރެކްސެޑްއަކީ މީގެ ކުރިން ވައިޖަހާ ސްލީޕިން ޕެޑް އުފައްދައިގެން މަގުބޫލުކަން ހޯދި ކުންފުންޏެކެވެ. އެވެރިންގެ މިފަހަރުގެ އަމާޒަކީ ދަބަހަށް ވައިޖަހައިގެން ބޭނުންކުރުމެވެ. އެއާ ޕެކްއަކީ މި އަމާޒަށް ވާސިލްވުމަށް އުފެއްދި ދަބަހެކެވެ.
އެއާ ޕެކް ފަރުމާކޮށްފައިވަނީ ވައިނުޖަހާއިރު އަތަށް ލެވޭ ހާ ކުޑަކޮށެވެ. ވައިޖަހާލުމުން ހެޔޮވަރު ވަރަކަށް ދަބަސް ފުފެއެވެ. ފުފޭ އިރު ކޮނޑުގައި އަޅުވާ ބައި ވެސް ފުފޭނެއެވެ. އެތެރެއަށް އަޅާ ސާމާނުން ބުރަކަށްޓަށް އުނދަގޫނުވާނެހެން ދަބަހުގެ ފަހަތުގައި ވަކި ބަދަބަދައަށް ފުފިފަ ހުރެއެވެ. ދަބަހަށް 33 ލީޓަރުގެ ސާމާނު އެޅެއެވެ. އުނަގަނޑު މަތިން ބަނދެލާނެ ވާފަށަކާއި، ދެ ކޮނޑުމަތިން ދަބަހަށް ވާން ކުރެވޭނެ ވާފަށްވެސް ހުރެއެވެ. ވެހޭ ވާރެއާއި ދޭހާ އަތްވެއްގައި މި އަޅައިގެން ދަތުރުކުރާއިރު ހާސްކަމެއް ނެތެވެ. ދަބަސް ތެރެއަށް ފެން ނުވަންނާނެކަމުގެ ޔަގީންކަން، އެއާ ޕެކް އުފެއްދި ކުންފުނިން ދެއެވެ. ސަބަބަކީ މީގެ ޒިބުތަކުގައި ވެސް ހުންނަ އާދަޔާ ޚިލާފް ބާރެވެ.
އެއާ ޕެކް ފުފޭނީ ވައިޖަހަން ޚާއްސަ ކޮށްފައިވާ އާނގައަށް އަނގައިން ފުމެލުމުންނެވެ. މާ ގިނައިން ފުމޭކަށް ވެސް ނުޖެހެއެވެ. ދަބަހުގެ ބައްޓަމަށް ފުފިއަރާއިރު މީގެ ބޮޑުމިނުގައި ހުންނާނީ 51 ސެންޓިމީޓަރެވެ. ނުފުއްޕާއިރު އާދައިގެ ކުޑަ ދަޅެއްހާ ކުޑައެވެ. އެއީ ގާތްގަޑަކަށް 15 ސެންޓިމީޓަރެވެ. އެހެނިހެންވެސް ދަބަސްދަބަހެކޭ އެއްގޮތަށް އެއާ ޕެކްގައި ވެސް އަރިމައްޗަށް ފެންފުޅި ޖަހާނެ ޖީބެއް ހުރެއެވެ. މި ޖީބުގެ ފުންމިނުގައި ހުންނަނީ 10 އިންޗިއެވެ.
އެއާ ޕެކަކީ ދަތުރު ދާއިރު އަދި ބާޒާރަށް ދާއިރު ވެސް އެކަށީގެންވާ ދަބަހެކެވެ. މީގެ ދަބަސް އާންމުކޮށް ވިއްކަން ފަށާނީ މިއަހަރުގެ ސެޕްޓެމްބަރުގައި ކަމަށް ލަފާކުރެވެއެވެ.