05 އޯގަސްޓް 2016 - 07:51

ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މި ފިލްމަށް އިންތިޒާރު ކުރާ މީހުންނަށް ފިލްމުގެ މައި ތިން ކެރެކްޓާއަކީ ވަރަށް ޝައުގުވެރި ކެރެކްޓާތަކަކަށް ވާނެކަން ޔަގީންނެވެ.

"ވިޝްކާ" ޓްރެއިލާ އިން ވެސް މިއީ ސަސްޕެންސުން ފުރިގެންވާ ކެރެކްޓާތަކެއްކަން ސާބިތުކޮށްދެ އެވެ.

މިއީ ކްރައިމް ތުރިލާއެކެވެ. އެހެންވެ ފިލްމުގެ ވާހަކަ ބޮޑަށް ބިނާވެފައި ވަނީ މިހާރު މުޖުތައު ތެރޭގައި ހުރި އިޖުތިމާއި މައްސަލަތަކަށެވެ. އެކަންކަމުގެ އަނދިރި ފަރާތަށެވެ.

މި ފަހަރު އަހުމަދު ސައީދު ކުޅޭ ރޯލަށް ބަލާލަމާ ހިނގާށެވެ. އޭނާ "ވިޝްކާ" އިން ފެނިގެން ދާނީ މަޖިލިސް މެމްބަރެއްގެ ގޮތުގަ އެވެ. ރައްޔިތުންތަކެއް ތަމްސީލް ކުރާ ޒިންމާދާރު މަގާމަކުން އޭނާ ފެނިގެން ދިޔަ ނަމަވެސް ސައީދު ކުޅޭ މަނިކުގެ ކެރެކްޓާ އަކީ ސިއްރުތަކުން ފުރިގެންވާ، ހަގީގަތް ނޭނގޭ ކެރެކްޓާއެކެވެ.
"ވިޝްކާ" ކެރެކްޓާތަކުގެ ތައާރަފު ޕޯސްޓަރުގައި ވެސް ސައީދު ސިފަކޮށްފައި ވަނީ "ދި އީވިލް" ގެ ގޮތުގަ އެވެ. މާނައަކީ އޭނާ ފެނިގެން ދާނީ އަޑި ނުބައި ރޯލަކުންނެވެ. ވަރަށް ނުފޫދު ގަދަ ކެރެކްޓާއަކުންނެވެ.
މި ކެރެކްޓާގެ ބެކްގްރައުންޑަށް ބަލާއިރު، މިއީ ބޭނުންވާ ކޮންމެ ކަމެއް، ކޮންމެ ގޮތެއް ހަދާފައި ވެސް ހާސިލް ކުރަން ބޭނުންވާ މީހެެއްގެ ކެރެކްޓާ އެވެ. މަނިކަކީ ކޮރަޕްޓްވެފައިވާ އެމްޕީއެކެވެ. އޭނާ ބޭނުންހާ ކަމެއް، ބޭނުންވާ ގޮތަކަށް ފައިސާގެ އެހީގައި ކުރެ އެވެ. ފައިސާ ދީގެން ގޭންގެއް ވެސް ގެންގުޅެ އެވެ.
އެހެން އުޅުމުގެ ތެރޭގައި މަނިކުގެ މަޅީގައި "ވިޝްކާ" ޖެހެ އެވެ. ފިލްމުގައި ދެން ފެނިގެން ދާނީ މަނިކާއި އިޝާންޓޭ (ރަވީ) ގެ "އަނދިރި ދުނިޔެއިން" ސަލާމަތް ވާން ވިޝްކާ ކުރާ މަސައްކަތެވެ.
މަނިކްގެ ކެރެކްޓާ އާ ބެހޭ ގޮތުން ސައީދު ބުނީ އެއީ އޭނާގެ 20 އަހަރުވީ ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑަށް ތައްޔާރުވެގެން އެކަމަކު އެންމެ ފަސޭހަކޮށް ކުޅެވުނު ރޯލް ކަމަށެވެ.
އެހެންވެ މަނިކުގެ ކެރެކްޓާ އަށް ދިރުން ގެނެސްދޭން އޭނާ އަށް ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށް ސައީދު ބުންޏެވެ.
އަނެއްކޮޅުން "ވިޝްކާ" އަށް އޭނާ ވަރަށް ހާއްސަ އެވެ. ފުރަތަމަ ކަމަކީ ރަވީ ފާރޫގް ޑައިރެކްޝަނެއްގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުމެވެ. އަނެއް ކަމަކީ މަނިކުގެ ކެރެކްޓާއަކީ މަޝްހޫރު އެކްޓަރު އަދި މިހާރު މަޖިލިސް މެމްބަރު ރީކޯ މޫސާ މަނިކަށް ހާއްސަކޮށްގެން "ވިޝްކާ" ގެ ވާހަކަ ލިއުނު އަބްދުﷲ ވިޝާން ފައްކާ ކުރި ކެރެކްޓާއަކަށްވުމެވެ.
އަދި "ވިޝްކާ" އިން ފުރަތަމަ ފަހަރަށް ސައީދުގެ ދެ ދަރިން ހަމަ އޭނާގެ ދަރިންގެ ގޮތުގައި ފިލްމުން ފެނިގެން ދާނެ އެވެ.
"ވިޝްކާ" ގެ ޕްރޮޑިއުސަރު އަދި ބަތަލާ ރިޝްމީ ރަމީޒް ބުނީ ސައީދަކީ މަނިކުގެ ރޯލްގެ ފުރަތަމަ ޗޮއިސް ނޫން ކަމަށެވެ. ރީކޯ ލައްވައި، އެ ރޯލް ކުޅުވަން ބޭނުންވި ނަމަވެސް، ބައެއް ސަބަބުތަކާ ހެދި އެކަން ކާމިޔާބު ނުވީ އެވެ.
ދެން އެ ރޯލް ކުޅެން ފަހުން ހުސައިން ސޮބާ އެއްބަސްވި އެވެ. އެކަމަކު އޭނާ މާ ބޮޑަށް ބިޒީވެގެން ފިލްމް ދޫކޮށްލީ އެވެ.
ސައީދަކީ މަނިކުގެ ކެރެކްޓާގެ ތިން ވަނަ ހޮވުމެވެ.
"އަހަރެން މިހާރު ބުނާނީ ސައީދު ވަރަށް މޮޅަށޭ މަނިކުގެ ރޯލް ކުޅެފައި އޮތީ. ހަމަ ނަސީބެއް ސައީދު ލައްވައި މި ރޯލް ކުޅެވުނުކަން. އެހާ ވެސް ފުރިހަމަ،" ރިޝްމީ ބުންޏެވެ.
މަނިކުގެ ރޯލަކީ ސައީދު ބުނި ގޮތުގައި ފަހުރުވެރިވާ ކަހަލަ ރޯލެކެވެ. އެކްޓިން ވަރަށް ފުރިހަމަ އަށް ދައްކުވައި ދޭން ފުރުސަތު ލިބުނު ކެރެކްޓާއެކެވެ.
"ރާއްޖޭގެ ލެޖެންޑަކަށް ހާއްސަކުރި ރޯލެއް އަހަންނަށް ކުޅެން ލިބުން އެއީ ވެސް ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަހަރެން ދެކެނީ. އަހަންނަށް ވަރަށް ޔަގީން މޫސަ ވެސް މި ފިލްމް ބަލާފައި ބުނާނެ ސައީދު ދައްކާފައި ހުރި އެކްޓިން ވަރަށް ރަނގަޅޭ. ވަރަށް ފުރިހަމައޭ،" އޭނާ ބުންޏެވެ.
ސައީދު ބުނީ "ވިޝްކާ" އަކީ އެއްގޮތަކަށް ވެސް އާދައިގެ ފިލްމަކަށް ނުވާނެ ކަމަށެވެ. އަދި މިއީ ދިވެހި ސިނަމާ އަށް އަނެއްކާ ވެސް ބަދަލެއް ގެނުވާނެ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.
"މަސައްކަތް ކުރަން ލިބުނު ޓީމަކީ ވަރަށް ޑެޑިކޭޝަނާ އެކު މަސައްކަތް ކުރި ޓީމެއް. އެއީ ޔާރާ ކަމަށް ވިޔަސް، މަދޮށިޕް ކަމަށް ވިޔަސް އަދި ރަވީ އާއި ފިލްމުގެ ހުރިހާ ޑިޕާޓްމަންޓެއް މުޅި އެއްޗަށް ވަރަށް ބޮޑަށް ތަރޯވެގެން މަސައްކަތްކޮށްފައި އޮތީ،" އޭނާ ބުންޏެވެ. "އެ ތަފާތު ސްކްރީނުން ފެންނާނެ މި ފަހަރު."
ސައީދު އެދޭ ޔަގީންކަން ވެސް އެނގޭނީ ފިލްމް ސްކްރީން ބަލާލަން ފުރުސަތު ލިބުމުންނެވެ.
މި މަހުގެ ތެރޭގައި ފިލްމް އަޅުވަން ކުރިން ޕްލޭން ކުރި ނަމަވެސް، ބައެއް މަސައްކަތްތައް ލަސްވުމާ ގުޅިގެން، ފިލްމް ރިލީޒް ކުރާ ދުވަސް އިއުލާންކުރުން ޔާރާ އިން މިހާރު ވަނީ ފަސްކޮށްފަ އެވެ.
"މިހާރު ކުރިއަށް ދަނީ ބެކް މިއުޒިކްގެ މަސައްކަތް. އެ މަސައްކަތް ނިންމާލެވުނީމަ ފިލްމް އަޅުވަންވީ،" ފަހުން ތާރީހެއް އިއުލާން ކުރާނެ ކަމަށް ފާހަގަކުރަމުން ރިޝްމީ ބުންޏެވެ.