20 އޯގަސްޓް 2018 - 13:12

ފެބްރުއަރީ މަހު މަރުވި ބަތަލާ ސްރީދޭވީގެ ފިލްމް "އިންގްލިޝް ވިންގްލިޝް" ގައި އޭނާގެ ދައްތަގެ ރޯލް ކުޅުނު ބަތަލާ ސުޖާތާ ކުމާރު ކެންސަރު ބަލީގައި ރޭ މަރުވެއްޖެ އެވެ.
އޭނާ މަރުވީ ހާލު ގޯސްވެގެން، ހޮނިހިރު ދުވަހުގެ ރޭ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
ދައްތަގެ މަރާ ގުޅިގެން ބަތަލާ އަދި ލަވަކިޔުންތެރިޔާ ސުޗިތުރާ ކްރިޝްނަމުރުތީ ކުރި ޓްވީޓެއްގައި ބުނީ ސުޖާތާ ވަކިގެން ދިއުމަކީ އާއިލާ އަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށާއި އޭނާގެ ވަކިވުމާ އެކު އެ މީހުންގެ ހަޔާތަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. ސުޗިތުރާއަކީ "މިސްޓަ އިންޑިއާ" ގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރްގެ ކުރީގެ އަންހެނުންނެވެ.
ސުޖާތާ ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި އައިޝްވާރިޔާ ރާއީގެ "ގުޒާރިޝް" އާއި ކަރީނާ ކަޕޫރްގެ "ގޯރީ ތެރޭ ޕިޔާރް މޭ" އަދި ސޯނަމް ކަޕޫރްގެ "ރާންޖަނާ" ހިމެނެ އެވެ.
އޭނާގެ މަރާ ގުޅިގެން ބޮލީވުޑްގެ ފަންނާނުން މިހާރު އަންނަނީ އާއިލާ އަށް ތައުޒިޔާ ކިޔައި ޓްވީޓް ކުރަމުންނެވެ.