ޓެކްސްޓް ފޮތެއްގައި އޮޅުމަކުން ފަރްހާން އަހްތަރުގެ ފޮޓޯ ޖަހައިފި
ޓެކްސްޓް ފޮތެއްގައި އޮޅުމަކުން ފަރްހާން އަހްތަރުގެ ފޮޓޯ ޖަހައިފި

ވެސްޓް ބެންގާލްގެ ޓެކްސްޓް ފޮތެއްގައި އިންޑިއާގެ ކުރީގެ އެތުލީޓް މިލްކާ ސިންގްގެ ގޮތުގައި އެކްޓަރު ފަރްހާން އަހްތަރުގެ ފޮޓޯ ޖަހާފައި ހުރިކަން އެނގިގެން އެތައް ބަޔަކު އެކަމާ ގުޅިގެން ޓްވީޓްކުރަން ފެށުމާ އެކު އެކަން އިސްލާހުކޮށް ދޭން ފަރްހާން އެދެފި އެވެ.

ވެސްޓް ބެންގާލްގެ އެޑިއުކޭޝަން މިނިސްޓަރު ޕަރްތާ ޗެޓަޖީ އަށް ފަރްހާން ކުރި ޓްވީޓެއްގައި ބުނީ ޓެކްސްޓް ފޮތެއްގައި މިލްކާގެ ބަދަލުގައި ޖެހިފައި ހުރީ އޭނާގެ ފޮޓޯ ކަމަށާއި ފޮތް ޕަބްލިޝް ކުރި ފަރާތާ ގުޅިގެން ވީހާ ވެސް އަވަހަށް އެ މިސްޓޭކް ރަނގަޅުކޮށް ދޭން އެދޭ ކަމަށެވެ.

ފަރްހާންގެ އެ ޓްވީޓަށް ވަގުތުން ޖަވާބު ދެއްވައި މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެކަން ސަމާލު ކަމަށް ގެނައި ކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށާއި އެކަން އިސްލާހުކުރަން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޓެކްސް ފޮތުގައި މިކްލާއާ ބެހޭ ގޮތުން ހިމެނޭ ސުވާލުތަކަކާ އެކު ފަރްހާންގެ ފޮޓޯ ޖެހުނީ އޮޅުމަކުންނެވެ. ސަބަބަކީ 2013 ގައި ރިލީޒް ކުރި މިލްކާ ސިންގްގެ ބައޮގްރަފިކަލް ޑްރާމާ "ބާގް މިލްކާ ބާގް" ގައި މިކްލާގެ ރޯލް ފަރްހާން ކުޅެފައިވުމެވެ. އެހެންވެ ފޮތް ޗާޕް ކުރި ފަރާތަށް ފޮޓޯ އޮޅުން އެރީ އެވެ. ފޮތުގައި ޖަހާފައި އިނީ ފިލްމްގެ މަންޒަކުން ފެންނަ ފަރްހާންގެ ފޮޓޯއެކެވެ.

އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓް ކުރި ފިލްމް ކުޅެގެން ފަރްހާނަށް ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ. އުމުރުން މިހާރު 88 އަހަރުގެ މިލްކާއަކީ "ދް ފްލައިން ސިކް" ގެ ނަމުގައި އިންޑިއާގައި މަޝްހޫރުވި އެތުލީޓެކެވެ. އޭނާއަކީ ކޮމަންވެލްތު ގޭމްސް އާއި އޮލިމްޕިކްސް އާއި އޭޝިއަން ގޭމްސްގައި ރަން މެޑެލް ހޯދާފައިވާ ދުވުންތެރިއެކެވެ.

މިލްކާގެ ފޮޓޯގެ ބަދަލުގައި ފަރްހާންގެ ފޮޓޯ ޓެކްސްޓް ފޮތުގައި ޖެހުނު މައްސަލަ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި ދެން ފެންނާނީ އަލައްދީން ހިލްޖީގެ ގޮތުގައި ރަންވީރްގެ ސިންގްގެ ފޮޓޯ، އަކްބަރުގެ ގޮތުގައި ރިތިކް ރޯޝަން އަދި މަންމޯހަން ސިންގްގެ ގޮތުގައި އަނޫޕަމް ކޭރް ފޮޓޯ ވެސް ޓެކްސްޓް ފޮތުގައި ޖަހާފައި ހުއްޓައި ކަމަށެވެ.

ރަންވީރްއަކީ ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" ގައި އަލައްދިން ހިލްޖީގެ ރޯލް ކުޅުނު އެކްޓަރެވެ. ރިތިކް އަކްބަރުގެ ރޯލް ކުޅުނީ 2008 ގައި އަޝުތޯޝް ގޮވަރިކާ ގެނެސް ދިން "ޖޯދާ އަކްބަރު" ގަ އެވެ. އަނޫޕަމް، މަންމޯހަންގެ ރޯލް ކުޅުނު "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" އަކީ އަންނަ ޑިސެމްބަރު 21 ގައި ރިލީޒް ކުރާ ފިލްމެކެވެ.