ކާސްޓުން ނެގުމުގައި ސަލްމާން ހާންގެ ނުފޫޒެއް ނޯންނާނެ: އަލީ އައްބާސް ޒަފަރު
ކާސްޓުން ނެގުމުގައި ސަލްމާން ހާންގެ ނުފޫޒެއް ނޯންނާނެ: އަލީ އައްބާސް ޒަފަރު

ސަލްމާން ހިމަނައިގެން ތިން ވަނަ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ އިރު، ޑައިރެކްޓް ކުރާ ފިލްމްތަކަށް ކާސްޓުން ނެގުމުގައި ސަލްމާންގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

މޯލްޓާގައި މިހާރު ޝޫޓް ކުރަމުން އަންނަ "ބާރަތު" އަށް ޕްރިޔަންކާ ޗޯޕްޅާ ސޮއިކުރުމަށް ފަހު، ކުއްލި ގޮތަކަށް އެ ފިލްމް އޭނާ ދޫކޮށްލުމުން ބަތަލާގެ ރޯލަށް ވަނީ ކެޓްރީނާ ކެއިފް ހަމަޖައްސައިފަ އެވެ.

މިކަމާ ގުޅިގެން އަމާޒުވި ފާޑު ކިޔުންތަކަށް ރައްދު ދެމުން އަލީ ބުނީ ކެޓްރީނާ "ބާރަތު" ގެ ބަތަލާއަކަށް ނެގީ ސަލްމާންގެ އެއްވެސް ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ.

މި ފިލްމަށް ޕްރިޔަންކާ ސޮއިކުރިކަން ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ވެސް ކެޓްރީނާ އަށް ފިލްމް ހުށަހެޅި ކަމުގެ އަޑުތަކެއް އެރި އެވެ.

އަނެއްކޮޅުން އަލީ އެންމެ ފަހުން ގެނެސް ދިން މިދިޔަ އަހަރުގެ ކާމިޔާބު ފިލްމް "ޓައިގާ ޒިންދާ ހޭ" ގެ ލީޑް ރޯލް ވެސް ކުޅުނީ ސަލްމާނާއި ކެޓްރީނާ އެވެ. އަލީ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް މޭރީ ބްރަދާ ކީ ދުލްހަން (2011) ގެ ބަތަލާއަކީ ވެސް ކެޓްރީނާ އެވެ.

ސަލްމާނާ އެކު އަލީ މަސައްކަތް ކުރި ފުރަތަމަ ފިލްމަކީ ސުލްތާން (2015) އެވެ.

އަލީ ބުނި ގޮތުގައި އޭނާ ފިލްމަށް ކާސްޓުން ނަގަނީ އެކަމުގައި އަމިއްލ ބާރު އޮވެގެން، ކެރެކްޓާތަކާ އެންމެ ގުޅޭ ގޮތަށް ބަލައިފަ އެވެ.

"އެހެންވެ އެއްވެސް އިރެއްގައި ސަލްމާންގެ ނުފޫޒެއް ނޯންނާނެ ފިލްމަކަށް ކާސްޓުން ހޮވުމުގައި. އެކަމަކު ސަލްމާން ވެސް އަދި ޓީމްގެ އެހެން މީހަކު ވެސް ހިޔާލެއް ދީފި ނަމަ އެކަމަކާ ދޭތެރޭ އަހަރެން ވިސްނަން،" ކާމިޔާބު ޑައިރެކްޓަރު ބުންޏެވެ. "އަނެއްކޮޅުން ސަލްމާނަކީ ބޭބެއެއް ކަހަލަ މީހެއް."

އަލީ ބުނި ގޮތުގައި ޕްރިޔަންކާ "ބާރަތު" ދޫކޮށްލުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އަދި އެ ނިންމުމަކީ ޕްރޮފެޝަނަލްކޮށް ނިންމި ނިންމުމެއް ކަމަށް ވެސް ބުންޏެވެ.

"ކަމުގެ ހަގީގަތް ނުބަލައި ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަ ކަމެއް. ޕްރިޔަންކާ ފިލްމް ދޫކޮށްލީ އޭނަގެ އަމިއްލަ ސަބަބުތަކެއް ހުރީމަ. އެކަމަކާ ގުޅިގެން ބާރަތުގެ ޓީމްގެ އެއްވެސް ހިތްބުރަ ކަމެއް ނެތް،" ޕްރިޔަންކާ އެކު "ގުންޑޭ" ގެނެސް ދިން އަލީ ބުންޏެވެ. "އަދި އެއީ އަންޕްރޮފެޝަނަލްކޮށް ކުރި ކަމެއް ވެސް ނޫން."

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ބާރަތު" އިން ސަލްމާނާއި ކެޓްރީނާއާ އެކު، ޑިޝާ ޕަޓްނީ، ނޯރާ ފަތެހީ، ޖެކީ ޝްރޮފް، ތައްބޫ އަދި ސުނިލް ގްރޯވާ ފަދަ ތަރިން ފެނިގެން ދާނެ އެވެ.