ގަތަރު ބަލިކޮށް ބަންގްލަދޭޝަށް ތާރީހީ ކާމިޔާބެއް
ގަތަރު ބަލިކޮށް ބަންގްލަދޭޝަށް ތާރީހީ ކާމިޔާބެއް

އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ގަތަރު އަތުން 1-0 އިން މޮޅުވެ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުން ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ. މިއީ ބަންގްލަދޭޝް ފުޓްބޯޅަ ތާރީހުގައި އޭޝިއާގެ ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ.

ގަތަރު ބަލިކޮށް ބަންގްލަދޭޝަށް ތާރީހީ ކާމިޔާބެއް
ގަތަރު ބަލިކޮށް ބަންގްލަދޭޝަށް ތާރީހީ ކާމިޔާބެއް

މި މަހު އާންމުކުރި ފީފާގެ ރޭންކިންގައި ބަންގްލަދޭޝް އޮތީ 194 ވަނައިގަ އެވެ. ގަތަރު އޮތީ 98 ވަނައިގަ އެވެ. އޭޝިއަން ގޭމްސްގައި ގަތަރުގެ މައްޗަށް ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ރޭ ކުރި ހޯދިއިރު، މީގެ އަހަރެއްހާ ދުވަސް ކުރިން ބަންގްލަދޭޝްގެ 16 އަހަރުން ދަށުގެ ޓީމުން ވަނީ ގަތަރު އަތުން 2-0 އިން މޮޅުވެފަ އެވެ.

އިންޑޮނީޝިއާގެ ޗަންދުރަބަގާ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ބަންގްލަދޭޝް މޮޅުވި ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން އެވެ. މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ތަޖުރިބާކާރު ކުޅުންތެރިޔާ ބުޔާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އުމުރުން 28 އަހަރުގެ ބުޔާން އަކީ ސީނިއާ ތިން ކުޅުންތެރިންގެ ތެރޭގައި ޓީމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުޅުންތެރިއެކެވެ. ޑެންމާކަށް އުފަން ބުޔާން ކެރިއަރު ފެށީ ޑެންމާކުގެ ބްރޮންޑްބައި ޔޫތު ޓީމުންނެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ބަންގްލަދޭޝަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ޑެންމާކުގެ ގަދަބާރު ކޮޕަންހޭގަންގައި ވެސް ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ދެކުނު ކޮރެއާގައި އޮތް އޭޝިއަން ގޭމްސްގައި ބަންގްލަދޭޝް އިން އަފްގާނިސްތާން އަތުން މޮޅުވި ނަމަވެސް އެ ޓީމަށް ކުރިއަށްދެވޭ ގޮތެއްނުވި އެވެ. މި ފަހަރުގެ ގޭމްސްގެ ފުރަތަމަ މެޗުން ބަންގްލަދޭޝް ވަނީ އުޒްބެކިސްތާން އަތުން 3-0 އިން ބަލިވެފަ އެވެ. ބަންގްލަދޭޝް އިން ދެ ވަނަ ބުރުގެ އުއްމީދު އާކުރީ ދެ ވަނަ މެޗުގައި ތައިލެންޑާ 1-1 އިން އެއްވަރުކޮށްގެންނެވެ.

އެ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ތިން މެޗުން ވެސް މޮޅުވެ އުޒްބެކިސްތާން ނުވަ ޕޮއިންޓާ އެކު ދެ ވަނަ ބުރަށް ދިޔައިރު، ދެ ވަނަ ހޯދި ބަންގްލަދޭޝަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ތައިލެންޑް ތިން ވަނައިގައި ދެ ޕޮއިންޓާ އެކު އޮތްއިރު، އެންމެ ފުލަށް ދިޔަ ގަތަރަށް ލިބުނީ ޕޮއިންޓެކެވެ.

ދެ ވަނަ ބުރުގައި ބަންގްލަދޭޝް ކުޅެން ޖެހޭނީ ގްރޫޕް އެފްގެ ދެ ވަނަ ހޯދާ ޓީމަކާ އެވެ. އެ ގްރޫޕުގައި އޮތީ އީރާނާއި ސައުދި އެރޭބިއާ، މިޔަންމާ އަދި އުތުރު ކޮރެއާ އެވެ.

ބަންގްލަދޭޝް އިން ވަނީ އޭޝިއަން ގޭމްސް އާއި އަންނަ މަހު 4-15 އަށް އެ ގައުމުގައި އޮންނަ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ބޮޑު ސްކޮޑަކާ އެކު އާ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭގެ އިރުޝާދުގެ ދަށުން ދެ ޓްރެއިނިން ކޭމްޕް ފުރިހަމަ ކޮށްފަ އެވެ. ގަތަރުގައި ފުރަތަމަ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރިއިރު ފަހުން ދިޔައީ ދެކުނު ކޮރެއާ އަށެވެ. ދެ މުބާރާތަށް ދެ ޓީމު ފޮނުވާއިރު ދެ ޓީމު ވެސް ނަގާނީ 30 ކުޅުންތެރިންގެ ސްކޮޑުންނެވެ.

ބަންގްލަދޭޝާ ހަވާލުވުމަށް ފަހު ޑޭ ބުނީ އޭނާގެ ޕްލޭނާ އެއްގޮތަށް އޭޝިއަން ގޭމްސް އާއި ސާފްގައި ގޮސްފިނަމަ ބަންގްލަދޭޝްގެ ފުޓްބޯޅައާ މެދު ގިނަ ބަޔަކު ދެކެމުން އަންނަ ނެގެޓިވް ކަންތައްތައް ބަދަލުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އޭޝިއަން ގޭމްސްގެ ދެ ވަނަ ބުރުން ފުރުސަތު ލިބުމާ އެކު ޑޭ އަށް އެއް މަގްސަދު ހާސިލްވީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ޓީމު އޮތީ ރަނގަޅު ޓްރެކުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ސާފްގެ ގައުމުތަކުގެ ތެރެއިން ވާދަކުރަނީ ނޭޕާލާއި ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ. އިންޑިއާ އަށް ބައިވެރިނުވެވުނީ އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ކަނޑައެޅި ކްރައިޓީރިއާ އަށް ނުފެތޭތީ އެވެ. ރާއްޖޭން އަންހެން ޓީމު ގޭމްސް އަށް ފޮނުވިއިރު، ފިރިހެން ޓީމު ނުފޮނުވީ ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ޓީމުގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭތީ ދެ މުބާރާުތުގައި ކުޅެން ކުޅުންތެރިންގެ ޝެޑިއުލަށް ބުރޫ އަރާނެތީ ކަަމަށް އެފްއޭއެމުން ބުނެ އެވެ. އަންނަ މަހު އޮންނަ ސާފަށް ތައްޔާރުވާން ގައުމީ ފިރިހެން ޓީމު އަންނަނީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެެ.