20 އޯގަސްޓް 2018 - 08:31

ރެޖިއޯ އެމިލިއާ (އޮގަސްޓް 20) – މި ސީޒަނުގެ އިޓާލިއަން ލީގުގެ ކާމިޔާބުކުރުމަށް ޔުވެންޓަސް އަށް އެންމެ ވަރުގަދަ ފައިޓެއް ދޭނެ ކަމަށް ބެލެވޭ އިންޓަ މިލާން ކުޅުނު ފުރަތަމަ މެޗުން ރޭ ސަސުއޮލޯ އަތުން 1-0 އިން ބަލިވެއްޖެ އެވެ.
ސަސުއޮލޯގެ ހަމައެކަނި ގޯލް މެޗުގެ 27 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑޮމެނިކޯ ބެރާޑީ އެވެ.
އަހަރުތަކަށް ފަހު ޗެމްޕިއަންސް ލީގުން ވެސް ޖާގަ ހޯދާފައިވާ އިންޓަ އިން އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން ޑިފެންޑަރު ސްޓެފަން ޑި ވްރައި އާއި ވަޑްވޯ އަސަމޮއާ އާއި މަޓެއޯ ޕޮލިޓާނޯ އަދި ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒް ފުރަތަމަ އެގާރައިގައި ކުޅުނެވެ. ކެއިޓާ ބާލްޑޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އިރު ބެލްޖިއަމް މިޑްފީލްޑަރު ރަޖާ ނައިންގޫލާން ނުކުޅެ އެވެ.
އާ ސީޒަނަށް ކުޅުންތެރިން ގެނެސް ތައްޔާރުވި އޭއެސް ރޯމާ އަށް ރޭ ޓޮރިނޯ އަތުން މޮޅުވެވުނީ ފަހު މިނެޓުގައި އެޑިން ޖެކޯ ޖެހި ލަނޑުންނެވެ. ބެންކްރަޕްޓްވެ ތިން ދަރަޖަށް ފަހަތަށް ރެލިގޭޓްވި ނަމަވެސް ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު އެނބުރި އައި ޕާމާ ވަނީ އުދިނޭޒީއާ 2-2 އިން އެއްވަރުވެފަ އެވެ.
ރޭ ކުޅެން އޮތް އޭސީ މިލާނާއި ޖެނޯއާގެ މެޗާއި ސަމްޕްޑޯރިއާ އާއި ފިއޮރެންޓީނާގެ މެޗު ވަނީ ފަސްކޮށްފަ އެވެ. އެއީ ޖެނޯއާ އާއި ސަމްޕްޑޯރިއާ ނިސްބަތްވާ ސިޓީގައި ބްރިޖެއް ވެއްޓި ހިނގި ހާދިސާއެއްގައި އެތައް ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގަ އެވެ. މިލާނުގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ނުކުންނާނީ ނަޕޯލީއާ ދެކޮޅަށެވެ.