04 އޯގަސްޓް 2016 - 13:59

ލަންޑަން (އޮގަސްޓް 4) - ނުރުހުމުގައި ސައުދީ އަރަބިއާގައި ބަންދުކުރި ދަރިފުޅު ދޫކޮށްލާ އެ ކުއްޖާ އަނބުރާ އިނގިރޭސި ވިލާތަށް ދެވޭނެ އިންތިޒާމް ހަމަޖައްސެމަށް އިނގިރޭސި ފަނޑިޔާރަކު އެ ކުއްޖާގެ ބައްޕަ އަށް އަންގައިފި އެވެ.
އުމުރުން 21 އަހަރުގެ އާމިނާ އަލް-ޖަފަރީ އުފަންވެ އަދި އޭނާ އުޅެ ބޮޑުވީ އިނގިރޭސި ވިލާތުގެ ސްވަންސީގަ އެވެ. އެކަމަކު އޭނާގެ ބައްޕަ މުހައްމަދު އަލް ޖަފަރީ ވަނީ 2012 ވަނަ އަހަރު އާމިނާ ޖިއްދާ އަށް ގެންގޮސްފަ އެވެ. އަންހެން ކުއްޖާގެ ބައްޕަ ބުނީ އެކަން ކުރީ "އަންހެން ކުއްޖާގެ ދިރިއުޅުން ސަލާމަތް ކުރަން" ކަމަށެވެ.
ފިރިހެން ކުއްޖަކާ އެކު ކިސް ކުރަނިކޮށް ފެނިގެން އާމިނާގެ ބައްޕަ އޭނާ އަނބުރާ ސައުދީ އަށް ގެންދިޔައީ އާމިނާގެ އުމުރުން 16 އަހަރުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އަލް ޖަފަރީގެ އެޕާޓްމަންޓުގައި ބަންދުކޮށްފަ އެވެ. ކޮޓަރީގައި ހުރެގެން އާމިނާ ވަނީ އޭނާ ސަލާމަތް ކޮށްދިނުމަށް އެކި ފަރާތްތަކަށް މެސެޖްކޮށްފަ އެވެ. އެންމެ ފަހުން އޭނާގެ ފަރާތުން ވަނީ ވަކީލުން ލަންޑަނުގެ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ފަނޑިޔާރު ހޮލްމަންގެ ނިންމުމުގައި ވަނީ އަންހެން ކުއްޖާގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށާއި އޭނާ އެނބުރި އިނގިރޭސި ވިލާތަށް އައުމުގެ އިންތިޒާމް ބައްޕަ ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ކޯޓުގެ އަމުރަށް ބައްޕަ ތަބާ ނުވި ނަމަވެސް އެ ކޯޓަށް ކުރެވޭނެ ކަމެއް ނޯންނާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އެކަމަކު ޖަފަރީ އެނބުރި އިނގިރޭސި ވިލާތަށް އަތުވެއްޖެ ނަމަ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް އޭނާގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.
އާމިނާ އަކީ އިނގިރޭސި ވިލާތުގެ އިތުރުން ސައުދީގެ ޕާސްޕޯޓް ވެސް އޮންނަ ކުއްޖެކެވެ. އެހެންވެ އޭނާ އަނބުރާ އިނގިރޭސި ވިލާތަށް ފޮނުވުމަށް ސައުދީގެ ކޯޓުތަކުން ވެސް މަސައްކަތެއް ނުކުރާނެ އެވެ.
އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުން ބުނީ އާމިނާގެ މައްސަލަ ސަމާލު ކަމަށް އައި ފަހުން އޭނާ އަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އިނގިރޭސި އެމްބަސީގެ މުވައްޒަފަކު ފޮނުވައިގެން އާމިނާއާ ބައްދަލުކޮށް އަދި އިނގިރޭސި ވިލާތުގައި ތިބި ވަކީލުންނާ ވާހަކަ ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕާލަމެންޓުގައި ސްވަންސީ ވެސްޓް ތަމްސީލްކުރާ މެންބަރު ގެރައިންޓް ޑޭވީސް ވަނީ އާމިނާ އަނބުރާ އިނގިރޭސިވިލާތަށް ގެނައުމަށް އެހީތެރިވުމަށް ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން އަށް ވެސް ދަންނަވައިފަ އެވެ.