20 އޯގަސްޓް 2018 - 08:06

މެޑްރިޑް (އޮގަސްޓް 20) – ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކޯޗު ޒައިނުއްދީން ޒިދާން ނެތި ރެއާލް މެޑްރިޑުން ފެށި އާ ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ގެޓަފޭ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.
މިދިޔަ އަށެއްކަ އަހަރު މެޑްރިޑަށް އެތައް ކާމިޔާބީތަކެއް ހޯދައިދިން ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވެފައިވާއިރު މިދިޔަ ތިން އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ޒިދާން ވަނީ ކުއްލިގޮތަކަށް ވަކިވެފަ އެވެ.
އާ ކޯޗު ހުލެން ލޮޕެޓީގުގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗުގައި، ޔުއެފާ ސުޕަ ކަޕުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ވަނީ 4-2 އިން ބަލިވެފަ އެވެ.
ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެޑްރިޑަށް ގޯލް ޖަހައިދިނީ ޑެނީ ކަރްވަހާލް އާއި ގަރެތު ބޭލް އެވެ. މީގެ ތެރެއިން ބޭލް އަކީ، ރޮނާލްޑޯ ނެތުމާ އެކު މެޑްރިޑުން ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ކުޅުންތެރިޔެކެވެ. ކަރްވަހާލް ފުރަތަމަ ގޯލް 20 ވަނަ މިނެޓުގައި ޖެހީ ބޭލް ނެގި ހުރަހެއް ގެޓަފޭގެ ގޯލްކީޕަރު ޕަންޗުކޮށް ފޮނުވާލުމުންނެވެ. މާކޯ އަސެންސިއޯގެ ހުރަހަކުން 51 ވަނަ މިނެޓުގައި ބޭލް ލަނޑު ޖެހިއިރު އޭގެ ކުރިން ވެސް އޭނާ ނުރައްކާތެރި ހަމަލައެއް ފޮނުވާލި އެވެ.
މެޑްރިޑުން ރޮނާލްޑޯގެ ބަދަލުގައި ކުޅުންތެރިޔަކު ގެނެސްފައިނުވާއިރު، މި ސީޒަނުގައި އެޓޭކިން ލައިނުގައި ކުޅެނީ ބޭލް އާއި އަސެންސިއޯގެ އިތުރުން ކަރިމް ބެންޒެމާ އެވެ.
ލީގުގައި ރޭ ސެވިއްޔާ އިން ވަނީ އަންދްރޭ ސިލްވާގެ ހެޓްރިކާ އެކު ރަޔޯ ވަޔެކާނޯ އަތުން 4-1 އިން މޮޅުވެފަ އެވެ. އޭސީ މިލާނުގެ ލޯނެއްގެ ދަށުން ސެވިއްޔާއާ ގުޅުނު ސިލްވާ މި ވަނީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގައި ޖެހި އަދަދަށް ވުރެ ގިނައިން ސެވިއްޔާ އަށް ކުޅެދިން ފުރަތަމަ މެޗުގައި ވެސް ގޯލް ޖަހައިފަ އެވެ.