ސިޓީން ތަފާތު ދެއްކިއިރު، ޔުނައިޓެޑް ބަލިވެއްޖެ
ސިޓީން ތަފާތު ދެއްކިއިރު، ޔުނައިޓެޑް ބަލިވެއްޖެ

ބްރައިޓަން (އޮގަސްޓް 19) - މުހިއްމު ކުޅުންތެރިޔާ ކެވިން ޑި ބްރޭނާ އަށް އަނިޔާވި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ހަޑްސްފީލްޑް ޓައުން އަތުން 6-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތަފާތު ދެއްކިއިރު، ބްރައިޓަން އަތުން 3-2 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

ސިޓީން ތަފާތު ދެއްކިއިރު، ޔުނައިޓެޑް ބަލިވެއްޖެ
ސިޓީން ތަފާތު ދެއްކިއިރު، ޔުނައިޓެޑް ބަލިވެއްޖެ

ފަރިތަކުރުމުގެ ތެރެއިން ޑި ބްރޭނާ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނީ ތިން މަސް ދުވަސް ފަހުންނެވެ. މިރޭގެ މެޗުގައި ސިޓީން ވިދާލީ ހެޓްރިކެއް ހެދި ސާޖިއޯ އަގުއޭރޯ އެވެ. މިއީ ސިޓީ އަށް އަގުއޭރޯ ހަދައިދިން 13 ވަނަ ހެޓްރިކެވެ. އަދި ޕްރިމިއާ ލީގުގައި އަގުއޭރޯ ހެދި ނުވަ ވަނަ ހެޓްރިކެވެ. ޕްރިމިއާ ލީގުގެ ހެޓްރިކް ރެކޯޑް އޮތީ 11 ހެޓްރިކާ އެކު ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އެލަން ޝިއަރާ އަތުގަ އެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އަގުއޭރޯ އަށް ތައުރީފް ކޮށްފަ އެވެ. އަދި އޭނާ ބުނީ މިއީ އޭނާ އަށް އަގުއޭރޯ އެންމެ ރަނގަޅު ފޯމެއްގައި ހުއްޓައި ފެނުނު ފަހަރު ކަމަށެވެ. ގާޑިއޯލާ ވަނީ މި ސީޒަނުގައި އެ ޓީމު މިހާތަނަށް ކުޅުނު ތިން މެޗުގައި ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި އެކަމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ބުނެފަ އެވެ.

ސިޓީގެ ޑޭވިޑް ސިލްވާ އާއި ގަބްރިއެލް ޖީސޫސް ވެސް ލަނޑު ޖެހި މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި އަނެއް ގޯލަކީ ހަޑްސްފީލްޑްގެ ޓެރެންސް ކޮންގޯލޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ހަޑްސްފީލްޑްގެ ހަމައެކަނި ލަނޑު ޖެހީ ގޮރެންކް ސްޓަންކޮވިޗް އެވެ.

މިއީ ސިޓީ އަށް ޕްރިމިއާ ލީގުގައި ސިލްވާ ކުޅެދިން 250 ވަނަ މެޗެވެ. މި މެޗުގައި އޭނާ ހިލޭ ޖެހުމަކުން ލަނޑު ޖެހިއިރު، އެ ގޯލު ހާއްސަ ކުރީ އޭނާގެ އަށް މަހުގެ ދަރިފުޅު މަޓެއޯ އަށެވެ. ސިލްވާގެ އަންހެނުން ވިހެއީ ދުވަސްނުފުރަ އެވެ. އެހެންވެ ބަލިހާލަތު ހުރި ގޮތުން މަޓެއޯ ފުރަތަމަ ފަސް މަހު އޮތީ ހޮސްޕިޓަލްގަ އެވެ. މަޓެއޯ ގާތުގައި ސިލްވާ ހުންނަން ބޭނުންވާތީ މިދިޔަ ސީޒަނުގެ މެދުތެރެއިން އޭނާ އަށް ޓީމުން ރިލީސްދޭން ގާޑިއޯލާ ނިންމި އެވެ.

މިރޭގެ މެޗަށް ފަހު ސިލްވާ ވަނީ އުނދަގޫ ހާލަތުގައި އޭނާ އަށް އެހީތެރިވި އެންމެނަށް ޝުކުރުއަދާކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ވެސް ބްރައިޓަން އިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި މި ފަހަރުގެ ސީޒަނުގައި ބްރައިޓަންގެ ފުރަތަމަ މޮޅު އެ ޓީމު ހޯދާފައިމިވަނީ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މިރޭގެ މެޗުގައި ބްރައިޓަން އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައިފަ އެވެ. ސޮލީ މާޗް ނަގައިދިން ހުރަހަކުން ގޯލު ކުރިމަތީގައި ހުސްކޮށް ހުރެފައި މެޗުގެ 25 ވަނަ މިނިޓްގައި ބްރައިޓަން އަށް ލީޑުނަގައިދިނީ ތަޖުރިބާކާރު ފޯވާޑް ގްލެން މަރީ އެވެ. އޭގެ ދެ މިނިޓް ފަހުން ޝޭން ޑަފީ ވަނީ ބްރައިޓަން އަށް ދެ ވަނަ ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.

އޭގެ އަށް މިނިޓް ފަހުން ރޮމެލޫ ލުކާކޫ ވަނީ ޔުނައިޓެޑަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕަސްކާލް ގްރޮސް ވައްދާލި ޕެނަލްޓީން ބްރައިޓަން ވަނީ އަލުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މިއީ މިދިޔަ ތިން އަހަރު ތެރޭ ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގައި ޔުނައިޓެޑް ކޮޅަށް ތިން ގޯލު ވަން ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑުން އަލުން މެޗުގެ ތެރެއަށް ވަންނަން ދެ ވަނަ ހާފްގެ ފެށުނުތަނުން ޖެސޭ ލިންގާޑާއި މާކަސް ރެޝްފޯޑް ކުޅެން އެރުވި އެވެ. އެކަމަކު އެ ޓީމަށް ލަނޑެއް ޖެހޭ ގޮތްވީ މެޗުގެ އިތުރު ވަގުތުގަ އެވެ. ލިބުނު ޕެނަލްޓީން ޔުނައިޓެޑްގެ މި ލަނޑު ޖެހީ ކެޕްޓަން ޕައުލް ޕޮގްބާ އެވެ. އެ އަށް ފަހު ޔުނައިޓެޑަށް އިތުރު އެޓޭކެއް ކުރަން ފުރުސަތެއް ނުލިބެނިސް މެޗު ވަނީ ނިމިފަ އެވެ. މިއީ ޕޮގްބާ ލަނޑު ޖެހި މެޗެއްގައި ލީގުގައި ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ޔުނައިޓެޑްގެ އަލެކްސިސް ސަންޗޭޒް ނުކުޅެ އެވެ. ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ މެޗުގެ ކުރިން ބުނީ ސަންޗޭޒް ނުކުޅުނީ ދިމާވި "ކުޑަ މައްސަލަ" އެއްގެ ސަބަބުން ކަމަށެވެ. އެކަމަކު އެއީ ކޮން ކަމެއް އޭނާ ނުބުނެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މޮރީނިއޯ ބޭނުންވާ ކުޅުންތެރިން ޔުނައިޓެޑަށް ނުގެނެވުމުން އޭނާ ވަނީ ސީޒަން ފެށުމުގެ ކުރިން މިއީ އެ ޓީމަށް ވަރަށް އުނދަގޫ ސީޒަނަކަށްވާނެ ކަމަށް ބުނެފަ އެވެ. ޔުނައިޓެޑުން އެންމެ ބޭނުންވީ ޑިފެންޑަރެއް ގެންނާށެވެ. މިރޭގެ މެޗުން ވެސް ޔުނައިޓެޑް ބަލިވީ އެ ޓީމުގެ ފަހަތުން ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.