19 އޯގަސްޓް 2018 - 20:06

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުން އައްޔަން ކުރުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ކެންޑިޑޭޓުންގެ މަންދޫބުން އައްޔަން ކުރުމުގެ ފުރުސަތު އޮންނާނީ އަންނަ ބުދަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ހަވީރާ ހަމައަށެވެ.
މަންދޫބުންގެ ގޮތުގައި އައްޔަން ކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުން ނުދާ އަދި ބަންދެއްގައި ނެތް މީހެކެވެ. އަދި އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހަވާލު ކޮށްފައި ނެތް މީހަކު ކަމަށް ވުމާއި ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެމްބަރަކަށް ނުވުމާއި ފުލުހެއް ނުވަތަ ސިފައިންގެ މީހަކަށް ނުވުމަކީ ވެސް މަންދޫބުންގެ ޝަރުތެކެވެ.
ކޮންމެ ވޯޓުލާ މަރުކަޒަކަށް ވެސް ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ކަނޑައެޅޭނީ އެންމެ މަންދޫބެކެވެ. މަންދޫބުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުގެ ލިސްޓް ކޮމިޝަނަށް ފޮނުވަން ޖެހޭނީ ކެންޑިޑޭޓުންނެވެ.
އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.