04 އޯގަސްޓް 2016 - 12:58

މިލާން (އޮގަސްޓް 4) - ޗެލްސީގެ ހުށަހެޅުމަށް ފުރަގަސް ދިނުމަށް ފަހު ލާޒިއޯ އަށް ކުޅޭ އިޓަލީ ގައުމީ ޓީމުގެ މިޑްފީލްޑަރު އެންޓޯނިއޯ ކަންޑްރޭވާ އިންޓަ އަށް ސޮއިކޮށްފި އެވެ.
ޗެލްސީގެ ކޯޗުކަމާ އެންޓޯނިއޯ ކޮންޓޭ ހަވާލުވުމަށް ފަހު ގެންނަން މަސައްކަތްކުރި ފުރަތަމަ ކުޅުންތެރިއަކީ ރޯމާ އަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ރަޒާ ނައިންގޫލަން އެވެ. އެހެން ނަމަވެސް އޭނާ ގަންނަން ޗެލްސީން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ދެން ފާރަލީ ކަންޑްރޭވާ އަށެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ކަންޑްރޭވާ އަށް 20 މިލިއަން ޕައުންޑް ހުށަހެޅި އެވެ.
ކަންޑްރޭވާ އިންޓަ އަށް ސޮއިކުރީ 25 މިލިއަން ޕައުންޑަށެވެ. އެ ޓީމާ އެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ކަންޑްރޭވާ ބުނީ އިންޓަ އަކީ އަބަދުވެސް އޭނާ ޝައުގުވެރިވާ ކްލަބެއް ކަމަށެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. އަބަދުވެސް ދެކެމުން އައި ހުވަފެނެއް އިންޓަ އަށް ކުޅުމަކީ. އަހަރެން ސަޕޯޓްކުރި ގިނަ ކުޅުންތެރިން ކުޅެފައިވާ ކްލަބެއް އިންޓަ އަކީ،" އިންޓަގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އުމުރުން 29 އަހަރުގެ ކަންޑްރޭވާ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ 2004 އިޓަލީގެ ކްލަބް ޓެނާނާ އިންނެވެ. އެ އަށް ފަހު އޭނާ ވަނީ އުދިނޭޒީ، ލިވޯނޯ، ޔުވެންޓަސް، ޕާމާ، ސެސޭނާ އަދި ލާޒިއޯ އަށް ކުޅެފަ އެވެ.