19 އޯގަސްޓް 2018 - 18:56

އުރީދޫން ކުރިޔަށް ގެންދާ ނިރު އެކްސެލެރޭޓާ ޕްރޮގްރާމްގެ ޕްރީ ހެކް ސެޝަން ބާއްވައި، ކުރިއަށް އޮތް ހެކަތަން އަށް ރަޖިސްޓާ ވުމަށް ހުޅުވާލައިފި އެވެ.

ނިރު ހެކަތަން ބާއްވަން ހަމަޖައްސާފައި ވަނީ މިމަހުގެ 31 ގަ އާއި ސެޕްޓެމްބަރު 1 ގަ އެވެ.
އުރީދޫ ނިރު އެކްސެލެރޭޓާއަކީ މުޖުތަމައަށް މަންފާވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި ކުރިއަރަމުން އަންނަ އެފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކްސެލެރޭޓާ ޕްރޮގްރާމުގައި ބައިވެރިވެވެނީ، ނިރު ހެކަތަންގައި ވާދަކޮށް ހޮވޭ ޓީމްތަކަށެވެ.
އެ ކުންފުނިން ބުނީ އުރީދޫ އާއި ނިރުގެ ޓެކްނޮލޮޖީ ޕާޓްނަރު އައިޑިއާމާޓް ގުޅިގެން ބޭއްވި ޕްރީ ހެކްގައި ކުރިއަށް އޮތް ހެކަތަން މަސައްކަތް ކުރާނެ ގޮތާއި، ބައިވެރިންނަށް ލިބޭނެ ޑިޖިޓަލް ޓޫލްތަކުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ މީހުންނަށް މިހާރު ވެސް މި ސެޝަން ނިރު އެކްސެލެރޭޓާގެ ފޭސްބުކް ޕޭޖުން ބަލާލެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
"ނިރު އެކްސެލެރޭޓާ ޕްރޮގްރާމް ވުޖޫދަށް އައުމުގެ ކުރިން، އަޅުގަނޑާ ވަރަށް ގިނަ ދިވެހި ޑެވެލޮޕަރުންނާ ވަނީ ދިމާވެފައި. މި ބައްދަލުވުންތަކުން ލިބިގެންދިޔަ އެންމެ މުހިންމު މެސެޖަކީ، ދިވެހީންގެ ތެރޭގައި ވަރަށް ހުނަރުވެރި ޑެވެލޮޕަރުންނާއި އީޖާދީ ވިސްނުން ހުންނަ ބޭފުޅުން ތިބި ކަމަށް. އަދި މި ބޭފުޅުންގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ބައިނައަލްއަގުވާމީ މާކެޓަށް ގެންގޮސްދިނުމަށް އެހީވާނެ ޕްލެޓްފޯމްތައް ބޭނުންވާ ކަމަށް. މިގޮތުން، ވިޔަފާރި ބިނާ ކުރުމަށް ބޭނުންވާ ސީޑް ފަންޑިން، ޑިޖިޓަލް ޓޫލްތައް، މަސައްކަތް ކުރާނެ ތަނެއް، އަދި ވިޔަފާރި ކުރިއެރުމަށް ބޭނުންވާ އެހީތެރިކަމާއި މެންޓާޝިޕް ނިރު އެކްސެލެރޭޓާ ޕްރޮގްރާމް މެދުވެރިކޮށް، ބައިވެރިންނަށް ލިބިގެންދާނެ،" ޕްރީ-ހެކްގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވި އެވެ.
އުރީދޫން ބުނީ ކުރިޔަށް އޮތް ނިރު ހެކަތަން ދެ ބައިވެރިންނާއި ފަސް ބައިވެރިންނާ ދެމެދުގެ ޓީމްތަކަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން މިމަހުގެ 25އާ ދެމެދު، އުރީދޫ ވެބްސައިޓް (www.ooredoo.mv/niru) މެދުވެރިކޮށް ނިރު ހެކަތަން އަށް ރަޖިސްޓާ ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.