19 އޯގަސްޓް 2018 - 17:10

ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެ ފަދަ އެއްޗެހި ތައްޔާރުކޮށް، އިޝްތިހާރު ނުކުރުމަށާއި އެފަދަ ކަންކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.
އީސީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅުވައިގެން، އެ ކޮމިޝަންގެ ލޯގޯ ހިމަނައިގެން، ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެ ފަދަ ތަކެތި ތައްޔާރުކޮށް، އިޝްތިހާރު ކުރާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެކަމަކު، އެފަދަ ކަންކަމަކީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ޖިނާއީ ކުށެއް ކަމަށާއި އެހެންވެ، ގޮތަކަށް ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެ ފަދަ ތަކެތި ތައްޔާރު ނުކުރުމަށް އަންގާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާގޮތުން، ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެ އެއްޗެއް އިލެކްޝަންސް ކޮމިޝަންގެ ހުއްދަ ނެތި އުފެއްދުމަކީ ނުވަތަ ވޯޓު ކަރުދާސް ހުންނާނެ ގޮތަކާ ބެހޭގޮތުން އެ ކޮމިޝަން ފިޔަވައި އެހެން ފަރާތަކުން އިޝްތިހާރު ކުރުމަކީ ވެސް އިންތިޚާބީ ކުށެކެވެ. އެފަދަ ކުށެއް ކޮށްފި ނަމަ، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 12،000ރ. އާއި 48،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އެންމެ ފަހުން 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވޯޓު ކަރުދާހަކާ ވައްތަރު ގޮތަކަށް ލިޔުމެއް ތައްޔާރުކޮށް، އެ ގެންގުޅުނު މީހަކަށް ޖިނާއީ ދައުވާ ދައުލަތުން ކުރި އެވެ.