19 އޯގަސްޓް 2018 - 18:05

އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުގައި މިއަދު ދުނިޔޭގެ ރޭންކިންގެ 15 ވަނައިގައި އޮތް ދެކުނު ކޮރެއާ އަތުން 8-0 އިން ބަލިވެއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ކޮރެއާގައި އޮތް ގޭމްސްގައި އެ ގައުމާ ދެކޮޅަށް ކުޅެގެން ރާއްޖެ ބަލިވީ 13-0 އިންނެވެ. މިއީ އެ މެޗުގެ ނަތީޖާ އަށް ބަލާއިރު ރާއްޖެ އަށް ކުރިއެރުމެކެވެ. ފުރަތަމަ މެޗުގައި ރާއްޖެ ވަނީ މުބާރާތް ބާއްވާ ގައުމު އިންޑޮނީޝިއާ އަތުން 6-0 އިން ބަލިވެފަ އެވެ. މިއީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމުގެ އެންމެ ރަނގަޅު ނަތީޖާ އެވެ.
މިއަދުގެ މެޗުގައި ކޮރެއާ އަށް ލީޑުނަގައިދިނީ މެޗުގެ 24 ވަނަ މިނިޓްގައި ޖީ ސޯޔުން އެވެ. ޖީ އަކީ 2014 ވަނަ އަހަރުން ފެށިގެން އިންގްލެންޑުގެ ޗެލްސީ އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ޕީއެފްއޭ އިން ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ.
މެޗުގައި ކޮރެއާ އިން މެޗުގެ 34 ވަނަ މިނިޓްގައި ޖެހި ދެ ވަނަ ލަނޑަކީ ރާއްޖޭގެ އައިމިނަތު ޝާމިލާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސޮން ހުޔައެވޮން އާއި މީރާ މޫން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފުގެ ފުރަތަމަ ލަނޑު ޖެހީ މީރާ އެވެ. މި ހާފުގައި ދެ ލަނޑު ޖަހައި ސޮން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި ކޮރެއާގެ އަނެއް ގޯލު ޖެހީ ލީ އެންމީ އެވެ.
މި މޮޅާ އެކު ކޮރެއާ އަށް ވަނީ ދެ ވަނަ ބުރުގެ ޖާގަ ޔަގީންވެފަ އެވެ. މި ފަހަރު އޮތް އޭއެފްސީ ވިމެންސް ކަޕުން ފަސް ވަނަ ހޯދި ކޮރެއާ ވަނީ އަންނަ އަހަރު އޮންނަ ފީފާ ވިމެންސް ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.
އަންހެން ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ވަނީ މި މުބާރާތުގެ ކުރިން މި ފަހަރުގެ އޭޝިއަން ގޭމްސް އަކީ އަންނަ ޑިސެމްބަރު މަހު އޮންނަ ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ބުނެފަ އެވެ. އަދި ގޭމްސްގައި ކުޅެން ޖެހެނީ ވަރުގަދަ ޓީމުތަކާ ކަމަށްވާތީ ބޭނުންވަނީ ކޮޅަށް ވަންނަ ލަނޑު މަދުކުރުމަށް ކަމަށް ވެސް ބުންޏެވެ.
ފަހަކަަށް އައިސް އަންހެން ޓީމުގެ ނަތީޖާތައް އަންނަނީ ރަނގަޅުވަމުންނެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި އަންހެން ޓީމު ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. އެފްއޭއެމުން އަންނަނީ އަންހެން ފުޓްބޯޅަ ޓީމަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރަމުންނެވެ.
އަންހެން ފުޓްބޯޅަ ކުރިއަރުވަން ރާއްޖޭގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ މުބާރާތްތައް ނުބޭއްވުމެވެ. ކުޅުންތެރިން ގިނައިން ކުޅެނީ ފުޓްސަލް މުބާރާތްތަކުގަ އެވެ. މިދިޔަ އަހަރު އެފްއޭއެމުން ވަނީ އަންހެން ފުޓްބޯޅަ ލީގެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ.
އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމު ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގައި ކުޅޭނީ ޗައިނީސް ޓައިޕޭއާ ދެކޮޅަށެވެ.