19 އޯގަސްޓް 2018 - 17:03

ތެހެރާން (އޮގަސްޓް 19) - ހަނގުރާމަ މަތީ އާ ބޯޓެއް މި ހަފުތާގައި ދައްކާލާނެ ކަމަށް އީރާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އާމިރު ހާތަމީ ވިދާޅުވީ އީރާނުގެ މިސައިލް ޑިފެންސް ނިޒާމް ވެސް ޒަމާނީ ކުރާނެ ކަމަށެވެ. އަދި އެ ގޮތަށް ކަންތައް ކުރަން ޖެހެނީ އިޒްރޭލާއި އެމެރިކާ އިން ކުރިމަތިވާ ބިރުތަކަށް ރައްދު ދިނުމަށް ކަމަށެވެ.
"އީރާނުން އިސްކަން ދޭ ފުރަތަމަ ކަމަކީ މިސައިލްގެ ގާބިލްކަން އިތުރު ކުރުން. ދުޝްމަނުންގެ ބިރުތަކާ އެއްވަރަށް އީރާނުގެ މިސައިލް ދިފާއީ ނިޒާމް ވެސް ވަރުގަދަ ކުރަން ޖެހޭ،" އާމިރު ހާތަމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީރާނުގެ ހަނގުރާމަ މަތީ އާ ބޯޓު ދައްކާލުން އޮންނާނީ ނޭޝަނަލް ޑިފެންސް އިންޑަސްޓްރީ ދުވަހު ކަމަށެވެ. އެއީ އަންނަ ބުދަ ދުވަހު އެވެ.
ހާތަމީ ވިދާޅުވީ އީރާނުގެ ޑިފެންސް ޕްރޮގްރާމް ވަރުގަދަ ކުރަން ޖެހެނީ 1980 ގެ އަހަރުތަކުގައި ކުރި އީރާން-އިރާގު ހަނގުރާމައިގައި އީރާނަށް ދިން މިސައިލް ހަމަލާތަކުގެ ހަނދާންތައް އާވާތީ ކަމަށެވެ.
"އީރާން-އިރާގު ހަނގުރާމަ އިން ލިބުނު ފިލާވަޅަކީ އެހެން ބަޔަކަށް ބަރޯސާ ނުވެވޭނެކަން. އީރާނުގައި ނެތް ގާބިލް ކަމަކަށް އެހެން ބަޔަކު ހަމްދަރުދީއެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އީރާނުން ދާދި ފަހުން އާ މިސައިލެއް ވެސް ދައްކާލައިފަ އެވެ.