19 އޯގަސްޓް 2018 - 16:24

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސް އިންތިޒާމު ކުރުމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދައުރެއް ނެތް ކަމަށާއި އެއީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިސްވެ ބާއްވާ ބަހުސެއް ކަމަށް ޕީއެސްއެމުން މިއަދު ބުނެފި އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ބަހުސްގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ އެމްއެންޔޫ އާއި ޕީއެސްއެމް ގުޅިގެން ކަމަށް ވާހަކަ ދެއްކެވޭތީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް "މިހާރު" އަށް ވިދާޅުވީ އެތަނުގެ ދައުރަކީ ބަހުސް ކަވަރު ކޮށްދިނުމާއި ފީޑު ދޫކުރުން އެކަނި ކަަމަށެވެ. އަދި އެމްއެންޔޫއާ އެކު ޕީއެސްއެމުން އެެއްބަސްވެފައި ވަނީ ވެސް ހަމައެކަނި އެކަން ކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަހުސް ކަވަރުކޮށްދީ، ކަވަރޭޖްގެ ކްލީން ފީޑް ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް [ޕީއެސްއެމުން] އެއްބަސްވީ،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ބަހުސަށް މޮޑަރޭޓަކު ކަނޑައެޅުމާއި ސުވާލު ތައްޔާރު ކުރުން ފަދަ ކަންތައް ކުރަން ޖެހެނީ ވެސް ޕީއެސްއެމަކުންނެއް ނޫނެވެ. އަދި ވިދާޅުވީ، ޕީއެސްއެމްގެ ދައުރަކީ "ކެމެރާތައް އަޅުވައި، ރައްޔިތުންނާ ހަމައަށް ގެނެސްދިނުން" އެކަނި ކަމަށެވެ.
އެމްއެންޔޫ އިން އިންތިޒާމު ކުރާ ބަހުސް އަންނަ މަހުގެ ތެރޭގައި ބާއްވަން ހަމަޖައްސާފައިވީ ނަމަވެސް ތާރީޚެއް އަދި އާއްމެއް ނުކުރެ އެވެ. އެތަނުގެ ވިސްނުމަކީ، މި މަހުގެ ފަހުކޮޅު މެނިފެސްޓޯއާ ގުޅޭ ބަހުސް ބާއްވައި، އަންނަ މަހުގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ބޭއްވުމެވެ.
ރިޔާސީ އިންތިޚާބުގައި މިފަހަރު ވާދަކުރައްވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. މި ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީނަށް ދިން ދައުވަތު ވަނީ ގަބޫލުކުރައްވައިފަ އެވެ. އިބޫ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމެއް ރަސްމީކޮށް އެމްޑީޕީއަކުން އަދި ހާމައެއް ނުކުރެ އެވެ.