04 އޯގަސްޓް 2016 - 12:57

ކޮމަންވެލްތުން ރާއްޖެ އަށް ކަނޑައެޅި ހާއްސަ މަންދޫބު ވިލީ މުޓުންގާ ރައީސް އަބްދުﷲ ޔާމީނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ރައީސާއި ވިލީ މުޓުންގާ މަޝްވަރާ ކުރެއްވީ ކޮމަންވެލްތާއި ރާއްޖެއާ ދެމެދު މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދެވޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ. އެކަމަކު، މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަތަކުގެ މާ ބޮޑު ތަފުސީލެއްް ރައީސް އޮފީހަކުން ނުދެ އެވެ.
ފަސް ދުވަހުގެ މުއްދަތަށް މުޓުންގާ ރާއްޖެ ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ރެ އެވެ. އެ ރޭ އޮތް ރާއްޖޭގެ މިނިވަންކަމުގެ ހެވިކަމުގެ ކުޅިވަރުތައް ވެސް އޭނާ ބައްލަވާލެއްވި އެވެ.
ރާއްޖޭގައި މުޓުންގާ ގެންދަވަނީ ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ވެރިކަން ކުރާ ޕީޕީއެމް އާއި އިދިކޮޅު އިއްިތިހާދުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކާއި ރާއްޖޭގައި ތިއްބަވާ ބައެއް ގައުމުތަކުގެ ސަފީރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގެ ކަންކަން ބެއްލެވުމުގެ ޒިންމާ މިދިޔަ ޖޫން މަހު ހަވާލުވެވަޑައިގަތުމަށް ފަހު މުޓުންގާ ވިދާޅުވެފައިވާ ގޮތުގައި އޭނާ މަސައްކަތް ކުރައްވާނީ ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އެރުވުމަށެވެ.
"މިކަމުގެ ބޭނުމަކީ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބެއް 2018 ގައި ބޭއްވުމަށް މަގު ފަހިކުރުމަށް ބޭނުންވާ މަޝްވަރާގެ އިންތިޒާމް ހަމަޖައްސައިދިނުން. އަދި ރާއްޖޭގެ މުއައްސަސާތަކާއި ޑިމޮކްރެސީ ވަރުގަދަ ކުރަން އެހީ ވާން ވެސް ވަނީ ހަވާލުކޮށްފައި،" މުޓުންގާ ވިދާޅުވެފައިވެ އެވެ.
ކޮމަންވެލްތުން ބުނި ގޮތުގައި ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކާއި އެ ނޫން ވެސް ކަމާ ގުޅުން ހުރި ފަރާތްތަކާ މުޓުންގާ ބައްދަލުކުރައްވާނެ އެވެ. އޭނާ މަސައްކަތް ކުރައްވާނީ، ކޮމަންވެލްތުން ބުނި ގޮތުގައި، ހުޅުވާލެވިފައިވާ ޑިމޮކްރެޓިކް ނިޒާމެއް ގާއިމްކުރުމާއި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބެއް 2018 ގައި ބޭއްވުމުގެ އިތުރަށް ދައުލަތުގެ ބާރުތައް ވަކިކުރެވިފައިވާކަން ކަށަވަރު ކުރުމަށެވެ.
މިއީ ކޮމަންވެލްތުގެ ހާއްސަ މަންދޫބެއް ރާއްޖެ އަށް ކަނޑައެޅި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2012 ގައި އެމްޑީޕީގެ ވެރިކަން ބަދަލުވުމާ އެކު ހިނގި ހަމަނުޖެހުންތަކާއި އޭރު އޮތް ސިޔާސީ ހަލަބޮލިކަން ހައްލު ކުރުމަށް ރާއްޖެ އަށް އެހީ ވުމަށް ވެސް ކޮމަންވެލްތުން ހާއްސަ މަންދޫބެއް ހަމަޖެއްސި އެވެ.
ކޮމަންވެލްތުގެ މަންދޫބު ރާއްޖެ ވަޑައިގެންނެވިއިރު، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުމެއް އަންނަ މަހު ބާއްވާނެ އެވެ. މިދިޔަ އޭޕްރީލް މަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ މި ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.
ކޮމަންވެލްތުގެ މަންދޫބު ރާއްޖެ ވަޑައިގެންނެވީ އދ.ގެ ހާއްސަ މަންދޫބުގެ ދަތުރަށް ފަހު އެވެ.
ސިޔާސީ މަސްރަހު ފިނި ކުރަން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދަން އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ރާއްޖޭގައި ހަފުތާއެއްހާ ދުވަސް ހޭދަކުރެއްވި އެވެ. މާ ބޮޑު ކުރިއެރުމެއް ނުލިބި ތަމްރަތު ފުރާވަޑައިގެންނެވީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ގޮތް ދޫކޮށް، ގައުމީ މަސްލަހަތު އިސްކުރަން ބާރުއަޅުއްވާފަ އެވެ.