މޭޑޭގެ ގައިދީގެ ހާލު ސީރިއަސްއެއް ނޫން: ކަރެކްޝަންސް
މޭޑޭގެ ގައިދީގެ ހާލު ސީރިއަސްއެއް ނޫން: ކަރެކްޝަންސް

މޭ 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން، ފުލުހަކަށް ހަމަލާދިން މައްސަލަ ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އިބްރާހިމް ރަޝީދަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން އައި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިއަދު ބުނެފި އެވެ.

އެމްސީއެސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ވިދާޅުވީ، ގ. ފްރެޝް ލައިޓް އިބްރާހިމް ރަޝީދު، 26، ޖަލަށް ގެންދިޔައިރު ވެސް ހަމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އޭރު ވެސް ޑޮކްޓަރަށް ދައްކައި އޭނާ އަށް ފަރުވާ ދިން ކަމަށް ލުގުމާން ވިދާޅުވި އެވެ.

"...މި ފަހަރު ވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫން. ޑޮކްޓަރު ލަފާދިނީ އެޑްމިޓް ކޮށްގެން ފަރުވާ ދިނީމައޭ ރަނގަޅު ވާނީ. އެހެންވެ އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ ޝެޑިއުލްގެ ތެރެއިން،" ލުގުމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އާއިލާ އަށް ގައިދީންނާ ބައްދަލުކުރުމުގެ ފުރުސަތު ދެނީ އެ ގައިދީއެއްގެ ހާލު މާބޮޑަށް ސީރިއަސް ވުމުންނެވެ. އެހެން ނޫން ނަމަ، ބައްދަލު ކުރެވޭނީ ލިމިޓެއްގެ ތެރެއިން ކަމަށް ލުގުމާން ވިދާޅުވި އެވެ.

"އެއީ ކަރެކްޝަންސްގެ ޕްރޮސީޖާ ހުންނަ ގޮތް. ލިމިޓެއް އިންނާނެ ގައިދީއަކު އެޑްމިޓްކުރި ކަމުގައި ޔައަސް އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމުގައި،" ލުގުމާން ވިދާޅުވި އެވެ.

ރަޝީދުގެ އާއިލާއިން ރޭ ވާހަކަދެއްކި މީހަކު ބުނީ އޭނާގެ ގައިގެ އެކި ތަންތަނުގައި ފޮޅު ނަގާފައިވާ ކަމަށެވެ. ޑޮކްޓަރަކާ ބައްދަލު ނުކުރެވޭތީ އެކަމުގައި ވީ ކިހިނެއް ކަމެއް އަދި ސާފުނުވާ ކަމަށް ބުންޏެވެ.

މޭޑޭގެ މައްސަލާގައި ޖަލަށްލާފައިވާ އިބްރާހިމް ރަޝީދަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު، މޭޑޭގެ މައްސަލައިގައި ހައްޔަރުކުރި އެހެން ގައިދީއެއް ކަމަށްވާ އަބްދުﷲ ރަޝީދަށް ފަރުވާ ދިނުން ލަސްވެގެން ވަނީ މަރުވެފަ އެވެ.