19 އޯގަސްޓް 2018 - 14:03

ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހި ބަޔަކު އެ ގައުމުގެ ރައީސް ބައްޝާރު އަލް އަސަދުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި އޯގަސްޓު މަހުގެ ތެރޭގައި ބައްޝާރުގެ ފްރީ ސީރިޔަން އާމީގެ ފަރާތުން ހިންގި އޮޕަރޭޝަންތަކެއްގައި 650 ހަނގުރާމަވެރިއަކު އަމާން ދީ ސިފައިންނާ އަމިއްލަ އަށް ހަވާލުވެފަ އެވެ. އަދި ހަތިޔާރު ބަހައްޓަން ދެކޮޅު ހެދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
"މިހާރު" އާ ވާހަކަ ދައްކަމުން ދިވެހި ހަނގުރާމަވެރިންގެ ހަރަކާތްތައް ދިރާސާ ކުރާ މީހަކު ބުނީ ބައްޝާރުގެ ބެލުމުގެ ދަށަށް ގެންދިޔަ ހަނގުރާމަވެރިންގެ ތެރޭގައި 5 އަކާއި 10 އަކާއި ދެމެދުގެ އަދަދަކަށް ދިވެހިން ހިމެނޭ ކަމަށެވެ.
ސީރިޔާގެ ހަނގުރާމަ އަށް ދިޔަ ދިވެހިންގެ އަދަދު ގާތްގަނޑަކަށް ފަންސާހާ ގާތް ކުރާ ކަމަށް ސަރުކާރުން ބުނާއިރު ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަނީ ބޭރު ގައުމުތަކުގެ ހަނގުރާމައިގައި ބައިވެރިވާ ދިވެހިންގެ އަދަދު 250 އާ ގާތްކުރާނެ ކަމަށެވެ.
ސީރިޔާގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރާ ތަހުރީރުއް ޝާމް (އައް ނުސްރާ ފްރަންޓް) އަދި އައިސިސްއާ ވެސް ދިވެހިން ދަނީ ގުޅެމުންނެވެ.
ތަހުރީރުއް ޝާމާއި އައިސިސް އިން ސީރިޔާގެ ސިފައިންނާ ހަނގުރާމަ ކުރަމުން އަންނަ އިރު ދެ ގްރޫޕުން އެއްބަޔަކު އަނެއް ބަޔަކާ ވެސް ހަނގުރާމަ ކުރެ އެވެ.
ތަހުރީރުއް ޝާމާއި އައިސިސްގައި ހަރަކާތްތެރިވަމުންދާ ދިވެހިންގެ މެދުގައި ވެސް ސީރިޔާގައި ހަމަލާ ބަދަލުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ޖުލައި މަހު ތަހުރީރުއް ޝާމަށް ނިސްބަތްވާ ދިވެހިންތަކެއް ބައިވެރިވެގެން އައިސިސް އަށް ނިސްބަތްވާ ދިވެއްސެއްގެ ބޯ ކަނޑާލައި މަރާލައިފައިވެ އެވެ.
ބޯ ކަނޑާލައި މަރާލާފައި ވަނީ ވ. މެޑެލްޖެހިގޭ، އަހުމަދު ޒުބައިރު (ޒުއްބަ) އެވެ. އޭނާ އަކީ ރާއްޖޭގައި އުފެދުނު ދީނީ ހަރުކަށި ޖަމިއްޔާއެއް ކަމަށްވާ ޑޮޓު ގްރޫޕުގައި ހަރަކާތްތެރިވި މީހެކެވެ.