ހާސްވެފައި ހުރުމުން އިމްރާނަށް ހުވައިގެ އިބާރާތް ވިދާޅުވެވުނީ ނުބައިކޮށް
ހާސްވެފައި ހުރުމުން އިމްރާނަށް ހުވައިގެ އިބާރާތް ވިދާޅުވެވުނީ ނުބައިކޮށް

އިސްލާމްއާބާދު (އޮގަސްޓް 19) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ ހުވާ އިމްރާން ޚާން އިއްޔެ ކުރެއްވި އިރު ހާސްވެފައި ހުންނެވިވަރުން ހުވާގެ ބައެއް އިބާރާތްތައް ނުބައިކޮށް ވިދާޅުވެވިއްޖެ އެވެ.

ޖުލައި މަހު ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)ގެ ލީޑަރަށް ހުވައި ލައިދެއްވީ ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން އެވެ. އިސްލާމްއާބާދުގެ ޕްރެޒިޑެންޝަލް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި އިމްރާން، 65، ފެނުނީ ކުޑަކޮށް ހާސްވެފައި ހުންނަވަނިކޮށެވެ. އެހެންވެ ހުވައިގެ އުރުދޫ ބަހުގެ ބައެއް އިބާރާތްތައް އިމްރާނަށް ވިދާޅުވެވުނު ގޮތުން މާނަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

ރައީސް މަމްނޫން ހުސައިން "ރޯޒޭ ގިޔާމަތު" (ގިޔާމަތް ދުވަސް) ވިދާޅުވުމުން އިމްރާން އަށް އެ އިބާރާތް ރަނގަޅަށް ފަހުމް ނުވުމުން ވިދާޅުވެވުނީ "ރޯޒޭ ގިޔާދަތު" (ޒައާމަތުގެ ދުވަސް) އެވެ. އިބާރާތުގެ މާނަ މުޅިން ބަދަލުވާނެތީ ރައީސް މަމްނޫން ހުސައިން ވަނީ އެ އިބާރާތް ތަކުރާރު ކުރައްވައިފަ އެވެ. އިމްރާން ޚާން އަށް ވެސް އެއީ ގޯހެއްކަން ވިސްނި ވަޑައިގަތުމުން ވަނީ ހިނިފުޅުވަޑުވާލުމަށް ފަހު "ސޮރީ" އޭ ވިދާޅުވެ އިބާރާތް ރަނގަޅު ކުރައްވައިފަ އެވެ.

ބައެއް ނޫސްވެރިން ބުނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ކުރިން ރިހާސަލް ބާއްވަން ޖެހޭނެ ކަމަށެވެ. އިމްރާން ޚާން އަށް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުނީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާތާ 22 އަހަރު ފަހުންނެވެ.