މުޅި އާއިލާ ޖަލަށް ލިއަސް ފާރިސް ދުލެއް ނުދެއްވާނެ: ތަޒްމީލް
މުޅި އާއިލާ ޖަލަށް ލިއަސް ފާރިސް ދުލެއް ނުދެއްވާނެ: ތަޒްމީލް

މުޅި އާއިލާ ޖަލަށް ލިޔަސް ދޫ ދެއްވުމެއް ނެތި، އިސްލާހީ މަސައްކަތުގައި ދިއްގަރު ދާއިރާގެ މެމްބަރު، އަހްމަދު ފާރިސް މައުމޫން ދެމިހުންނަވާނެ ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ތަޒްމީލް އަބްދުއް ސަމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަޒްމީލް ވިދާޅުވީ ދޫނިދޫގައި ދާދި ފަހުން، ފާރިސްއާ ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ފާރިސް، ރައްޔިތުންނަށް ދެއްވަން ވިދާޅުވި ޔަގީންކަމަކީ، މުޅި އާއިލާ އަށް ދަތިކުރިއަސް އިސްލާހީ މަސައްކަތް ދޫކޮށްނުލައްވާނެ ކަން ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރީ އެމަނިކުފާނު ވިދާޅުވި ތަޒްމީލްއޭ ތިމަން މަނިކުފާނު މިއަދު މިތާނގައި މިހިރީ ހިތަށް ކެތްވެގެނެއް ނޫނޭ. ދިވެހި ރައްޔިތުންގެ ހައްގުގައި މިކުރާ މަސައްކަތް ނުކޮށްފިނަމަ ބޭރުން ބަޔަކު އެ މަސައްކަތް ކުރަން ނާންނާނެ ކަމަށާއި ޖަލުގެ ތޭރިތަކުގެ ތެރޭގައި މުޅި އުމުރު ދުވަސް ހޭދަވިޔަސް އަދި މުޅި އާއިލާ ޖަލަށްލިޔަސް އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް،" ތަޒްމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިވަންކަމާއި ފަސޭހަކަމާއެކު އުޅެވޭނެ ފުރުސަތު ފާރިސަށް ވެސް ހޯދިދާނެ އެވެ. އޭގެބަދަލުގައި، ދިވެހި ރައްޔިތުންގެ ހައްގު އިސްކުރައްވައި ފާރިސް ވެވަޑައިގަންނަވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވިދާޅުވި އެވެ.

ތަޒްމީލް ވިދާޅުވީ ފާރިސް އަކީ ހުރިހާ އެންމެންނަށް ހަމަހަމަކަމާއި އޯގާތެރިކަމާއި އެކު ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކުރައްވަން މަސައްކަތް ކުރެއްވި ޒުވާން ލީޑަރެއް ކަމަށެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ ދެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

މީގެ އިތުރުން ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހު ވަނީ އިއްވައިފަ އެވެ. އެ ހުކުމާ އެކު މެމްބަރު ކަމުގެ ގޮނޑި ނުގެއްލުނަސް، ހުކުމުގެ މުއްދަތުގައި ފާރިސަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.