ނުބައި ތަންތަނަށް ރީ ރަޖިސްޓްރީ ކުރާ ކަމުގެ ޝަކުވާ ބޮޑު: އެމްޑީޕީ
ނުބައި ތަންތަނަށް ރީ ރަޖިސްޓްރީ ކުރާ ކަމުގެ ޝަކުވާ ބޮޑު: އެމްޑީޕީ

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީކުރި ތަންތަން ނޫން އެހެން ތަންތަނަށް ރީ ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އުފަން ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލުމަށް ހުށަހެޅި 90،000 ފޯމުގެ ތެރެއިން 70،000 ފޯމް ޕްރޮސެސް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ރީ ރަޖިސްޓްރީ ފޯމްތަކުގެ ސައްހަ އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަ ނުކުރާއިރު، ރީ ރަޖިސްޓްރީ ފޯމް ހުށަހެޅި އެތައް ބަޔަކު ނުބައި ތަންތަނަށް ރީ ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަދެއް ވެސް ނޫން. ބައެއް ރަށްރަށުގައި 100 އަށް ވުރެ މައްޗަށް އަދަދު އަރަމުންދާ ކަމަށް މައުލޫމާތު ލިބެނީ. އަދި ސިނާއީ މަސައްކަތް ކުރާ ސަރަހައްދުތަކުގައި ވެސް އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަންތަނަށް ރަޖިސްޓްރީ ކޮށްފައިވާ މައުލޫމާތު އެބަ ލިބޭ. ވަކިން ޚާއްސަކޮށް ކޫއްޑޫގައި އެތައް ބަޔަކު އެހެން ހިސާބުތަކަށް ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ މައުލޫމާތު އެބަ ލިބޭ." ޝިފާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީކުރި ބައެއް މީހުންނަށް ވެސް އެތަންތަނުގައި ވޯޓުލެވޭނެ ކަން އަދިވެސް ކަށަވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ރީ ރަޖިސްޓްރީ ވެފައިވާ ތަނުގެ މައުލޫމާތު ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ޚާއްސަ ކޮށްފައިވާ ނަމްބަރު 1414 އަށް އެސްއެމްއެސް ކުރުމުން ގިނަ ފަހަރު ސާވާ ބިޒީވެފައި ހުންނަ ކަމަށާއި އެހެންވެ، އެ މައުލޫމާތު ހޯދަން ވެސް ބައެއް ފަހަރު އުނދަގޫ ވެފައިވާ ކަމަށެވެ. ކޮންމެ ދުވަހަކު އެ ނަމްބަރަށް އެސްއެސްއެމް ކުރަން ޖެހޭއިރު، އެކަމަށް ޗާޖް ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ޝިފާޒް ފާޅު ކުރެއްވި އެވެ. އެ ނަމްބަރަށް ހިލޭ އެސްއެމްއެސް ކުރެވޭނެ ގޮތް ހަމަޖައްސަން އިދިކޮޅު ޕާޓީތަކުން ކުރިން ވެސް އެދިފައިިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ތިން ފަހަރު، ހަތަރު ފަހަރު މެސެޖް ކުރަންޖެހޭ ހާލަތަށް އައިސްފައި މި އޮތީ. އެހެންވީމަ ބޮޑު އަދަދެއް އެ ބޭފުޅެއްގެ ފޯނުން މިކަމަށް ޚަރަދު ކުރަން އެބަޖެހޭ." ޝިފާޒް ވިދާޅުވި އެވެ.

އިންތިޚާބާ ގުޅޭގޮތުން އެތައް ތުހުމަތެއް ފުނިޖެހެމުން އަންނައިރު، އެކަންކަން އިލެކްޝަންސް ކޮމިޝަނުން ސާފުކޮށް ނުދޭ ސަބަބާ މެދު ޝިފާޒް ސުވާލު އުފެއްދެވި އެވެ. އެއްވެސް ކަމެއް ގޯސްކޮށް ނުކުރާ ކަމަށް އެ ކޮމިޝަނުން ބުންޏަސް، ކޮމިޝަނުން ދައްކާ ވާހަކަތައް ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސުވާލުތަކަށް ޖަވާބު ނުދީ އުޅެނީ އިންތިޚާބަށް މަކަރު ހަދަންތޯ ޝިފާޒް ސުވާލު ކުރެއްވި އެވެ. އެކަމަކު ވޯޓު އޮޅުވާލުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓު އޮޅުވާލުމުގެ ވިސްނުމެއް އޮވެދާނެ އަދި މަކަރު ހެދުމުގެ ވިސްނުމެއް ވެސް އޮވެދާނެ. އެކަމަކު ތަކުރާރުކޮށް ދަންނަވާލާނަން މި ވޯޓަށް މަކަރު ހަދައި، އޮޅުވާލުމުގެ އެއްވެސް ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" ޝިފާޒް ވިދާޅުވި އެވެ.

އީ ވޯޓިންއާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނަށް މައުލޫމާތު ދިނުމަށް ރާއްޖެ އައި ސައުތު ކޮރެއާގެ ލެކްސްޓަން ގްރޫޕާ އިލެކްޝަންސް ކޮމިޝަނުން ބައްދަލުކުރި ކުރުމަށް ފާޑު ވިދާޅުވެ، ޝިފާޒް ވިދާޅުވީ ލެކްސްޓަން ގްރޫޕަކީ އެހެން ގައުމުތަކުގެ އިންތިޚާބުތަކުގައި މަކަރު ހެދުމުގެ ރެކޯޑް އޮންނަ ބައެއް ކަމަށެވެ.

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭއަށް ވެރިކަން ހޯދައި ދިނުމަށް ލެކްސްޓަން ކުންފުނިން ނަތީޖާ އޮޅުވާލި ކަމަށް ވިދާޅުވެ، ޝިފާޒް ވަނީ އެ ކުންފުނިން ބޭނުން ކޮށްގެން ރައީސް އަބްދުުﷲ ޔާމީންގެ ސަރުކާރު ދަމަހައްޓަން އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތުގައި އިދިކޮޅު ޕާޓީތަކުން ބައިވެރި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އިލެކްޝަންސް ކޮމިޝަންގެ ރައީސަށް އެދުވަހު ވެސް އަޅުގަނޑުމެން ދެންނެވި އަދި މިއަދު ވެސް މިދަންނަވަނީ އިސްތިއުފާ ދެއްވާށޭ. އިސްތިއުފާ ދެއްވާފައި، ދެ ފުށް ފެންނަ އިންތިޚާބަކަށް ސިޔާސީ ޕާޓީތަކުގެ އިތުބާރު އޮތް ކޮމިޝަނެއް ގާއިމް ކުރުމުގެ ފުރުސަތު ދެއްވާށޭ،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި އިންތިޚާބާ ބެހޭ ގާނޫނުތަކުގައި ބުނާ ކަންކަން ފުރިހަމަ ކުރުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ ދެކޮޅު ހަދަމުންނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއެއް ކެންޑިޑޭޓުންނަށް ދިނުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެއް ކަމަށްވިޔަސް، އެކަމަށް ކޮމިޝަނުން ދެކޮޅު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައި އެ ލިސްޓް ވެރިފައި ކުރަން ބޭނުންފުޅުވާ ކަމަށް. އެ ލިސްޓުގައި ސޮއި އެޅޭނީ އެ ހުރިހާ ނަމެއް ވެރިފައި ކުރުމަށް ފަހުގައި ކަމަށް. އެ ފުރުސަތު އަޅުގަނޑުމެންނަށް ލިބެން ޖެހޭނެ،" ޝިފާޒް ވިދާޅުވި އެވެ.