ބާތިލް ވާނީ ކޮން ކެނޑިޑޭޓެއްކަން ނޭނގޭ ގޮތަށް ދޭ ވޯޓު އެކަނި: އިލެކްޝަންސް
ބާތިލް ވާނީ ކޮން ކެނޑިޑޭޓެއްކަން ނޭނގޭ ގޮތަށް ދޭ ވޯޓު އެކަނި: އިލެކްޝަންސް

އަންނަ މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި ބާތިލް ވޯޓެއްގެ ގޮތުގައި ބަލާނީ، ކޮން ކެންޑިޑޭޓެއް ސާފު ނުވާގޮތަށް ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ދެ ކެންޑިޑޭޓުން ކަމަށް ވާތީ، ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ އެ ދެ ބޭފުޅުންގެ ނަމެވެ. އެހެންވެ، ވޯޓު ލާން ބޭނުންވާ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ޖަހާފައިވާ ނަމަ، އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ބަލާނެ ކަމަށް އީސީން ބުންޏެވެ.

އެކަމަކު ފާހަގަ ޖަހާފައިވާ ގޮތުން، ވޯޓުދީފައިވަނީ ކޮން ކެންޑިޑޭޓަށް ކަމެއް ސާފު ނުވާނަމަ ނުވަތަ ދެ ނަމުގައި ވެސް ހެޔޮ ފާހަގަ ޖަހާފައިވާ ނަމަ ވޯޓު ބާތިލްވާނެ ކަމަށް އެ ތަނުން ބުންޏެވެ.

"ވޯޓު ކަރުދާސް ގުނާއިރު އަޅުގަނޑުމެންނަށް ހަމައެކަނި ފެންނާނީ ހެޔޮ ފާހަގަ. އެކަމަކު، ކޮން ކެންޑިޑޭޓެއްކަން ސާފުނުވާގޮތަށް، މިސާލަކަށް ދެ ނަމުގައި މެދުގައި ފާހަގަ ޖަހާފައިވާނަމަ ވޯޓު ބާތިލް ވާނެ،" އީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއް ކެންޑިޑޭޓުގެ ނަމުގައި ހެޔޮ ފާހަގަ ޖަހާފައި، އަނެއް ނަމުގައި ރަސްގެ ޖެހިޔަސް އެ ވޯޓު ގަބޫލު ކުރާނެ ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ކުރަހައި، ލިޔެ ހެދި ނަމަވެސް ވޯޓު ބާތިލް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރައްވާ، ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭޓު ނަމްބަރަކީ އެކެކެވެ. އަދި އިދިކޮޅު ކޯލިޝަން ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓު ނަމްބަރު ދޭކެެވެ.

މިއީ، 2008 ގައި އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ދެ ކެންޑިޑޭޓުންނާ އެކު ރިޔާސީ އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު (އެންމެ ގިނަ ވޯޓު) ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ. އެހެންކަމުން، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ބުރެއް ނޯންނައިރު، ފުރަތަމަ ބުރުން ރައީސަކު ހޮވާނެ އެވެ.