19 އޯގަސްޓް 2018 - 10:50

ލޮމްބޮކް (އޮގަސްޓް 19) - އިންޑޮނީޝިއާގެ ލޮމްބޮކް އައިލެންޑަށް އަނެއްކާވެސް މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.
ރިކްޓާ މިންގަނޑުން 6.3 ގެ ބާރު މިނުގައި މި ބިންހެލުން އައިސްފައި މި ވަނީ ލޮމްބޮކަށް ބާރުގަދަ ބިންހެލުމެއް އައިތާ ދެ ހަފުތާ ފަހުންނެވެ. އެ ފަހަރުގެ ބިންހެލުމުގައި ވަނީ 460 މީހުން މަރުވެފަ އެވެ.
ބިންހެލުމުގެ ބާރު ބޮޑަށް ހުރީ އީސްޓް ލޮމްބޮކުގަ އެވެ. އެ ބިންހެލުމުގެ އަސަރު ވަނީ ބާލީ އަށް ވެސް ކޮށްފަ އެވެ.
އޮގަސްޓް 5 ވަނަ ދުވަހު 6.9 ގެ ބާރު މިނުގައި އައި ބިންހެލުމުގައި ވަނީ އެތައް ހާސް ގެއެއް ވެއްޓިފަ އެވެ.
އިންޑޮނީޝިއާގެ ސުމަތުރާ އަށް 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމުގައި އުފެދުނު ސުނާމީއާ އެކު އިންޑިއާ ކަނޑުގެ ގައުމުތަކުން ވަނީ 220،000 މީހުން މަރުވެފަ އެވެ. އިންޑޮނީޝިއާ އިން އެކަނި ވެސް ވަނީ 168،000 މީހުން މަރުވެފަ އެވެ.
ފިޖީ އަށް މިއަދު ހެނދުނު 8.2 ގެ ބާރު މިނުގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ބުނެފަ އެވެ. ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނެފައި ވަނީ ސުނާމީއެއް އުފެދިދާނެ ކަމުގެ ބިރެއް ނެތް ކަމަށެވެ.