19 އޯގަސްޓް 2018 - 10:54

އިލެކްޓްރޯނިކް ވޯޓިންގައި ބޭނުންކުރާ ސިސްޓަމްތަކެއްގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދޭން ރާއްޖެ އައި ބޭރުގެ ލެކްސްޓަން ގްރޫޕުން، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އަށް ދިޔައީ އެތަނުގައި މަސައްކަތް ކުރާ ގޮތް ބަލާލަން ކަމަށް، ޑިރެކްޓަރު ފާތުމަތު ފަރީދާ މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގައި މައި އޮފީސް ހިންގާ، ސައުތު އެފްރިކާގެ ލެކްސްޓަން ގްރޫޕުގެ ބަޔަކު، ޑީއެންއާރު ތެރޭގައި އުޅޭ ފޮޓޯއެއް އާއްމުކުރީ އިލެކްޝަންސް ކޮމިޝަންގެ އައިޓީ ކަންކަމުގައި އެ ގްރޫޕްގެ އެހީ ހޯދަމުން އަންނަ ކަމުގެ ތުހުމަތާ އެކުގަ އެވެ. ރިޔާސީ އިންތިޚާބަށް މަހަކަށް ވެފައި ވަނިކޮށް، ބޭރުގެ ކުންފުންޏަކުން އީސީ އާއި ޑީއެންއާރު ތެރޭގައި ހަރަކާތްތެރިވި ސަބަބާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.
ޑީއެންއާރުން ޖަވާބުދާރީވާން އެދި އާއްމުކޮށްފައިވާ ފޮޓޯ އިން ފެންނަނީ، ދެ މީހަކު އެތަނުގެ ސިސްޓަމްތަކެއް ބަލަނިކޮށެވެ. އެއީ، ލެކްސްޓަންގެ ދެ މީހުން ކަމަށް ޑީއެންއާރުން އެއްބަސްވެ އެވެ.
ފަރީދާ ވިދާޅުވީ އީސީ އަށް ޒިޔާރަތްކުރި ލެކްސްޓަން ގްރޫޕުން ޑީއެންއާރުގެ މަސައްކަތް ކުރާ ގޮތް ބަލާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އާއްމުކުރި ފޮޓޯ އިން ފެންނަނީ އެތަނުގެ ޚިދުމަތް ދެމުން ދަނިކޮށް ސިސްޓަމް ބަލާލި މަންޒަރު ކަމަށާއި އޭގެ އިތުރުން ޑީއެންއާރާ ގުޅިގެން އެއްވެސް މަސައްކަތެއް އެ މީހުން ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
"އާއްމުންނަށް ވެސް ފެންނާނެ ތަނެއް، އެ މީހުން ބަލާލީ. ހަމައެކަނި ޑީއެންއާރުގެ ޚިދުމަތް ދޭ ގޮތް،" ފަރީދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑީއެންއާރާ ގުޅިގެން ޓެކްނިކަލް އަދި އެހެން އެއްވެސް ކަމެއް ލެކްސްޓަން ގްރޫޕަކުން ނުކުރެ އެވެ.
ލެކްސްޓަން ގްރޫޕަކީ ޒިމްބާބުވޭ ފަދަ ޚުދުމުހުތާރު ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތަކާ ގުޅިގެން އިންތިޚާބުގައި މަކަރާއި އޮޅުވާލުން ހަދާފައިވާ ކުންފުންޏެއް ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރެ އެވެ. މިފަދަ ބަޔަކު ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާ ގުޅިގެން މަސައްކަތްތަކެއް ކުރާ ކަމަށް ތުހުމަތުކޮށް، ކަންބޮޑުވުން ފާޅުކުރި މީހުން ބުނާ ގޮތުގައި، އެ ކުންފުނީގެ ބޭނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ސިސްޓަމްތައް މެދުވެރިކޮށް ރިޔާސީ އިންތިޚާބުގެ ވޯޓުގައި މަކަރު ހަދަން އެހީވުމެވެ.
އެކަމަކު އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އިއްޔެ ވިދާޅުވި ގޮތުގައި، ކޮމިޝަނުގެ އައިޓީ ކަންކަން ނުވަތަ ރިޔާސީ އިންތިޚާބާ ގުޅޭ އެއްވެސް ކަމެއްގައި ލެކްސްޓަން ނުވަތަ ބޭރުގެ ކުންފުންޏެއްގެ ބައިވެރިވުމެއް ނެތެވެ. އެ މީހުން ރާއްޖެ އައިސް އެ ކޮމިޝަނާ ބައްދަލުކުރީ، އިލެކްޓްރޯނިކް ވޯޓިންއާ ގުޅޭ މައުލޫމާތުތަކެއް ދޭން ކަމަށް ވިދާޅުވި އެވެ.
"އީ ވޯޓިންގައި އެ މީހުން ބޭނުންކުރާ ސިސްޓަމްތަކުގެ މައުލޫމާތު ކޮމިޝަނާ ހިއްސާކުރީ. އެ ބައްދަލުވުމަށް، ސިޔާސީ ޕާޓީތަކަށް ދައުވަތު ފޮނުވިން. އެކަމަކު ހިތާމައަކީ، އެ ބައްދަލުވުމުގައި އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކުން ބައިވެރި ނުވުން،" ޝަރީފް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރި ނުވެ، އަދި ކަމުގެ ހަގީގަތް ނުބަލައި އެ ކޮމިޝަން ބަދުނާމުވާ ގޮތަށް ސިޔާސީ ޕާޓީތަކުން މައުލޫމާތު ފަތުރަމުންދާ ކަަމަށް ވިދާޅުވެ މި މައްސަލައިގައި އޭނާ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.
އިލެކްޝަންސުން ބުނިގޮތުގައި ލެކްސްޓަންއާ ފުރަތަމަ ބައްދަލުވީ ރާއްޖެ އިން ބޭރުގައި ބޭއްވި އިލެކްޓްރޯނިކް ވޯޓިންއާ ގުޅޭ ސިމްޕޯސިއަމަކުންނެވެ. ރާއްޖެ އައިސް އެ މީހުންގެ ސިސްޓަމްތަކާ ގުޅޭ މައުލޫމާތު އިލެކްޝަންސަށް ދިން ނަމަވެސް ރާއްޖޭގައި ތައާރަފުކުރާ އީ ވޯޓިންގައި ބޭނުންކުރާނީ އެ މީހުންގެ ސިސްޓަމްތައް ކަމެއް އަދި ނުނިންމަ އެވެ.
އީ ވޯޓިންގެ ސިސްޓަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން އިތުރު ކުންފުނިތަކަކުން ރާއްޖެ އައިސް، އެ ކޮމިޝަނާ ބައްދަލުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
އީވޯޓިން ތައާރަފުކުރަން އިލެކްޝަންސް ކޮމިޝަނުން ވިސްނަނީ ރިޔާސީ އިންތިހާބަށް ފަަހު ބާއްވާ އިންތިޚާބުތަކުގަ އެވެ.