22 އޯގަސްޓް 2018 - 07:56

ފާއިތުވި 10 އަހަރުގެ ރެކޯޑްތަކަށް ބަލާއިރު މިއީ ބޮލީވުޑަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށް ފިލްމީ ހަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ.
މި އަހަރުގެ މިހާތަނަށް ނުކުތް ފިލްމްތަކުގެ ތެރެއިން 11 ފިލްމަކީ ބޮޑެތި ހިޓްތަކެވެ. މީގެ ތެރެއިން ބައެއް ފިލްމްތަކަކީ އިންޑިއާގައި އެކަނި ދައްކައިގެން 100 ކްރޯޑް ރުޕީސް އަށް ވުރެ ވުރެ ބޮޑު އާމްދަނީއެއް ވެސް ހޯދި ފިލްމްތަކެވެ.
މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ ރާޖްކުމާރް ހިރާނީ ޑައިރެކްޓްކޮށް، ރަންބީރު ކަޕޫރް ޓައިޓްލް ރޯލް ކުޅުނު "ސަންޖޫ" އެވެ.
މި އަހަރު ދެން އެންމެ ކާމިޔާބު ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ފިލްމް "ޕަދްމާވަތު" އެވެ.
މި އަހަރުގެ މިހާތަނަށް 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމްތަކަކީ "ސަންޖޫ" އާއި "ޕަދްމާވަތު" ގެ އިތުރުން ޓައިގާ ޝްރޮފްގެ "ބާގީ 2" އާއި އަޖޭ ދޭވްގަންގެ "ރެއިޑް" އާއި ސަލްމާން ހާންގެ "ރޭސް 3" އާއި އާލިއާ ބަޓްގެ "ރާޒީ" ގެ އިތުރުން ވަރަށް އާދައިގެ ތަރިންތަކެއް ހިމެނޭ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ.
ލަވް ރަންޖަން ޑައިރެކްޓް ކުރި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަކީ އަހަރުގެ އެންމެ ހައިރާން ކުރުވަނިވި ހިޓް ވެސް މެ އެވެ.
މި އަހަރު ދެން އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި ކަރީނާ ކަޕޫރްގެ "ވީރޭ ދީ ވެޑިން" އާއި ޖޯން އަބްރަހަމްގެ "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން"، އަކްޝޭ ކުމާރްގެ "ޕެޑްމޭން" އާއި ރާނީ މުކަރްޖީގެ "ހިޗްކީ" އާއި އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރްގެ "102 ނޮޓް އައުޓް" ގެ އިތުރުން ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފު ކުރި "ދަޅަކް" ހިމެނެ އެވެ.
ހަމަ މިއާ އެކު މި މަހުގެ 15 ވަނަ ދުވަހު ރިލީޒްކޮށް، ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ އަކްޝޭގެ "ގޯލްޑް" އާއި ޖޯންގެ "ސަތިޔަމޭވް ޖަޔަތޭ" އަކީ ވެސް އަހަރުގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ލިސްޓަށް އަރާ ދެ ފިލްމެވެ. އެއް ދުވަހެއްގައި ދެ ފިލްމް ރިލީޒްކޮށް، ބޮކްސް އޮފީހުގައި ދެ ފިލްމް ވެސް ރަނގަޅު ވިޔަފާރިއެއް އަންނަނީ ކުރަމުންނެވެ.
ބޮލީވުޑްގެ ހަބަރުތައް ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި ބާކީ އަދި ހަތަރު ވަރަކަކަށް މަސް އޮތް އިރު، ވަރަށް އުންމީދީ ފިލްމްތަކެއް ރިލީޒްވާން އެބަ ހުއްޓެވެ.
އަދި މި މަހުގެ 31 ގައިި ރިލީޒް ކުރާ ޝްރަދާ ކަޕޫރާއި ރާޖްކުމާރް ރާއޯގެ "ސްޓްރީ" އަށް ވެސް ކުރެވޭ އުންމީދުތައް ބޮޑު އިރު، އަންނަ މަހުގެ 7 ގައި ކާޖޮލްގެ "އީލާ" އާއި އަންނަ މަހުގެ 21 ގައި ޝާހިދު ކަޕޫރްގެ "ބައްތީ ގުލް މީޓަރު ޗާލޫ" އާއި ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާގެ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އަންނަ މަހުގެ 28 ގައި ސިނަމާތަކަށް އަންނާނެ އެވެ.
މީގެ އިތުރުން އަރްޖުން ކަޕޫރްގެ ނަމަސްތޭ އިންގްލެންޑް (އޮކްޓޯބަރު 19) އާއި އާމިރް ހާނާއި އަމީތާބް ބައްޗަންގެ ތަގްސް އޮފް ހިންދުސްތާން (ނޮވެމްބަރު 7) އާއި ރަޖްނީކާންތާއި އަކްޝޭގެ 2.0 (ނޮވެމްބަރު 29) އާއި ސާރާ އަލީ ހާންގެ ކެދަރްނާތު (ނޮވެމްބަރު 30) އާއި އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓްގެ ޓޯޓަލް ދަމާލް (ޑިސެމްބަރު 7) އާއި ޝާހްރުކް ހާންގެ ޒީރޯ (ޑިސެމްބަރު 21) ގެ އިތުރުން ރަންވީރް ސިންގްގެ ސިމްބާ (ޑިސެމްބަރު 28) އަކީ އަހަރުގެ ފަހުކޮޅުގައި ރިލީޒްވާން ހުރި ބޮޑެތި ފިލްމްތަކެވެ.
މި ފިލްމްތަކާ އެކު މި އަހަރު ހިޓް ފިލްމްތަކުގެ އަދަދު 23-25 އަށް އަރާނެ ކަމަށް ހަބަރުތައް ދިރާސާކުރާ މީހުން ބުންޏެވެ.
ފާއިތުވި 10 އަހަރަށް ބަލައިލާ އިރު އެންމެ ގިނަ ހިޓް ފިލްމްތައް އެންމެ ފަހުން ސިނަމާ އަށް އައީ 2012 ގަ އެވެ. އެ އަހަރުގެ ހިޓްތަކުގެ އަދަދު އުޅެނީ 16 ގަ އެވެ. މިދިޔަ އަހަރު ރިލީޒް ކުރި ހިޓް ފިލްމްތަކުގެ އަދަދު 9 ގައި އުޅޭ އިރު، 2016 ގައި އެ އަދަދު އުޅެނީ 11 ގަ އެވެ.
ދެހާސް ފަނަރައިގައި 10 ހިޓް ސިނަމާ އައި އިރު، އޭގެ ކުރީ އަހަރު އެ އަދަދު އުޅެނީ 12 ގަ އެވެ. އަދި އަދި ދެހާސް ތޭރައިގައި ޖުމްލަ 12 ހިޓް ގެނެސް ދިން އިރު، 2012 ގައި 16 ހިޓް ސިނަމާ އަށް އެވެ. މީގެ އިތުރުން 2011 ގައި 13 ހިޓް ފިލްމް ބެލުންތެރިންނަށް ގެނެސް ދިން އިރު، 2010 ގައި އެ އަދަދު އުޅެނީ އެންމެ 8 ގަ އެވެ.