20 އޯގަސްޓް 2018 - 07:06

"ސުއީ ދާގާ: މޭޑް އިން އިންޑިއާ" ކުޅެ ނިމުނުއިރު ވަރުން ދަވަން އަށް ފަހަން ދަސްވެއްޖެ އެވެ. އެހެންވެ، މި މަހުގެ 16 ވަނަ ދުވަހު އޭނާގެ ބައްޕަ އަދި މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ 68 ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް ވަރުން ދިނީ އޭނާ އަމިއްލަ ފެހި ގަމީހެކެވެ.
ހުދު ކުލައިގެ އަތްދިގު އެ ގަމީސް ލައިގެން ޑޭވިޑް، ވަރުންއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ އާންމުކޮށްފަ އެވެ.
ޑޭވިޑް ބުނި ގޮތުގައި ދަރިފުޅު އަމިއްލަ އަށް ފަހައިގެން ހަދިޔާއަކަށް ގެނެސްދިން ގަމީސް ލެވުމަކީ އާދަޔާލާފު ބޮޑު އުފަލެއް ލިބުނު ކަމެކެވެ. އަދި މިއީ ވަރަށް ވެސް ހާއްސަ ކަމެއް ކަމަށް ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ވަރުން ބުނީ ބައްޕަ އޭނާ އަދިވެސް ޅަކޮށްގެން އުޅުނަސް މިހާރު އެއީ ބޮޑު މީހެއް ކަމަށެވެ. އަދި ކަންކަން ވާނެކަން މިކަމުން ސާބިތުކޮށް ދެވިއްޖެ ކަމަށް ބުންޏެވެ.
ވަރުން، ފަހާ މީހެއްގެ ރޯލުން ފެނިގެންދާ "ސުއީ ދާގާ" ކުޅެން އޭނާ ވަނީ ވަރަށް ގިނަ ދުވަހު ފަހަން ދަސްކުރުމުގެ ޓްރޭނިންތައް ހަދައިފަ އެވެ.
"މިހާރު ހަމަ ކޮންމެ އެއްޗެއް ވެސް ފަހަން އެނގޭނެ، މާ މޮޅަށް ނޫނަސް،" ކާމިޔާބު އެކްޓަރު ބުންޏެވެ.
އަންނަ މަހުގެ 28 ގައި ރިލީޒް ކުރާ "ސުއީ ދާގާ" ގައި ވަރުން ފަހާ މީހެއްގެ ރޯލް ކުޅެފައިވާ އިރު، އޭނާގެ އަންހެނުންގެ ރޯލް ކުޅުނު ބަތަލާ އަނުޝްކާ ޝަރްމާ ފިލްމުން ފެނިގެން ދާނީ ޖަރީކުރާ މީހެއްގެ ރޯލުންނެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ޝަރަތު ކަތަރިޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަމިއްލަ މަސައްކަތުން ދިރިއުޅުން ކާމިޔާބު ކުރަން މަސައްކަތް ކުރާ ޒުވާން ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ އިޖުތިމާއީ ފިލްމެކެވެ.